ކުރިންވެސް އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމު ފުރުއްވާފައިވާ ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އެ މަޤާމަށް އަލުން ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު ހަމަޖެއްސެވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވީ އޮގަސްޓް މަހުގެ 23 ގައެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން 24 އޮގަސްޓުގައި އޭނާއަށް ރުހުން ދިނުމަށް ނިންމެވީ، ބޭއްވި އިންޓަވިއުއިން 75 އިންސައްތައަށް ވުރެ މަތިން މާކްސް ޙާޞިލުކުރައްވާފައި ވާތީ ކޮމިޓީގެ އަޣުލަބިއްޔަތު މެންބަރުންގެ ތާއީދާއެކުގައެވެ.

މި މަޤާމަށް ޢަބްދުލްޢަޒީޒުގެ ނަން ފޮނުއްވަން ޖެހުނީ، މިހާރުގެ އިންފޮމޭޝަން ކޮމިޝަނަރު އަޙްމަދު އާހިދު ރަޝީދުގެ ދައުރު ކުރިއަށް އޮތް މަހު ހަމަވާތީއެވެ.
ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އެ މަޤާމަށް ޢައްޔަންކުރުމާ މެދު މަޖިލީހުން ނިންމަވާ ގޮތެއް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުއްވި ސިޓީ ޖަލްސާގައި އިއްވުމަށްފަހު، އެ މައްސަލަ އިތުރަށް ބެލުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމު އަދާކުރެއްވި ބޭފުޅަކީ ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރެވެ. އޭނާ އެ މަޤާމުގައި ޚިދުމަތް ކުރެއްވީ 22 ޖުލައި 2014 އިން ފެށިގެން 22 ޖުލައި 2019 ގެ ނިޔަލަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައިވާ ޢަބްދުލްޢަޒީޒަކީ ދިވެހި ބަހުގެ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް (ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ) ގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގައެވެ.
އިންފޮމޭޝަން ކޮމިޝަނަރަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާއި ގުޅުންހުރި އެހެނިހެން ޤާނޫނުތަކުގެ ދަށުން މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމުގައި ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންޖެހޭ މިނިވަން މުސްތަޤިއްލު މަޤާމެކެވެ.










ކިޔުންތެރިންގެ ހިޔާލު