އެޗްޑީސީގެ އިދާރީ ހަރަދުތަކުން 137 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްކޮށް، ކުންފުނީގެ މާލީ ހިންގުން އިތުރަށް ހަރުދަނާ ކޮށްފައިވާކަން މާލީ ހިސާބުތަކުން ދައްކައިފިއެވެ.
އެޗްޑީސީގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، ކުންފުނީގެ އިދާރީ ހަރަދުތަކުން ވަނީ 137 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްކޮށްފައެވެ. ހިސާބުތަކަށް ބަލާއިރެު 2023 ވަނަ އަހަރު އިދާރީ ހަރަދުގެ ގޮތުގައި 848.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މި އަަދަދު 2024 ވަނަ އަހަރު ވަނީ 710.8 މިލިއަން ރުފިޔާއަށް ދަށްކޮށްފައެވެ. މިއީ ގާތްގަނޑަކަށް 16.2 އިންސައްތައިގެ ދަށްވުމެކެވެ.
ރިޕޯޓުން ދައްކާގޮތުން އެޗްޑީސީގެ އޮޕަރޭޓިން މަސައްކަތްތަކުން ލިބުނު ފައިސާ 2024 ވަނަ އަހަރު ވަނީ 157.8 މިލިއަން ރުފިޔާއަށް އަރައިފައެވެ. މިއީ 2023 ވަނަ އަހަރު އޮޕަރޭޓިން މަސައްކަތްތަކުން 825.2 މިލިއަން ރުފިޔާގެ ނެގެޓިވް ކޭޝް ފްލޯއެއް ރެކޯޑުކުރެވިފައި ވަނިކޮށް ހޯދުނު ބޮޑު ކުރިއެރުމެކެވެ. މީގެއިތުރުން، ދަރަންޏަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން އެ ކުންފުނިން ވަނީ އެ އަހަރު 1.96 ބިލިއަން ރުފިޔާގެ ލޯނު އަނބުރާ ދައްކައިފައެވެ. މިއާއެކު ދިގު މުއްދަތުގެ ލޯނުތަކުގެ އަދަދު ވަނީ 8.26 ބިލިއަން ރުފިޔާއިން 7.48 ބިލިއަން ރުފިޔާއަށް ދަށްކުރެވިފައެވެ.

މާލީ ހަރަދުތަކަށް ބަލާއިރު، އިންޓްރެސްޓްގެ ގޮތުގައި ލިބުނު އާމްދަނީ 1.07 ބިލިއަން ރުފިޔާއަށް އިތުރުވެ ނެޓް ފައިނޭންސް އާމްދަނީގެ ގޮތުގައި 323.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ކުންފުނީގެ ޖުމްލަ އާމްދަނީ 2024 ވަނަ އަހަރު 3.54 ބިލިއަން ރުފިޔާއަށް ދަށްވި ނަމަވެސް، އެޗްޑީސީން ވަނީ ބޮޑު ފައިދާއެއް ހާސިލުކޮށްފައެވެ. އެގޮތުން ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 2.01 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ހިސާބުތަކުން ދައްކައެވެ.
މި ފައިދާ ލިބުމުގައި އިންވެސްޓްމަންޓް ޕްރޮޕަޓީތަކުގެ އަގަށް އައި ކުރިއެރުމުން ލިބުނު 1.36 ބިލިއަން ރުފިޔާ އަދި އެހެނިހެން އާމްދަނީގެ ގޮތުގައި ލިބުނު 1.89 ބިލިއަން ރުފިޔާ މުހިންމު ދައުރެއް އަދާކޮށްފައިވާއިރު އޮޑިޓް ރިޕޯޓުގައި ވަނީ ވިއްކި މުދަލާއި ހިދުމަތުގެ ހަރަދު 2.71 ބިލިއަނުން 2.51 ބިލިއަން ރުފިޔާއަށް ކުޑަކުރެވިފައިވާކަމަށް ބުނެފައެވެ.
ދެހާސް ސައްވީސް ވަނަ އަހަރު ނިމުނުއިރު އެޗްޑީސީގެ ޖުމްލަ އެސެޓްސްގެ އަގު ހުރީ 42.52 ބިލިއަން ރުފިޔާގައެވެ. މީގެ ތެރޭގައި އެންމެ ބޮޑު ބައެއް ހިއްސާކުރާ އިންވެސްޓްމަންޓް ޕްރޮޕަޓީގެ އަގަކީ 25.64 ބިލިއަން ރުފިޔާއެވެ. އަދި ލިބެންޖެހޭ ފައިސާ އަދި ލޯނުގެ ގޮތުގައި 12.18 ބިލިއަން ރުފިޔާ ހުރިއިރު، އިންވެންޓްރީގައި 3.78 ބިލިއަން ރުފިޔާގެ މުދާ އަދި ފައިސާގެ ގޮތުގައި 321.7 މިލިއަން ރުފިޔާ ހުއްޓެވެ. ކުންފުނީގެ ލަޔަބިލިޓީސް ވަނީ 14.71 ބިލިއަން ރުފިޔާއިން 14.09 ބިލިއަން ރުފިޔާއަށް ކުޑަކޮށްފައެވެ.










ކިޔުންތެރިންގެ ހިޔާލު