ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ މާލެ ސަރަހައްދުގައި ފެން ޕްލާންޓް ބަހައްޓާނެ ބިމުގެ ދަތިކަން ހުރުމުން މާލެއާއި ވިލިމާލެ ބުރިޖު ދަށުން ފައްސަތޭކަ މީޓަރު ކަނޑުގެ އަޑީގައި ފެން ޕްލާންޓެއް ބެހެއްޓުމުގެ ދިރާސާ ކުރަން ފަށާފައިވާ ކަމަށެވެ.

މި މަޝްރޫއަކީ މާލެއާއި ހުޅުމާލެއަށް ފެން ފޯރުކޮށްދިނުމުގެ ގޮތުން ކުންފުނިން ކުރިއަށްގެންދަން ރާވާފައިވާ މުހިންމު މަސައްކަތެކެވެ. ކުރިއަށް އޮތް ތަނުގައި ތިލަފުއްޓާއި މާލެ ދެމެދު އަޅާ ބުރިޖު މެދުވެރިކޮށް މާލެއަށް ފެން ސަޕްލައި ކުރުމުގެ ބޮޑު މަޝްރޫއެއް ފެށުމަށްވެސް ވަނީ ނިންމާފައެވެ.

އެމްޑަބްލިޔުއެސްސީން ރާވާފައިވަނީ ތިލަފުށީގައި ފެން ސްޓޯރޭޖެއް ގާއިމުކުރުމަށްފަހު، ބުރިޖު ނިމެންވާއިރަށް އެ މަސައްކަތް ފެށުމަށެވެ. މިއީ ސަރުކާރާއެކު ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އިޝްތިހާރު އިޝްތިހާރު

މި މަޝްރޫއު ކުރިއަށްގެންދަނީ ނޯވޭގެ ތަޖުރިބާކާރު ޓީމަކާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްގެންނެވެ. އެގޮތުން ފީސިބިލިޓީ ސްޓަޑީއާއި ޓެކްނިކަލް އަދި ތިމާވެއްޓަށް ކުރާނެ އަސަރުތަކުގެ ދިރާސާތައް މިހާރު ދަނީ ކުރަމުންނެވެ.

ދިރާސާތަކަށްފަހު އަމަލީ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ފެށުމަށް ވަނީ ގަސްތުކޮށްފައެވެ. ކަނޑުއަޑިން ފެން އުފެއްދުމުގެ މާލީ އިންވެސްޓްމަންޓަށް ހިނގާނެ ހަރަދުތައް ބެލުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ.

ކަނޑުގެ ފައްސަތޭކަ މީޓަރު އަޑިން ނަގާ ލޮނަކީ ވަރަށް ސާފު ފެނަކަށްވުމާއި، އެނާޖީ އެފިޝަންޓްވުމުގެ އިތުރުން ރިޖެކްޓް ဝޯޓާ ކަނޑަށް ދޫކޮށްލަން ފަސޭހަވުމަކީ މިއިން ލިބޭނެ ބޮޑެތި ފައިދާތަކެވެ. އަދި ބޯހޯލުން ނަގާ ފެނަށްވުރެ ކަނޑުއަޑިން ނަގާ ފެނުގައި އޯގަނިކް މެޓަލްސް މަދުވާނެ ކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ.

މި މަޝްރޫއު ކާމިޔާބުކަމާއެކު ނިމުމުން ފެން އުފެއްދުމުގެ ހަރަދު ކުޑަވެގެންދާނެއެވެ. އަދި މާލޭގައި ފެން ޕްލާންޓް ބަހައްޓާނެ ބިމެއް ނުލިބުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

ނޯވޭގެ ޓީމުން ވަނީ އެގައުމުގައި ހިންގާ ކާމިޔާބު މަޝްރޫއުތައް ބަލައިލުމަށް އެމްޑަބްލިޔުއެސްސީއަށް ދައުވަތު ދީފައެވެ. ކަނޑުގެ އަޑިން ފެން އުފެއްދިއްޖެނަމަ، މިއީ ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.