މާލޭ ވޯޓާ އެންޑް ސިވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) ގެ ކަސްޓަމާ ކެއާ ސެންޓަރުގެ އައު ހޮޓްލައިން ނަންބަރު 1575 ތައާރަފްކޮށްފިއެވެ.
އެމް.ޑަބްލިޔު.އެސް.ސީން ބުނީ އެ ކުންފުނިން ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ކަސްޓަމަރުންނާއި ކުންފުންޏާއި ދެމެދު މުއާމަލާތް ކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކަސްޓަމާ ކެއާގެ އައު ހޮޓްލައިން ނަންބަރުގެ ގޮތުގައި 1575 ތައާރަފް ކޮށްފައިވާކަމަށެވެ. މިބަދަލާއެކު އެ ކުންފުނީގެ އެމަޖެންސީ ހޮޓްލައިންގެ ގޮތުގައި 105 ވަނީ ހާއްސަ ކޮށްފައެވެ.
އެހެންކަމުން މިއަދުން ފެށިގެން އެމް.ޑަބްލިޔު.އެސް.ސީގެ ހިދުމަތްތަކާއި ގުޅުންހުރި އެންމެހައި މައުލޫމާތާއި އެހީތެރިކަން ކަސްޓަމާ ކެއާ ނަންބަރު 1575 އިން ލިބެމުންދާނެކަމަށް ކުންފުނިން ބުންޏެވެ.

އެމް.ޑަބްލިޔު.އެސް.ސީގެ 105 އެމަޖެންސީ ހޮޓްލައިންގެ ހިދުމަތް 24 ގަޑިއިރު މެދުކެނޑުމެއްނެތި ލިބޭނެއެވެ. އަދި 1575 ހޮޓްލައިންގެ ހިދުމަތް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށް ލިބޭނެއެވެ.
ކަސްޓަމަރުންނަށް ދެމުންގެންދާ ހިދުމަތްތައް ފުޅާކޮށް، ކަސްޓަމަރުންނާއި ވީހާވެސް ގާތުން ލުއިފަސޭހަކަމާއެކު މުއާމަލާތް ކުރުމުގެ އިންތިޒާމްތައް ހަމަޖެއްސައިދިނުމަކީ އެންމެ ބޮޑު އެއްއަމާޒުކަމަށް އެމް.ޑަބްލިޔު.އެސް.ސީން ބުންޏެވެ.










ކިޔުންތެރިންގެ ހިޔާލު