ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ 79 ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުވުން ޓިމޯ ލެސްޓޭގެ ވެރިރަށް ޑިލީގައި މިއަދު ފެށިއްޖެއެވެ.
މި މަހުގެ 7 އިން 10 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގެ ފަރާތުން އެންމެ އިސްކޮށް ހުންނަވަނީ މިނިސްޓާ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ، ގީލާ އަލީއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ރީޖަނަލް ކޮމެޓީގެ ބައްދަލުވުމަކީ މި ސަރަހައްދުގެ 10 ގައުމުގެ ސިއްހަތާ ބެހޭ ވަޒީރުންނާއި ސިއްހީ ދާއިރާގެ އިސްވެރިންނާއި ފަންނީ ފަރާތްތައް ހިމެނޭގޮތަށް، މި ސަރަހައްދުގެ ރައްޔިތުންގެ ސިއްހަތާގުޅޭ މުހިންމު ކަންކަން ކަނޑައަޅައި، މި ސަރަހައްދުގެ ސިއްހަތާގުޅޭ ކަންކަން ކުރިއެރުމަށް މަޝްވަރާކޮށް، ނިންމުންތައް ނިންމާ އެންމެ މުހިންމު ‘ގަވަރނަންސް’ ބައްދަލުވުމެވެ.

މި އަހަރުގެ ރީޖަނަލް ކޮމިޓީގައި، ސިއްހީ ހިދުމަތްތެރިންގެ ގާބިލުކަން އިތުރުކުރުމާއި ހާއްސަ ފަރުވާތަކުގެ ހިދުމަތްތައް ހަމަހަމަކަމާއެކު ދިނުމުގެ މަގު ތަނަވަސްކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ސަރަހައްދުގެ ސިއްހީ ދާއިރާގެ އިސްވެރިންގެ ހާއްސަ “ރައުންޑް ޓޭބަލް” ބައްދަލުވުމެއް މާދަމާ ކުރިއަށްދާނެއެވެ. އަދި މިކަމަށް ކުރިއަށް އޮތްތަނުގައި މަސައްކަތްކުރުމަށްޓަކައި “ޑިލީ ޑެކްލަރޭޝަން އޮން ހިއުމަން ރިސޯސަސް ފޯ ހެލްތު: އިކުއިޓީ އިން ސްޕެޝަލައިޒްޑް ކެއާ” ގެ ނަމުގައި ގަރާރެއް ފާސްކުރެވޭނެއެވެ.
އަދި މި ސަރަހައްދަށް ހާއްސަ ސިއްހީ މައްސަލަތަކާއި ގުޅޭގޮތުން މި ބައްދަލުވުމުގައި ޤައުމުތަކުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޔުނިވަރސަލް ހެލްތު ކަވަރޭޖް، ސިއްހަތާ ގުޅުންހުރި ދެމެހެއްޓެނި ތަރައްގީއާ ގުޅޭ ލަނޑުދަނޑިތަކާއި، ޓީބީ، މެޑިކަލް ޑިވައިސްއާއި، އިންވިޓްރޯ ޑައިގްނޮސްޓިކްސްއާ، ޑިޖިޓަލް ހެލްތާއި އާޓިފިޝަލް އިންޓެލިޖެންސް އަދި ޕްރައިމަރީ ހެލްތުކެއަރ އާ ގުޅޭ މަޝްވަރާތައް ކުރެވިގެންދާނެއެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކުރިޔަށް ރޭވިފައިވާ ވޯލްޑް ހެލްތު އެސެމްބްލީއާއި ޕްރޮގްރާމް ބަޖެޓް އަދި އެޑްމިނިސްޓްރޭޓިވް ކޮމިޓީއާއި އެގްޒެކެޓިވް ބޯޑް ބައްދަލުވުމާގުޅޭ ކަންކަމާމެދު ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވި މިސަރަހައްދުގެ ގައުމުތަކުން މި ބައްދަލުވުންތަކުގައި ހުށަހަޅާނެ ދާއިރާތައް ކަނޑައަޅާނެއެވެ.
މީގެ އިތުރުން މި ބައްދަލުވުމުގެ ސްޕެޝަލް ސެޝަންގެ ތެރޭގައި ދެކުނު އިރުމަތީ އެޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރެއް ކަނޑައެޅުމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ދެކުނު އިރުމަތީ އެޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރގެ މަގާމަށް ދިވެހިރާއްޖެއިން ކެނޑިޑޭޓެއް ހުށަހެޅުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި އަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ދޭދޭ ގައުމުތަކާއެކު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. މި ބައްދަލުވުންތަކުގައި ސިއްހީދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމާއި އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ މަސައްކަތަށް އަދި ސިއްހީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރަން ވަނީ ނިންމާފައެވެ.










ކިޔުންތެރިންގެ ހިޔާލު