މާރުކޭޓް ކޮމްޕްލެކްސް އަޅާ ބިމުގެ ގޮޅިތަކުގައި ތިބި މީހުންނަށް ވަގުތީގޮތުން ތަނެއް ހަމަޖައްސައި، އައު މާރުކޭޓު އެޅުމަށް މަސްދުވަހުގެ ތެރޭގައި ބިން ހުސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްގީކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ ޓްރަސްޓެންގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަސައްކަތް ހަވާލުކޮށް ފަސް މަސް ވެގެންދިޔައިރުވެސް މަސައްކަތް ނުފެށި ދިގުލަމުންދާއިރު މާރުކޭޓް ކޮމްޕްލެކްސް ގެ މަސައްކަތް ލަސްވަނީ އެކަމަށް ބޭނުންވާ ބިން މާލެ ސިޓީ ކައުންސިލުން ހަވާލުނުކޮށްގެންކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މާރުކޭޓް ކޮމްޕްލެކްސް އެޅުމަށް ވަމުންދާ ތައްޔާރީތަކުގެ އެންމެ ފަހުގެ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުއްޠަލިބް ވިދާޅުވީ ވަގުތީ މާރުކޭޓެއް ހަދައި، އެއް މަސް ތެރޭގައި ބިން ހުސްކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ވަގުތީ މާރުކޭޓް ހެދުމަށް ކުރީގެ އެސްޓީއޯ ހުރި ތަނާއި ތައިސޭކޮށި ބަލަމުންދާކަމަށް ވިދާޅުވިއެވެ.
“މާލެ ވެޓް މާކެޓް ކޮމްޕްލެކްސް” މަޝްރޫޢުގެ ޖުމްލަ އަގަކީ 116,999,624.94 (ސަތޭކަ ސޯޅަ މިލިއަން ނުވަސަތޭކަ ނުވަދިހަ ނުވަހާސް ހަސަތޭކަ ސައުވީސް ރުފިޔާ ނުވަދިހަ ހަތަރު ލާރި) އެވެ.

މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ ހަ ފަންގިފިލާގެ ވެޓް މާކެޓް ކޮމްޕްލެކްސްއެއް އެޅުމާއި ބޭސްމެންޓާއި ޕާކިން ހެދުމެވެ. މި އިމާރާތުގެ ގްރަންޑް ފްލޯގައި މަސް މާރުކޭޓެއް ތަރައްގީ ކުރާނެ އެވެ. އަދި ދެވަނަ ފްލޯ އާއި ތިންވަަ ފްލޯގައި ތަރުކާރީ މާރުކޭޓެކެވެ.
ހަތަރުވަނަ ފްލޯ ހާއްސަ ކުރާނީ ފުޑް ކޯޓްތަކަށެވެ. މިހާރު ޕްލޭން ކުރެވިފައިވާ ގޮތުން އެ ފްލޯގައި ހަތަރު ފުޑް ކޯޓް ތަރައްގީ ކުރާނެ އެވެ.
މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްގީ ކުރާނީ މިހާރުގެ ދަތުރުވެރީންގެ މާރުކޭޓް ހުރި ބިމުގަ އެވެ. އެ އިމާރާތް ނިމުމުން ހުންނާނެ ގޮތުގެ ކުރެހުންތައް ވެސް މިއަދު ވަނީ އާންމުކޮށްފައެވެ. އެ އިމާރާތާއެކު މާލޭގެ މަލަމައްޗަށް ބޮޑު ފުރިހަމަ ކަމެއް އަންނާނެއެވެ. މިއީ ރީތި ޑިޒައިނަކަށް އިމާރާތް ކުރެވޭ ޒަމާނީ ކޮމްޕްލެކްސް އެކެވެ.








ކިޔުންތެރިންގެ ހިޔާލު