ދިވެހި ޕައިލެޓުން ތަމްރީނު ކުރުމުގެ ރަސްމީ ލައިސަންސް ސްލޮވީނިއާގެ އޭވިއޭޝަން ކެރިއާ ސެންޓަރު (އޭސީސީ) އަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އިން ދީފިއެވެ.
އެމްސީއޭއޭ އިން މި މަހުގެ 20 ވަނަ ދުވަހު އޭސީސީ އަށް ދޫކޮށްފައިވަނީ އެޕްރޫވްޑް ޓްރެއިނިން އޯގަނައިޒޭޝަން (އޭޓީއޯ) އެއްގެ ލައިސަންސެވެ. މި ލައިސަންސް ދޫކޮށްފައިވަނީ “އޭޓީއޯ 017” ގެ ނަމުގައެވެ. މިއާއެކު ރާއްޖޭގެ ސިވިލް އޭވިއޭޝަނުން ފާސްކޮށްފައިވާ ޕައިލެޓް ތަމްރީނު ޕްރޮގްރާމްތައް އެ މަރުކަޒުގައި ހިންގުމުގެ ފުރިހަމަ އިހުތިޔާރު އޭސީސީ އަށް ލިބިގެންދާނެއެވެ.
އޭސީސީން ހާމަކުރި ގޮތުގައި މޯލްޑިވްސް ސިވިލް އޭވިއޭޝަންގެ މި ހުއްދައަކީ އެ މަރުކަޒުން ބައިނަލްއަގުވާމީ ފެންވަރުގައި ހިދުމަތްތައް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ލިބުނު ވަރަށް މުހިންމު އަދި ބޮޑު ކުރިއެރުމެކެވެ.

އޭޓީއޯ ހުއްދައިގެ އިތުރުން، ސްލޮވީނިއާގެ މާރިބޯގައި ހުންނަ އޭސީސީގެ ފްލައިޓް ސިމިއުލޭޝަން ޓްރެއިނިން ޑިވައިސް އަށް ވެސް ރާއްޖޭގެ ސިވިލް އޭވިއޭޝަނުން ވަނީ ކޮލިފިކޭޝަން ސެޓްފިކެޓެއް ދޫކޮށްފައެވެ. “އެއަރޯޕްލޭން އެފްއެންޕީޓީ ލެވެލް 2” ގެ ގޮތުގައި ކަނޑައަޅާފައިވާ މި ޑިވައިސްއަކީ މަލްޓި އެންޖިން ޕިސްޓަން ބޯޓުތަކުގެ ތަމްރީނުތަކަށް ހާއްސަކޮށް ފާސްކޮށްފައިވާ ޒަމާނީ ސިމިއުލޭޓަރެކެވެ. މި ހުއްދައިގެ ދަށުން ސިވިލް އޭވިއޭޝަނުން ހުއްދަދީފައިވާ ކޯސްތަކުގައި މި ސިމިއުލޭޓަރު ބޭނުންކުރެވޭނެއެވެ.
މި ހުއްދަތަކާއެކު، ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާއި އޮނިގަނޑުގެ ދަށުން ޕައިލެޓްކަން ކިޔަވަން ބޭނުންވާ ދިވެހި ދަރިވަރުންނަށް ސްލޮވީނިއާގައި ރައްކާތެރިކަމާއެކު ފެންވަރު ރަނގަޅު ތަމްރީނު ހޯދުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެއެވެ.
ރާއްޖެއިން ބޭރުގެ މަރުކަޒުތަކަށް މިފަދަ ހުއްދަތައް ދޫކުރަމުން އަންނައިރު، ރާއްޖޭގައި ވެސް ޕައިލެޓުން ތަމްރީނު ކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރެވެމުންދެއެވެ. އެގޮތުން އައްޑޫ ސިޓީ ގަމުގައި ގާއިމުކޮށްފައިވާ ޒެނިތު އޭވިއޭޝަން އެކަޑެމީން މިހާރުވެސް ދަނީ ދިވެހި ޒުވާނުންނަށް ޕައިލެޓް ޓްރެއިނިން ފޯރުކޮށްދެމުންނެވެ.










ކިޔުންތެރިންގެ ހިޔާލު