ކުދި ރުކުމަޑި (ކޮކޮނަޓް ހިސްޕިޑް ބީޓްލް) ކޮންޓްރޯލް ކުރުމަށްޓަކައި ޤުދުރަތީ ގޮތުން އެފަދަ ސޫފިތަކަށް ހަމަލާދޭ ފަނިފަކުސަ އާލާކުރާ “ޕާމް ޕެސްޓް ބައިއޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިން ސެންޓަރު” ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ރަސްމީކޮށް ހުޅުވައިފިއެވެ.
މި ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އާއި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ އެވެ. މިއީ ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރު ގުޅިގެން ކުރިއަށްގެންދާ “މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް” ގެ ދަށުން ގާއިމުކުރި މަރުކަޒެކެވެ.
މި މަޝްރޫޢުގައި ހިމެނޭ “އިމްޕްލިމެންޓޭޝަން އެގްރީމެންޓް ފޯ ދަ އެސިސްޓެންސް ޕްރޮޖެކްޓް އޮން ކޮކޮނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އިން މޯލްޑިވްސް” އެއްބަސްވުމުގައި ދަނޑުވެރިކަމާ ބެހޭ ވުޒާރާއާއި ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއާ ދެމެދު ސޮއިކޮށްފައިވަނީ 14 ޖުލައި 2025 ގައެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ރުއްތަކަށް ޖެހޭ ބަލިތަކާއި ގެއްލުންދޭ ޕެސްޓްތައް ދެނެގަނެ، އެފަދަ ބަލިތައް ދެމެހެއްޓެނިވި ގޮތެއްގައި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ޤާއިމުކުރުމެވެ. މިގޮތުން ތިމާވެއްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ބަލިތައް ކޮންޓްރޯލްކުރުމަށްޓަކައި ޕެސްޓަށް ޙަމަލާދޭ ސޫފާސޫފި އާލާކޮށް ބަލިޖެހިފައިވާ ސަރަޙައްދުތަކަށް ދޫކުރުން ހިމެނެއެވެ. މި ސެންޓަރުގައި ދުވާލެއްގެ މައްޗަށް 100000 ޕެރެސިޓޮއިޑް އާލާކުރުމުގެ ޤާބިލުކަން ހުންނާނެއެވެ.
ކޮކޮނަޓް ހިސްޕިޑް ބީޓްލް ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ 1999 ވަނަ އަހަރުގެ ޑިސެންބަރު މަހު އަރިއަތޮޅު ސަން އައިލެންޑް ރިސޯޓުންނެވެ. މި މައްސަލަ 2000 ވަނަ އަހަރުގެ ކުރީކޮޅު މިނިސްޓްރީގެ ސަމާލުކަމަށް އައުމާ ގުޅިގެން މި ޕެސްޓް ފެތުރުން ހުއްޓުވުމަށާއި ރާއްޖެއިން އެ ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ.
އެގޮތުން އދ. ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފްއޭއޯ) އާ ގުޅިގެން މި ޕެސްޓުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް “އިންޓަގްރޭޓެޑް ޕެސްޓް މެނޭޖްމަންޓް އޮފް ކޮކޮނަޓް ހިސްޕިޑް ބީޓްލް” މަޝްރޫޢު 2003 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ވަނީ އިފްތިތާޙުކޮށްފައެވެ. އެ މަޝްރޫޢުގެ ދަށުންވެސް ކޮކޮނަޓް ހިސްޕިޑް ބީޓްލް ކޮންޓްރޯލް ކުރުމަށްޓަކައި ޕެރަސިޓޮއިޑް އާލާކޮށް ބަލިޖެހިފައިވާ ސަރަޙައްދުތަކަށް ދޫކުރުމުގެ މަސައްކަތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.









ކިޔުންތެރިންގެ ހިޔާލު