ގދ. މަޑަވެލި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓާއި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޙަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޖަމްޝީދެވެ.
މި މަޝްރޫޢުގެ ދަށުން މަޑަވެލި ބަނދަރާއި ނެރު ފުންކުރުމުގެ މަސައްކަތުގެ އިތުރުން ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދުވިސައްތަ ފަންސާސް ތިން މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށްޓަކާއި، ފައްސައްތަ ތިރީސް ހަތް މީޓަރުގެ ސޭންޑްފިލް ބްރޭކްވޯޓަރ ރިވެޓްމަންޓެއް ޖެހުން ހިމެނެއެވެ.

މީގެއިތުރުން ފައްސައްތަ ތިރީސް ފަސް މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، ތިންސައްތަ ފަސްދޮޅަސް ހަތް މީޓަރުގެ ކުރީގެ އެއްގަމުތޮށި މަރާމާތުކުރުން ހިމެނެއެވެ. އަދި ތިންސައްތަ އައްޑިހަ ތިން މީޓަރުގެ އައު އެއްގަމުތޮށްޓެއް ޖެހުމަށްވެސް އެއްބަސްވުމުގައި ވަނީ ހިމަނައިފައެވެ.
އޭގެ އިތުރުން އެގާރަ މީޓަރު ގުނަން އެގާރަ މީޓަރުގެ ރޭމްޕަކާއި، އެއްސައްތަ ފަންސާސް މީޓަރު ދިގު، ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމަށް ވަނީ ނިންމައިފައެވެ. އަދި ވިހި މީޓަރު ދިގު، ތިން މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މަޝްރޫޢުގެ އިތުރު މަސައްކަތްތަކުގެ ތެރޭގައި ދެ ނެރުބައްތިއާއި ސައުވީސް މަގުބައްތި ހަރުކުރުން ހިމެނެއެވެ. މީގެއިތުރުން ބަނދަރު ސަރަޙައްދުގައި ޕޭވްމެންޓް ހެދުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ.










ކިޔުންތެރިންގެ ހިޔާލު