ކުރިންވެސް އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމު ފުރުއްވާފައިވާ ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އެ މަޤާމަށް އަލުން ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ސްކޮށްފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު ހަމަޖެއްސެވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވީ އޮގަސްޓް މަހުގެ 23 ގައެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން 24 އޮގަސްޓުގައި އޭނާއަށް ރުހުން ދިނުމަށް ނިންމެވީ، ބޭއްވި އިންޓަވިއުއިން 75 އިންސައްތައަށް ވުރެ މަތިން މާކްސް ޙާޞިލުކުރައްވާފައި ވާތީ ކޮމިޓީގެ އަޣުލަބިއްޔަތު މެންބަރުންގެ ތާއީދާއެކުގައެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރާއްޖޭގެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމު އަދާކުރައްވާފައިވާ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވީ، މައުލޫމާތު ހޯދައި ލިބުމުގެ ޙައްގުގެ ޤާނޫނުގެ މަޤުސަދަކީ ރައްޔިތުންނަށް މައުލޫމާތު ހޯދައިދިނުން ކަމަށާއި އެ މަޤުސަދު ހާސިލުކުރައްވާނީ ޑިޕްލޮމަސީގެ ތެރެއިން ކަމަށެވެ. އެގޮތުން، ރައްޔިތުން ހުށަހަޅާ ކަންކަމުގައި މައުލޫމާތު ފޯރުކޮށްދިނުމަށް އިދާރާތަކާ މަޝްވަރާ ކުރައްވާނެ ކަމަށާއި އާންމު އަޑުއެހުންތައް ބާއްވާނީ އެއްވެސް ގޮތަކުން އެ މައުލޫމާތު ނުލިބުމުން ކަމަށްވެސް ވިދާޅުވިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްގުގެ ޤާނޫނު އެކުލަވާލިއިރު މަޖިލީހުގެ ކޮމިޓީގައި ހުންނެވިކަން ފާހަގަކުރައްވައި ޢަބްދުލްޢަޒީޒު ވިދާޅުވީ، އެ ޤާނޫނުގެ ނިޔަތަކީ ދައުލަތުގެ މުއައްސަސާތަކުގެ އިސްނެގުމުގެ މަތިން މައުލޫމާތު ހާމަކޮށްފައި ހުރުން ކަމަށެވެ. އަދި އެއީ ރައްޔިތުންނަށް ކޮންމެހެން ލިބިފައި ހުންނަންޖެހޭ މައުލޫމާތު ކަމުގައި ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ކޮމިޓީން ހުށަހެޅި ރިޕޯޓާ ގުޅިގެން މަޖިލީހުގައި ނެގި ވޯޓުގައި ޢަބްދުލްޢަޒީޒު އައްޔަން ކުރެއްވުމަށް ފެންނަ ކަމަށް ފާސްވެފައިވަނީ، 47 މެންބަރުންގެ ވޯޓުންނެވެ. އެ މަޤާމަށް އޭނާ އައްޔަން ކުރަން ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވިއެވެ.
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނު އުފެދުމަށްފަހު އެންމެ ފުރަތަމަ އިންފޮމޭޝަން ކަމިޝަނަރުގެ މަޤާމު އަދާކުރެއްވި ބޭފުޅާއެވެ. އެ މަޤާމަށް އޭނާ ޢައްޔަންކުރެއްވީ، 22 ޖުލައި 2014 ގައެވެ. އެ މަޤާމުގައި އޭނާ ހުންނެވީ، 22 ޖުލައި 2019އާ ހަމައަށެވެ.
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި ބަހުގެ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މިވަގުތު ހުންނެވީ، ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރެއްގެ މަޤާމުގައެވެ.










ކިޔުންތެރިންގެ ހިޔާލު