ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތްކުރަނީ ޢުމުރުން 25 އަހަރާއި 34 އަހަރާ ދެމެދުގެ ފަތުރުވެރިންކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި އެންމެ ގިނައިން ރާއްޖެ އައިސްފައިވަނީ އަންހެން ފަތުރުވެރިންނެވެ. 65 އަހަރުން މަތީގެ އުމުރުފުރާ ފިޔަވައި އެހެން ހުރިހާ އުމުރު ފުރާއެއްގައިވެސް ގިނައީ އަންހެން ފަތުރުވެރިންކަން ތަފާސްހިސާބުތަކުން ދައްކައެވެ.
ރާއްޖެއަށް އަހަރުގެ މިހާތަނަށް 1.3 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެތެރެއިން %14 ހިއްސާކުރަނީ 25 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެން ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ %11.8 ހިއްސާއާއެކު 35 އަހަރާއި 44 އަހަރާ ދެމެދުގެ އަންހެން ފަތުރުވެރިންނެވެ. ތިންވަނަ އަށް އެންމެ ގިނައިން އައިސްފައިވަނީ 14 އަހަރުން ދަށުގެ އަންހެން ފަތުރުވެރިންނެވެ. ފިރިހެން ފަތުރުވެރިންގެ ތެރެއިން ރާއްޖޭގެ މަޤްބޫލްކަން އެންމެ ބޮޑީ 25 އަހަރާއި 34 އަހަރާ ދެމެދުގެ އަދި 25 އަހަރާއި 34 އަހަރާ ދެމެދުގެ އުމުރު ފުރާއެވެ.

ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންނަށް ބަލާލާއިރު، އެންމެ ގިނައީ ޗައިނާ ފަތުރުވެރިންނެވެ. ދެވަނަ އަށް އެންމެ ގިނައީ ރަޝިއާ ފަތުރުވެރިންނެވެ. މި ދެ ޤައުމުން ރާއްޖެއަށް ވަނީ 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ޤައުމަކީ އިނގިރޭސިވިލާތެވެ. އެޤައުމުން ރާއްޖެއަށް ވަނީ ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.3 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1.4 މިލިޔަން ފަތުރުވެރިންނާ އަޅާ ބަލާއިރު %3 ދަށް އަދަދެކެވެ.










ކިޔުންތެރިންގެ ހިޔާލު