ފިޝަރީޒް މިނިސްޓްރީއާއި ޗައިނާގެ ހައިނާން ޔުނިވަރސިޓީ ގުޅިގެން، މަސްވެރިކަމާއި ބްލޫ އިކޮނޮމީގެ ދާއިރާއިން ފަންނީ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ.
މި ހިނގާ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމު ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް އަދި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ވާންގް ލީޝިންއެވެ.
މި ތަމްރީނު ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ވަސީލަތްތައް ބެލެހެއްޓުމާއެކު ކަނޑުގެ ދިރުންތަކުގެ ނަސްލު ރައްކާތެރިކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތަށް ޓްރޮޕިކަލް އެކުއަކަލްޗަރ ނުވަތަ ލޮނުފެނުގެ ދިރުންތައް އާލާކުރުމަށެވެ. މީގެއިތުރުން ހަލާކުވަމުންދާ މުރަކައާއި ފަރުތައް އިޔާދަކުރުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ކާރިސާތައް ކުރިއާލައި ދެނެގަތުމާ ގުޅޭގޮތުން ވެސް މި ވޯކްޝޮޕްގައި މަޝްވަރާކުރެވޭނެއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީނުގައި ފިޝަރީޒް މިނިސްޓްރީގެ އިތުރުން، މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި)، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)، މިފްކޯ، އެންވަޔަރަންމަންޓް މިނިސްޓްރީ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަދި ވިލާ އިންޓަރނޭޝަނަލް ހައިސްކޫލް ހިމެނޭހެން ޖުމްލަ 51 ބައިވެރިން ބައިވެރިވެއެވެ. މީގެއިތުރުން، ހައިނާން ޔުނިވަރސިޓީގެ ވަފުދުން މިނިސްޓްރީގެ މެރިކަލްޗަރ ދިރާސާކުރާ މަރުކަޒު ހުންނަ ކ. މަނިޔަފުއްޓަށް ޒިޔާރަތްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ގާއިމުކޮށްފައިވާ “ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް” ގެ ދަށުން، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދާއިރާއާ ގުޅުންހުރި އިދާރާތަކުގެ ފަންނީ ގާބިލުކަމާއި ހުނަރުވެރިކަން އިތުރުކުރުމެވެ.










ކިޔުންތެރިންގެ ހިޔާލު