ރާއްޖެއަށް ބޭނުންވާ ކަރަންޓާއި ފެން މެދުނުކެނޑި ލިބޭނެ ގޮތް ފަހިކޮށްދިނުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފިއެވެ.
އޭޑީބީން މި ލޯން ދޫކުރަން ނިންމާފައިވަނީ “އެނާޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް” ނަމުގައެވެ. އޭޑީބީން ފާހަގަކުރާ ގޮތުގައި މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ތެލުގެ އަގު ބޮޑުވެ، ފަތުރުވެރިން އައުން މަދުވުމުގެ ސަބަބުން ތެޔޮ އިމްޕޯޓް ކުރަން ސަރުކާރަށް މާލީ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.
އެހެންވެ، އޭޑީބީން މި ލޯން އެހީ ދެނީ ކަރަންޓު އުފެއްދުމަށާއި ފެން އުފެއްދުމަށް ބޭނުންވާ ޑީސަލް އެތެރެކުރުމަށާއި ކާބޯތަކެއްޗާއި ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ތަކެތި އުފުލުމުގެ ލޮޖިސްޓިކްސްއަށާއި އަތޮޅުތެރޭގެ ދަތުރުފަތުރާއި މުދާ އުފުލުމަށް އަދި ކުނި މެނޭޖްކުރުމުގެ މަސައްކަތްތަކަށެވެ.

ރާއްޖެއަކީ އިމްޕޯޓުކުރާ ތެލަށް ބަރޯސާވާ ގައުމެއް ކަމަށާއި ކަރަންޓު އުފެއްދުމުގެ %94 ހިއްސާކުރަނީ ޑީސަލް ކަމަށް ވެސް އޭޑީބީން ފާހަގަކުރިއެވެ.
އޭޑީބީން މި ލޯނު ދިންއިރު، މިދިޔަ މެއި މަހު ވޯލްޑް ބޭންކުން ވެސް ވަނީ އެ ބޭންކުން ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ ފައިސާގެ ތެރެއިން 40 މިލިއަން ޑޮލަރުގެ ލޯނެއް ތެޔޮ އެތެރެކުރުމަށް ލޯން ހަމަޖައްސައި ދީފައެވެ. މިއާއެކު، އެ ދެ ބޭންކު ގުޅިގެން ދޭ އެހީގެ ޖުމްލަ އަދަދު ވަނީ 90 މިލިއަން ޑޮލަރަށް އަރައިފައެވެ.
މެއި މަހު އާންމުކުރި ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ތެޔޮ އިމްޕޯޓް ކުރުމަށް މަހުން މަހަށް ކުރާ ހަރަދު 116 މިލިއަން ޑޮލަރަށް އަރާފައިވާއިރު، ހަމަނުޖެހުން ބޮޑުވުމުގެ ކުރިން ހުރީ ގާތްގަނޑަކަށް 50 މިލިއަން ޑޮލަރުގައެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން އޭރު ވިދާޅުވެފައިވަނީ ތެލަށް ކޮންމެ މަހަކު ކުރާ ހަރަދު ގާތްގަނޑަކަށް 110 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.
ރާއްޖެއިން ކަރަންޓް އުފެއްދުމަށް ދުވާލަކު ގާތްގަނޑަކަށް 8،000 ފީފާ ޑީސަލް ބޭނުންވާ ކަމަށާއި އެއީ އަހަރަކު ގާތްގަނޑަކަށް 2.9 މިލިއަން ފީފާ ޑީސަލް އުފެއްދުމާ އެއްވަރު ކަމަށް އެ މިނިސްޓްރީން ފާހަގަކުރެއެވެ. ރާއްޖެ އިން މިދިޔަ އަހަރު ތެޔޮ ގަތުމަށް ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
އޭޑީބީއަކީ އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގައި ދެމެހެއްޓެނިވި، ތަރައްގީއަށް އެހީތެރިވެދޭ ބޭންކެކެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެ އަށް ތެޔޮ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށާއި މިވަގުތު ވެސް ގާތްގަނޑަކަށް މަސް ދުވަހުގެ ތެޔޮ ރައްކާކޮށްފައި އެބަހުރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މާޗް މަހު ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުން އަންނަ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކުރާ އަސަރު ކުޑަކުރުމަށް ކަމާ ގުޅޭ ހުރިހާ އިދާރާއަކުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
“ތެލަށް ބަލާއިރުގައި، ތެލަށް އެއްވެސް ކަހަލަ ކަންބޮޑުވުމެއް އަދި ދިމައެއް ނުވޭ. އިރާދަކުރެއްވިޔާ ހަމަ ވަރަށް ރަނގަޅަށް އެކަން އޮތީ ހަމަޖެހިފައި. އެއްވެސް ވަރަކަށް، ތެޔޮ، ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެންނަށް ނުލިބޭނެ ކަހަލަ ގޮތަކަށެއް، އަދި ނެތް އެއްވެސް ކަހަލަ ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް،” ރައީސް
ރާއްޖެއަށް ތެޔޮ ލިބުމުގައި ދަތިކަމެއް އަދި ނެތް ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު، މުހައްމަދު ސައީދު މި ފަހުން ވަނީ ވިދާޅުވެފައެވެ. ސައީދު ވިދާޅުވީ ތެޔޮ ރައްކާކުރާނެ ކެޕޭސިޓީ އިތުރު ކުރުމަށް ވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.








ކިޔުންތެރިންގެ ހިޔާލު