ނޭޕާލްގައި ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 353 އަށް އަރައިފިއެވެ.

މިހާދިސާގައި 1،300 އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ނޭޕާލްގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ. ގެއްލިފައިވާ މީހުންނަކީ  ފެނުގެ ސައިލާއެކު ދެމިގެންދިޔަ މީހުންނެވެ. ގެއްލިފައިވާ މީހުންގެ ތެރޭގައި 468 ފަތުރުވެރިން ހިމެނޭ ކަމަށްވެސް ނޭޕާލްގެ ނޭޝަނަލް ޑިޒާސްޓަރ އޮތޯރިޓީން ބުނެއެވެ.

ގެއްލިފައިވާ މީހުންގެ ތެރޭގައި ގިނައީ އިންޑިއާގެ ފަތުރުވެރިންނެވެ.

އިޝްތިހާރު އިޝްތިހާރު

މީހުން ސަލާމަތް ކުރުމާއި، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ މަސައްކަތް ކަމާބެހޭ ޓީމުތަކުން މިހާރުވެސް ކުރަމުން ގެންދާއިރު، ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ގޮސްފައިވާ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ.

އެތައްހާސް ގެދޮރެއް ވަނީ ހަލާކުވެގެން ގޮސްފައެވެ. އަދި އެތައްހާސް ގެދޮރެއްވަނީ އޮޔާގޮސްފައެވެ.

ނޭޕާލް-ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދުގައި ކުއްލިއަކަށް ހިނގި މިހާދިސާއާ ގުޅޭގޮތުން އެކި ގޮތްގޮތަށް މައުލޫމާތު ފެތުރެމުން އެބަދެއެވެ.

ސައިންސްވެރިން ބުނަނީ، މިހާދިސާ ހިނގީ އުސް ފަރުބަދައެއްގެމަތިން 2،000 ފޫޓު ފުޅާ އައިސްގަނޑެއް ނެއްޓި، 4،000 ފޫޓު ތިރިން ކޯރެއްގެ ތެރެއަށް ވެއްޓިގެން ކަމަށެވެ.

އައިސްގަނޑު ވެއްޓި ޖެހުމާއެކު، ކޯރުގެ ފެންގަނޑު ޕްރެޝަރުގައި ބަންޑުންވެ، ހިލައާއި، އައިސްއާއެކު ފެންގަނޑު ދެމިގެންއައީ އާންމުން ދިރިއުޅޭ ސަރަހައްދުތަކާ ދިމާއަށެވެ. ގިނަ މީހުންނަށް ސަލާމަތްވާނޭ ފުރުސަތުވެސް ނުލިބުނެވެ.

ފަރުބަދަމަތިން އައިސްފެންގަނޑު ވެއްޓި ޖެހުނު އަޑާއެކު ކަމާބެހޭ ފަރާތްތަކުން ފުރަތަމަ ލަފާކުރީ ބިންހެލުމެއް އައީ ކަމަށެވެ. ނަމަވެސް ފަހުންވަނީ، މިހާދިސާ ހިނގިގޮތް ދެނެގެންފައެވެ.

ނޭޕާލްގެ އިތުރުން، މިހާދިސާގެ ސަބަބުން ޓިބެޓުން 3 މީހުން މަރުވެ 558 މީހުން ގެއްލިފައިވާ ކަމަށް ޗައިނާ ސަރުކާރުން ބުނެއެވެ.