ދިވެހި ސަރުކާރާއި އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާ ދެމެދު 1.5 ބިލިޔަން ޑޮލަރުގެ ފައިނޭންސިންގ ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. 2026 އިން 2031 އަށް ދެމިގެންދާ މި ފަސް އަހަރުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފައިނޭންސް ހަސަން ޒަރީރެވެ. އަދި އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ސީއީއޯ އިންޖިނިއަރ އަދީބު ޔޫސުފް އަލް-އާމާއެވެ.
މި އެއްބަސްވުމުގެ ދަށުން ސަރުކާރަށާއި، ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތަކަށް ބޭނުންވާ ޓްރޭޑް ފައިނޭންސިންގ ފެސިލީޓީތައް ހަމަޖެހިގެންދާނެއެވެ. އެގޮތުން ކާބޯތަކެއްޗާއި ޒަރޫރީ މުދާ އިމްޕޯޓްކުރުމަށާއި، ރާއްޖެއިން ބޭރުކުރާ މުދަލުގެ ވިޔަފާރި ފުޅާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކަށާއި އަމިއްލަ ކުންފުނިތަކަށް ފުރުޞަތުތައް ހުޅުވި، ވިޔަފާރިއާ ގުޅުންހުރި ފަންނީ އެހީތެރިކަމާއި ތަމްރީނުތައްވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފައިނޭންސް މިނިސްޓަރ ހަސަން ޒަރީރު ވިދާޅުވީ، ކުރިން ހަމައެކަނި ހަކަތައިގެ ދާއިރާއަށް އަމާޒުވި އެހީތެރިކަން މިހާރު ވަނީ ކާބޯތަކެއްޗާއި، ބޭސްފަރުވާއާއި، މަސްވެރިކަން އަދި ކުދި އާއި މެދުފަންތީގެ ވިޔަފާރިތަކަށް ފުޅާވެފައި ކަމަށެވެ. ޚާއްޞަކޮށް 2017 އިން ފެށިގެން އެސްޓީއޯއަށް ދޭ ފެސިލިޓީގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ މެދުނުކެނޑި ގަތުމަށް މަގުފަހިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އައިޓީއެފްސީގެ ސީއީއޯ އަދީބު އަލް-އާމާ ވިދާޅުވީ މިއީ ގިނަ އަހަރުތަކެއްގެ ގާތް ގުޅުމުގެ ނަތީޖާ ކަމަށެވެ.
މި އެއްބަސްވުމަކީ 2019 އިން 2024 އަށް އޮތް ފުރަތަމަ ފަސް އަހަރުގެ އެއްބަސްވުން ނިމުމަކަށް އައުމާ ގުޅިގެން ސޮއިކުރެވުނު އެއްބަސްވުމެކެވެ. ނިމިދިޔަ އެއްބަސްވުމުގެ ދަށުން ކަނޑައެޅި 1.5 ބިލިއަން ޑޮލަރުގެ ތެރެއިން 1.7 ބިލިއަން ޑޮލަރު ރާއްޖެއިން ވަނީ ބޭނުންކޮށްފައެވެ. 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިޓީއެފްސީއިން ވަނީ ޖުމްލަ 3.3 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދީފައެވެ.
އައިޓީއެފްސީއަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގްރޫޕްގެ މުއައްސަސާއެކެވެ. އޯއައިސީގެ މެންބަރު ޤައުމުތަކުގެ މެދުގައި ވިޔަފާރީގެ ގުޅުންތައް ފުޅާކޮށް އިޖުތިމާޢީ އަދި އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރާ މި މުއައްސަސާއިން 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް މެންބަރު ޤައުމުތަކަށް 100 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިނޭންސިންގ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.










ކިޔުންތެރިންގެ ހިޔާލު