ޖަޕާނު ސަރުކާރުގެ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް (ޖޭޑީއެސް) އިން އަންނަ އަހަރު ރާއްޖެއަށް ދޭ ސްކޮލާޝިޕް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
2020 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މި ސްކޮލާޝިޕްގެ މުއްދަތު މި އަހަރު ހަމަވާއިރު، މިއަދު ސޮއިކުރި އެއްބަސްވުމާއެކު ސްކޮލާޝިޕް އަންނަ އަހަރު ފަހިވެގެންދާނެއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ޖޭޑީއެސް ސްކޮލާޝިޕް އެއްބަސްވުމުގައި ޖައިކާގެ ފަރާތުން ސޮއިކުރެއްވީ، ޖައިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެސިޑެންޓް ރެޕްރެސެންޓޭޓިވް ޓަކި މޮޓޫއެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢުއެވެ.

ޖޭޑީއެސް ސްކޮލާޝިޕްގެ ދަށުން، ޖަޕާނުގެ އެންމެ ފެންވަރު ރަނގަޅު ތިން ޔުނިވަސިޓީއެއްގައި މާސްޓާސް ފެންވަރަށް ސިވިލް ސާވިސް މުވައްޒަފުންނަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީ ކުރުމާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.
ޖޭޑީއެސް ސްކޮލާޝިޕް ޕްރޮގްރާމްގެ ދަށުން ޕަބްލިކް ޕޮލިސީއާއި އިންޓަރނޭޝަނަލް ރިލޭޝަންސްގެ އިތުރުން އެންވަރަމެންޓަލް މެނޭޖްމަންޓްގެ ދާއިރާއިން ކިޔެވުމުގެ ފުރުސަތު ލިބޭއިރު، މި ސްކޮލަޝިޕްތަކަށް ޖަޕާން ސަރުކާރުން އެއް މިލިއަން ޑޮލަރު ހަރަދަކުރާނެއެވެ.
ޖޭޑީއެސް ސްކޮލާޝިޕްގެ ދަށުން 2020 ވަނަ އަހަރުން ފެށިގެން މިހާތަނަށް 36 ފުރުސަތެއް ލިބިފައިވެއެވެ.










ކިޔުންތެރިންގެ ހިޔާލު