ގުޅިފަޅުގައި 4000 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢުއެއް މިއަހަރު ފެށުމަށް ތައްޔާރުވަމުންދާކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ބުނެފިއެވެ.
މިއީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫޢުއެއްކަމަށެވެ. މި މަޝްރޫޢުއަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުމުގެ މަސައްކަތް އެގްޒިމް ބޭންކާއެކު ދަނީ ކުރިއަށްގެންދަމުންނެވެ. ނާޒިމް ވިދާޅުވީ މަސައްކަތް ޢަމަލީގޮތުން މިއަހަރު ފެށުމަށްޓަކާ ސަރުކާރުން މަސައްކަތްކުރަމުންދާކަމަށެވެ.
މިވަގުތު މާލެ ސަރަހައްދުގައި ބީއެމްއެލްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުގައި 3460 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަނީ ކުރިއަށްގެންދަމުންނެވެ. ހައުސިން މިނިސްޓްރީން ބުނީ މިހާރު ހުޅުމާލެ ފޭސް 1ގައި އަޅާ ފްލެޓްތަކުގެ ޓަވަރުތަކުގެ ޢަމަލީ މަސައްކަތްތައް ފަށާފައިވާކަމަށާއި، ފޭސް 2ގައި އަޅާ ފްލެޓްތަކުގެ ފައިނަލް ޑިޒައިންތައް އެޕްރޫވްކޮށް ނިމި، ޢަމަލީ މަސައްކަތް ފެށުމުގެ މަރުހަލާގައިވާކަމަށެވެ.

ހައުސިންގ މިނިސްޓްރީން ބުނީ އަމާޒަކީ މިދައުރުގެ ތެރޭގައި މަސައްކަތްތައް ނިންމާ، ޙައްގުވެރިންނާ ހަވާލުކުރުންކަމށެވެ. އަދި އެކަމަށް ބޮޑު ޔަޤީންކަމެއް އެބައޮތްކަމަށެވެ. މީގެއިތުރުން އިތުރު 5000 ހައުސިން ޔުނިޓް މާލެ ސަރަޙައްދުގައި ތަރައްޤީކުރުމުގެ މަޝްރޫޢުއެއް ޕްލޭން ކުރެވި، އޭގެ މަސައްކަތްތައްވެސް އެ މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.
މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ފެށުމަށް ތައްޔާރުވަމުންދާ މަސައްކަތްތަކާއެކު 13،000 ހައުސިން ޔުނިޓްގެ މަސައްކަތް މާލެ ސަރަޙައްދުގައި ދަނީ ކުރިއަށެވެ.










ކިޔުންތެރިންގެ ހިޔާލު