މަޖީދިއްޔާ ސުކޫލާއި އަރަބިއްޔާ ސުކޫލު ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ޕްރޮގްރާމް ނިންމުމަށް އޮގަސްޓު 20 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ސާވިސް ޑިވެލޮޕްމެންޓް ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ ޢަލީއެވެ. މި ރަސްމިއްޔާތުގައި، މާލެ ޕޮލިސް ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރުއާއި، ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖުމެންޓް ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޖުޠަބާ ޢަބްދުއް ސައްތާރުއާއި އެހެނިހެން ފުލުހުންގެ އިތުރުން މަޖީދިއްޔާ ސުކޫލާއި އަލް މަދުރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
މި އޮގަސްޓު މަހުގެ 15 އިން 20 އަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމުގައި މަޖީދިއްޔާ ސުކޫލުގެ 31 ދަރިވަރުންނާއި އަރަބިއްޔާ ސުކޫލުގެ 28 ދަރުވަރުން ބައިވެރިވެ ކާމިޔާބު ކަމާއެކު ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ.
ޓްރެފިކް މޮނީޓާސް ޕްރޮގްރާމްގައި، އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތު ދިނުމާއި ދަރިވަރުންގެ އަމިއްލަ ނަފުސުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އޭގެއިތުރުން، މުއާމަލާތުކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި ޓްރެފިކް ބެލެހެއްޓުމާ ގުޅޭގޮތުން މަގުމަތީގައި ދަރިވަރުންނަށް އަމަލީ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
މި ޕްރޮގްރާމްގެ ތެރެއިން، އެ މަދަރުސާގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަންކަމާއި މަގުމަތީގައި އުޅޭއިރު ހާއްސަގޮތެއްގައި ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި އެއްގަމު އުޅަނދު ދުއްވާއިރު، ގަވާއިދާ އެއްގޮތަށް އުޅަނދު ދުއްވުމަށާއި ސުކޫލު ސަރަހައްދުގައި އުޅަނދު ދުއްވާނަމަ ޓްރެފިކް މޮނީޓަރުންގެ އިރުޝާދުތަކާ އެގޮތަށް އަމަލުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.
ޓްރެފިކް މޮނީޓާސް ޕްރޮގްރާމަކީ ސުކޫލުތައް ހިމެނޭ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި ދަރިވަރުންގެ ބައިވެރިވުން އިތުރުކުރުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ދަރިވަރުން ހޭލުންތެރިކޮށް ޓްރެފިކް މައްސަލަތައް ހައްލުކުރުމުގެ ރޫހު އަށަގެންފައިވާ ދަރިވަރުންތަކެއް އުފެއްދުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.