ރާއްޖޭގެ ދައުލަތުގެ މުއައްސަސާތައް ހަރުދަނާވެ، ސިޔާސީ ނުފޫޒުން ނެއްޓި ޤާނޫނު ތަންފީޒުކުރާ ތަން މިހާރު ފެންނަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ވިދާޅުވެއްޖެއެވެ.

މެންބަރު ނިޒާރު މިހެން ވިދާޅުވީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ޓްރެފިކް ގަވާއިދުތަކާ ތަކުރާރުކޮށް ހިލާފުވާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންގާފައިވާ އެންގުމާ ގުޅިގެން ކުރެއްވި މީސްމީޑިއާ ޕޯސްޓެއްގައެވެ.

މެންބަރު ފާހަގަކުރެއްވި ގޮތުގައި، މިހާރު ފެންނަމުން ދަނީ އެންމެންގެ މައްޗަށް އެއް ހަމައަކުން ޤާނޫނު ތަންފީޒު ކުރެވެމުންދާ މަންޒަރު ކަމަށާއި، މުއައްސަސާތަކުގެ މި މަސައްކަތަށް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ދެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ މަގުމަތީގެ ޓްރެފިކް އާންމު އުސޫލުތަކަށާއި އަދަބުތަކަށް ބޯނުލަނބާ މަދު ބައެއްގެ ސަބަބުން ގިނަ ބައެއްގެ ހައްގުތައް ގެއްލި، ނުރައްކާތެރި އެކިއެކި ހާދިސާތައް ތަކުރާރުކޮށް ހިނގަމުންދާ ކަމަށެވެ. އެހެންކަމުން ޓްރެފިކް ގާނޫނާއި ގަވާއިދުތަކަށް ތަކުރާރުކޮށް ހިލާފުވާ ފަރާތްތަކާމެދު ފުލުހުންގެ ފަރާތުން ހާއްސަ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުން ގެންދާނެ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.

މި ފިޔަވަޅުތަކުގެ މައިގަނޑު މަގުސަދަކީ މަގުތަކަކީ އެންމެހާ ރައްޔިތުންނަށް ވެސް ރައްކާތެރި އަމާން ތަނެއްގެ ގޮތުގައި ބޭއްވުމާއި، މަދު ބައެއްގެ ސަބަބުން ހިނގާ ނުރައްކާތެރި ހާދިސާތައް ހުއްޓުވުން ކަމަށް ފުލުހުން ބުނެއެވެ. މި ފިޔަވަޅުތައް ކަމާގުޅުންހުރި އެންމެހާ މުއައްސަސާތަކާ ގުޅިގެން އެންމެ މަތީ ދަރަޖައިގައި ތަންފީޒު ކުރުމަށް ފުލުހުންގެ ހުރިހާ ބަހާތަކަށް މިހާރު ވަނީ އަންގާފައެވެ.

ފުލުހުންގެ ވެރިޔާ މިފަދަ މެސެޖެއް ދެއްވާފައިވަނީ މާލެ ސަރަހައްދުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް ގިނަވެ، މީހުންގެ ފުރާނަ ވެސް ގެއްލެމުންދާ ދަނޑިވަޅެއްގައެވެ.