ރ. މާކުރަތު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބޮޑު ބައެއް ނިންމާލައިފިއެވެ.
މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނީ މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ 63 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.
26.67 މިލިއަން ރުފިޔާއަށް، 2022 ވަނަ އަހަރުގެ ޖަނަވަރީ މަހު، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ، އެއަހަރުގެ މެއި މަހެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރުގެ ޖާގަ ތަނަވަސް ކުރުމާއި، ގިރާ ސަރަޙައްދުތައް ހިމާޔަތް ކުރުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން، ބަނދަރާއި ފަޅު ފުންކުރުމުގެ ތެރެއިން 39,658.55 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ކޮނުމާއި، 451 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލަ ޖަހައި، ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ އިތުރުން 1,962.18 އަކަމީޓަރުގެ ސަރަޙައްދެއްގައި ގައު އަތުރައި ބަނދަރު ތަރައްޤީކުރުން ހިމެނެއެވެ. މީގެއިތުރުން އުޅަނދުފަހަރު ކައިރިކުރުމަށް 150 މީޓަރުގެ ޕްރީކާސްޓް އެލް-ބްލޮކުގެ އެއްގަމުތޮއްޓަކާއި، 125 މީޓަރުގެ ޖެޓީއެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ފަޅަށް ވަދެ ނުކުމެ ހެދުމަށް ބޭނުންވާ ނެވިގޭޝަން ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާނެއެވެ. މީގެ ތެރޭގައި ބޭރުތޮއްޓާއި، ރިވެޓްމަންޓް އަދި ގްރޮއިން ޖެހުމުގެ މަސައްކަތުގެ އިތުރުން ރޭގަނޑު ދަތުރު ކުރާ އުޅަނދުފަހަރަށް މަގުދައްކައިދޭ ނެވިގޭޝަން ލައިޓުތައް ބެހެއްޓުންވެސް ހިމެނެއެވެ.
ބިނާރާއި، ގެދޮރުވެރިކަމާއި، އުމްރާނީ ތަރައްގީއާއިބެހޭ ވުޒާރާއިން މައުލޫމާތުދެއްވާ ގޮތުގައި، މި މަޝްރުޢޫގެ ދަށުން މިހާރު ކުރިއަށްދަނީ، ބޭރުތޮށި ޖެހުމުގެ މަސައްކަތެވެ.










ކިޔުންތެރިންގެ ހިޔާލު