ގުޅީފަޅުން ގޯތި ލިބިފައިވާ ހުރިހާ ފަރާތްތަކަށް މި ހަފުތާގެ ތެރޭގައި ޑިޖިޓަލްކޮށް ގޯތި ހަވާލުކޮށް ނިންމުމަށް އަމާޒުހިފައިގެން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ގުޅީފަޅުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މި ހަފުތާގެ ތެރޭގައި ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކަށް އެ ފަރާތެއްގެ ގޯތި ސީދާ ފެންނާނެހެން ހަވާލުކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ގޯތީގެ ވަށާފާރު ރޭނުމުގެ ފުރުސަތު ވެސް ވަރަށް އަވަހަށް ހުޅުވައިލައްވާނެ ކަމަށް އެ މަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.
ހިއްކައި ނުނިމޭ ތަންތަނުން ކުރީ ސަރުކާރުން ގޯތި ދީފައިވާ މައްސަލައާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކޮންމެސް ވަރެއްގެ ދަތިތަކެއް ހުރި ނަމަވެސް ސަރުކާރުގެ ސިޔާސަތަކީ ކުރީ ސަރުކާރުން ފަށާފައިވާ އަދި ސޮއިކޮށްފައިވާ މަޝްރޫއުތައް ވެސް ކުރިއަށް ގެންގޮސް ރައްޔިތުންނަށް އެ ކަންކަން ފުރިހަމަކޮށްދިނުން ކަމަށެވެ. މި ގޮތުން، ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގާތްގަނޑަކަށް ހުރިހާ ގޯއްޗެއް މިހާރު ހަވާލުކޮށް ނިމިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ގިރާވަރުފަޅުން ގޯތި ދޫކުރުމަށް ޓަކައި އެ ފަޅުން އިތުރު 50 ހެކްޓަރުގެ ބިން ހިއްކަން ޖެހޭ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މި މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު، މި ހިނގާ މަހުގެ ތެރޭގައި އަލުން އެ މަސައްކަތް ފެށިގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވައިފައެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް، އެ ސަރަހައްދުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ހަވާލުކުރުމުގެ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.











ކިޔުންތެރިންގެ ހިޔާލު