ދެހާސް އެކާވީސް ވަނަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު އެއިރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ހަ މީހުންގެ ތެރެއިން ދެ މީހެއްގެ މައްސަލަ މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
ރައީސް ނަޝީދު އަވަހާރަކޮށް ބޮން ގޮއްވާލީ އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނާ ނީލޯފަރުމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ސައިކަލެއްގަ ބޮމެއް ހަރުކޮށްގެން ނެވެ. ހަމަލާދިނީ 2021 ވަނަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހުއެވެ.
ބެއަރިން ބޯލްސްތަކެއް އަޅައިގެން ވަރަށް ބާރުގަދަކޮށް ހަދާފައިވާ ބޮން ރިމޯޓު ބޭނުންކޮށްގެން ގޮއްވާލާފައި ވަނީ އެމަނިކުފާނު ބޮމާ އެންމެ ކައިރިވެވަޑައިގެންނެވި ވަގުތު ބެލުމަށްފަހުއެވެ.

އެ ހަމަލާގެ ސަބަބުން ނަޝީދު ވަރަށް ބޮޑަށް ޒަހަމްވެވަޑައިގެންނެވި އެވެ. މި ހަމަލާގައި ނަޝީދަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން އޭޑީކޭ ހޮސްޕިޓަލާއި ޖަރުމަނާއި އިނގިރޭސި ވިލާތުގައި ފަރުވާ ހޯއްދެވިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ގޮއްވާލި އައިއީޑީ އަކީ ސަލްޓަންޕާކްގައި 2007 ވަނަ އަހަރު ގޮއްވާލި އައިއީޑީ އަށްވުރެ އެތައްގުނައެއް ބާރުގަދަ އައިއީޑީއެއް ކަމަށާއި މިއީ މިހާތަނަށް ރާއްޖޭގައި ގޮއްވާލި އެންމެ ބާރުގަދަ އައިއީޑީ ކަމަށް އޭރު ސިފައިން ހާމަކޮށްފައިވެއެވެ.
މިބިރުވެރި ނުރައްކާތެރި ހަމަލާގެ އަޑީގައި ތިބި ބަޔަކު އަދިވެސް ހޯދިފައެއް ނުވެއެވެ. މި ހަމަލާއާ ގުޅިގެން ހަ މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވެއެވެ. އެއީ؛
މއ. ފޭރުގޭ މުޖާޒް އަހުމަދު
ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަޙުމަދު
ނ. މަނަދޫ، ނޫރީގެ ޢަލީ ހައިޝަމް
އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޒިމް
ގއ. ވިލިނގިލި، ހުދުރުވާގެ ފަހުމީ ޢަލީ
ހއ. މޮޅަދޫ، މ. ކުދެހިގެ، އިސްހާގު
މީގެ ތެރެއިން މާދަމާއަށް ކްރިމިނަލް ކޯޓުގައި އަޑުއެހުން ތާވަލުކޮށްފައި ވަނީ ޢަލީ ހައިޝަމް އަދި ފަހުމީ އަލީގެއެވެ. ފަހުމީގެ އަޑުއެހުން ހެނދުނު 9:00 އަށް ތާވަލުކޮށްފައިވާއިރު ހައިޝަމްގެ އަޑުއެހުން މާދަމާގެ 14:00 އަށް ތާވަލުކޮށްފައި ވެއެވެ. ހައިޝަމްގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި، ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިޔުމަށް އެހީތެރިވެދިނުމުގެ ދައުވާއެވެ. އަދި ފަހުމީގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ.
މި މައްސަލާގައި ދައުވާ އުފުލި މީހުންގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައި ވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދުގެ މައްޗަށެވެ. އަދުހަމަކީ ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ މީހާ އެވެ. މީގެ އިތުރުން ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކުގެ މައްޗަށް ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވެއެވެ. އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް ހައްޔަރުކުރި ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކޯޓުންވަނީ ހުކުމްކޮށްފައެވެ.










ކިޔުންތެރިންގެ ހިޔާލު