ދިވެހިރާއްޖޭގެ ވެރިރަށް މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށްޓަކައި، ހުޅުމާލޭގައި އިތުރު 5000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި، ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ކަންކަން ލިބޭނެތޯ ސުވާލުކުރައްވާފަ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ރޭވިފައިވަނީ ސަރުކާރަށް ބިންލިބޭ މިންވަރަކުން ކަމަށެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސްއިން ކުރިއަށްގެންދާ 4000 ހައުސިން ޔުނިޓްގެ ތެރެއިން ބޮޑުބައެއްގެ މަސައްކަތް ފެށިގެން ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ޕްރައިވެޓް ސެކްޓަރަށްވެސް 1000 ހައުސިން ޔުނިޓްގެ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށާއި އެއީ އެންޑް ޔޫޒާ ފައިނޭންސް މޮޑަލަށް ކުރިއަށްގެންދާ މަޝްރޫއުތަކެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ މޮޑަލްގެ ތެރެއިން އިތުރު ބިންތަކެއްވެސް ޕްރައިވެޓް ސެކްޓަރަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތަައް ހިންގުމަށް ހަވާލުކުރާނެ ކަމަށް ވަޒީރު ހާމަކުރެއްވި އެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުން އެލްއޯސީގެ ތެރެއިން ގުޅީފަޅުގައި 4000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މިހާރު ސަރުކާރުން މަސައްކަތް ކުރަމުންދަނީ އިތުރު 5000 ހައުސިން ޔުނިޓް ހުޅުމާލޭގައި އެޅުމަށް ކަމަށްވެސް މިނިސްޓަރު މުއްތަލިބް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ދައުރު ނިމެންވާއިރަށް، އިރާދަކުރެއްވިއްޔާ މާލޭގައި ބޯހިޔާވަހިކަމުގެ ދަތިކަމުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ބޮޑު ތަސައްލީއެއް ހޯދައިދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއަކީ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ކުރަމުންދާ މަސައްކަތެެވެ. މި ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ދިން މުއްދަތު ހަމަވީ ޖޫން 15 ވަނަ ދުވަހު އެވެ. “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ “އާއިލީ ބޯހިޔާވަހިކަން” އަދި “ގޯތިގެދޮރު” ޕްރޮގްރާމްގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަށް ޖުމުލަ 58,505 އެޕްލިކޭޝަން ހުށަހަޅާފައިވެ އެވެ.
ހައުސިން މިނިސްޓްރީން މިހާރު ވަނީ ފްލެޓާއި ގޯއްޗަށް ހުށަހެޅި އެޕްލިކޭޝަންތަކުގެ ކްރޮސް ވެރިފިކޭޝަން މަސައްކަތް ފަށާފަ އެވެ. މިއީ އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކުން ހުށަހަޅާފައިވާ މައުލޫމާތުތަކާއި، ސަރުކާރުގެ އިދާރާތަކުގައި ހުރި މައުލޫމާތުތަކާ އަޅާކިޔުމަށް ކުރިއަށްގެންދާ މުހިންމު ޕްރޮސެސްއެކެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި “އާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމުގެ ދަށުން ޖުމުލަ 45,644 އެޕްލިކޭޝަން ލިބިފައިވެ އެވެ. އޭގެތެރެއިން ފްލެޓަށް އެދި 35,818 ފޯމު އަދި ގޯއްޗަށް އެދި 9,826 ފޯމު ލިބިފައިވެ އެވެ. މީގެ އިތުރުން، “ގޯތިގެދޮރު” ޕްރޮގްރާމްގެ ދަށުން ޖުމުލަ 12,861 އެޕްލިކޭޝަން ލިބިފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 112 އެޕްލިކޭޝަނާއި، ގޯއްޗަށް އެދި ހުށަހެޅި 12,749 އެޕްލިކޭޝަން ކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.









ކިޔުންތެރިންގެ ހިޔާލު