އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެމްޕިއަން އާސެނަލްއާއި ޖަރުމަނު ބުންޑެސްލީގާގެ ބޮރޫޝިއާ ޑޯޓްމުންޑް ބައްދަލުކުރި މެޗު ޑޯޓްމުންޑުން ކާމިޔާބުކޮށްފިއެވެ.
އެމިރޭޓްސް ކަޕްގައި އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗު ޑޯޓްމުންޑް އިން ކާމިޔާބު ކޮށްފައިވަނީ 3 ލަނޑު 2 ލަނޑުންނެވެ. މިއީ ޕްރިމިއަރ ލީގު ކާމިޔާބު ކުރި ފަހުން އާސެނަލްއިން މިދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ. މިމެޗުން ބަލިވި ނަމަވެސް ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލް އިންނެވެ. މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 7 ވަނަ މިނެޓުގައި ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ ޑޯޓްމުންޑް އިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސެމިއުލް އިނާސިއޯއެވެ. އަދި މެޗުގެ 29 ވަނަ މިނެޓުގައި ޑޯޓްމުންޑަށް އެޓީމުގެ ލީޑު ފުކޮށްދިނީ ކޮންސްޓަންޓީނޯ ކަރެޓްސާސް ޖަހައިދިން ލަނޑުންނެވެ.
އާސެނަލްގެ ފުރަތަމަ ލަނޑު މެޗުގެ 54 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔާ އީތަން އެންވަނޭރީއެވެ. ނަމަވެސް މިލަނޑު ޖެހިތާ 4 މިނެޓް ފަހުން ޑޯޓްމުންޑް އިންވަނީ އެޓީމުގެ ތިންވަނަ ލަނޑު ޖަހާ އަނެއްކާވެސް މިމެޗުގައި ދެ ލަނޑުގެ ލީޑެއް ނަގައިފައެވެ. މިމެޗުގައި އާސެނަލްގެ ދެވަނަ ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ޖަހައިދިނީ ވިކްޓަރ ގުޔޮކެރޭސްއެވެ.

މިމެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުން ނަމަވެސް ޕެނަލްޓީ ޖަހަން ދެޓީމުން އެއްބަސްވެފައިވުމާއި އެކު މެޗަށްފަހު ޕެނަލްޓީވެސް ވަނީ ޖަހައިފައެވެ. ޕެނަލްޓީ ޝޫޓް އައުޓް ކާމިޔާބު ކޮށްފައިވަނީ އާސެނަލްއެވެ. މިގޮތުން އާސެނަލްއިން ޖެހި 5 ޕެނަލްޓީވެސް ވަނީ ކާމިޔާބު ކޮށްފައެވެ.








ކިޔުންތެރިންގެ ހިޔާލު