މުޖުތަމައުގައި އަންހެނުން ބާރުވެރިކުރުވައި، ފަންނީ ހުރަރުތައް ދަސްކޮށްދިނުމަށް، އެޗްޑީސީ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކުރިއަށް ގެންދާ “ވިލުންތެރި ކަނބަލުން”ގެ މި އަހަރުގެ ޕްރޮގްރާމް ނިންމާލައިފިއެވެ.
މި ޕްރޮގުރާމުގައި ބައިވެރިވުމަށް މިއަހަރު ހުޅުވާލި ފުރުސަތުގައި 264 ބައިވެރިން ފޯމު ހުށަހެޅިއެވެ. އެ ހުރިހާ ފަރާތްތަކަށް ވަނީ ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ދީފައެވެ. އެކި ބެޗުތަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ޕްރޮގުރާމް ނިންމައި، އަށް ބެޗެެއްގެ 200 ބައިވެރިންނަށް ވަނީ ސެޓްފިކެޓް ދީފައެވެ.
މިއަދު ހަވީރު ރެހެންދި ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ފަސްޓްލޭޑީ ސާޖިދާ މުހައްމަދެވެ. މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ކޮންމެ ކަމެއްގައި އެހެން މީހުންނަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ފަންނީ ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމެވެ.

އެގޮތުން، 2023 ވަނަ އަހަރު މި ޕްރޮގްރާމަށް ލިބުނު ބޮޑު ތަރުހީބަށް ރިއާޔަތްކޮށް، މިއަހަރުގެ ތަމްރީނުތަކުގެ ދާއިރާ ވަނީ އިތުރަށް ފުޅާކޮށްފައި ވެއެވެ. އެގޮތުން، ޑޮމެސްޓިކް އެޕްލައެންސަސް މަރާމާތުކުރުމުގެ ތަމްރީނުތަކުގެ އިތުރުން، ސައިކަލަށް ދިމާވާ އާންމު މައްސަލަތައް ހައްލުކުރަން ދަސްކޮށްދިނުމަށް މިއަހަރުގެ ތަމްރީނު ޕްރޮގްރާމުގައި ހިމަނިއެވެ.
އެމްއައިޓީއާއި އެޗްޑީސީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މިފަދަ ތަމްރީނުތަކުގެ ސަބަބުން އަންހެނުންނަކީ ގޭތެރޭގެ ކަންކަމުގައި ވިލުންވެރި އަދި އަހުލުވެރި ބަޔަކަށް ވެގެންދާނެއެވެ. މީގެ އިތުރުން އެ އެއްބަސްވުމުގެ ދަށުން ކުރިއަށްއޮތްތަނުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ޒުވާނުންނަށް އަމާޒުކޮށްގެން ހުނަރުވެރި ކުރުވުމުގެ އިތުރު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ރާވައިފައެވެ.










ކިޔުންތެރިންގެ ހިޔާލު