ޕެސިފިކް ކަނޑުގައި އެލްނީނޯގެ ބާރު ގަދަވަމުންދާތީ ކުރިއަށް ތިން މަސް ދުވަހު ރާއްޖޭގެ ފިނިހޫނުމިން، އާއްމުކޮށް ހުންނަ ވަރަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ތިން މަހު މެދުރާއްޖެތެރެއަށް އާއްމުކޮށް ވެހޭ ވަރަށް ވުރެ ގިނައިން ވެހޭނެ ކަމަށެވެ. ނަމަވެސް ދެކުނުގެ އަތޮޅުތަކަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެނީ އާއްމުކޮށް ވެހޭވަރަށް ވުރެ މަދުން ކަމަށެވެ.
މެޓުން ބުނީ އެލްނީނޯގެ ސަބަބުން ރާއްޖެ އަަށް ކުރާ މައިގަނޑު އެެއް އަސަރަކީ ކަނޑުގެ ލޮނުގަނޑު އާދަޔާ ހިލާފަށް ހޫނުވުން ކަމަށެވެ. އޭގެ ސަބަބުން ފަރުތަކުގެ ދިރުމަށް ނުރައްކާ ވާނެ ކަމަށާއި ކަނޑުގެ އޮއިވަރާއި ހާލާތަށް އަންނަ ބަދަލުގެ ސަބަބުން މަސްވެރިކަމުގެ އިންޑަސްޓްރީއަށް ގޮންޖެހުން ކުރިމަތިވާނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

އެލްނީނޯގެ ސަބަބުން ރާއްޖެ އަށް ކުރިމަތިވާ ދެވަނަ ކަމަކީ ބައެއް ސަރަހައްދުތަކަށް ވާރޭ ވެހުން މަދުވުން ކަމަށެވެ. އެކަމުގެ ސަބަބުން ދަނޑުވެރިކަމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށްވެސް މެޓުން ބުންޏެވެ.
މިކަންކަމުން ހާމަވަނީ މޫސުމީ ބަދަލުތަކުގެ ކުރިމަތީގައި ރާއްޖެ އޮތް ނާޒުކު މިންވަރެވެ. އަދި ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ މުހިއްމު ދާއިރާތަކުން މިފަދަ ބަދަލުތަކަށް ދުރާލާ ތައްޔާރުވެފައި އޮތުމުގެ މުހިއްމުކަން މިކަމުން ދޭހަކޮށްދޭ ކަމަށްވެސް މެެޓް އޮފީހުން ބުންޏެވެ.
އެލްނީނޯގެ ސަބަބުން ޕެސިފިކް ސަރަހައްދުގެ ކަނޑުގެ ސަތަހައިގެ ހޫނުމިން މިހާރު ވަނީ އާއްމުކޮށް ހުންނަ ވަރަށް ވުރެ 2.0 ޑިގްރީ ސެލްސިއަސް މަތިވެފައެވެ. މިމަހު އެކަނި ވެސް ކަނޑުގެ ސަތަހައިގެ ފިނިހޫނުމިން ވަނީ ކުރިއަށް ވުރެ 1.8 ޑިގްރީ ސެލްސިއަސް މަތިވެފައެވެ.










ކިޔުންތެރިންގެ ހިޔާލު