ގެދޮރު ބިނާކުރުމަށް ދޫކުރާ “ހިޔާވެހި” ފައިނޭންސިން ޕްރޮގްރާމްގެ ދަށުން މިހާތަނަށް 244 މީހުންނަށް ފައިސާ ދޫކޮށްފައިވާ ކަމަށް ބިނާރާއި އުމްރާނީ ތަރައްޤީއާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، “ހިޔާވެހި” ސްކީމުގެ ފުރަތަމަ ބުރުގައި 891 މީހުންނަށް މި ޕްރޮގްރާމުގެ ތެރެއިން މާލީ އެހީ ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.
މީގެތެރެއިން 244 މީހުންނަށް ފައިސާ ހަމަޖައްސާ ލޯނު ދޫކޮށްފައިވާއިރު، ދެން ޝަރުތު ހަމަވާ 629 މީހުންނަށްވެސް ފައިސާ ދޫކުރުމަށް ފުރިހަމަކުރަންޖެހޭ ފަހުގެ މަރުޙަލާ ކުރިއަށްދާކަމަށް ނާޒިމް ވިދާޅުވިއެވެ.

“ޕްރޮގްރާމަށް ހޮވި، ފައިސާ މިހާތަނަށް ދޫނުކޮށް މިވާ 629 މީހުންނަށްވެސް ކުރިއަށް އޮތް މަހެއްގެ ތެރޭގައި ފައިސާ ދޫކުރުމަށް ދަނީ މަސައްކަތް ކުރަމުން. އަމާޒަކީ، އަހަރު ނިމުމުގެ ކުރިން މުޅި ސްކީމަށް ހޮވުނު 891 މީހުންނަށް ފައިސާ ދޫކޮށް ނިންމުން.” ސްޓޭޓް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، މަސައްކަތް ލަސްވުމަށް ދިމާވި އެންމެ ބޮޑު ސަބަބަކީ ފައިސާ ދޫކުރާ އުސޫލާއި އިޖުރާޢަތްތައް ފުރިހަމަކޮށް އެކަން ކުރުމަށް ދިގު މުއްދަތެއް ހޭދަވުން ކަމަށެވެ.
“ގެއެއް ކުރަހާއިރު ގޭގެ %20 ކޮމާޝަލް މަސައްކަތަށް ކަނޑައެޅޭގޮތަށް އުސޫލު އޮތީ. ބައެއް މީހުން އެއަށްވުރެ ބޮޑަށް ނުވަތަ ގޭގެ ބީއޯކިއު އަގު ދޫކުރާ ލޯނުގެ އަދަދަށްވުރެ ބޮޑުވުންވެސް ފާހަގަވި. އެހެންވެ އެކަންކަން އިސްލާޙުކުރަން އެޕްލިކަންޓާއި ބޭންކް އަދި މިނިސްޓްރީއާ ދެމެދު ވަރަށް ގިނަ މަސައްކަތްތައް ކުރެވުނު.” ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
3 ބަޔަކަށް ފައިސާ ދޫކުރާއިރު އޭގެތެރޭގައި ހިމެނެނީ ފަހިމާލެ ސްކީމަށް އެޕްލިކަންޓަކަށް 6-10 މިލިޔަން، ސަހަރު ސްކީމަށް 3 މިލިޔަން އަދި ރަށްވެހި ސްކީމަށް 1 މިލިޔަން ރުފިޔާއެވެ.
“ހިޔާވެހި” ޕްރޮގްރާމުގައި އަހަރަކު 2 ބިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ނިންމާފައެވެ. މީގެތެރެއިން 1 ބިލިޔަން ރުފިޔާ ސަރުކާރުން ދޫކުރާއިރު، ދެން ހިމެނެނީ ބެންކުން ދޫކުރާ ފައިސާއެވެ.
މިއީ، އިސްލާމީ އުސޫލުން %5 ފައިދާގައި ކުރިއަށްގެންދާ ފައިނޭންސިން ސްކީމެކެވެ. އަދި ފައިނޭންސް އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށްވެސް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.










ކިޔުންތެރިންގެ ހިޔާލު