ވިލިމާލޭ ކަނދޮޅުމާގޯޅީގައި ހިންގި މި މާރާމާރީގައި އަނިޔާވެފައިވަނީ ދިވެހި ހަތަރު ފިރިހެނުންނަށެވެ.
ވިލިމާލޭގައި މިއަދު މެންދުރުފަހު ދެ ގްރޫޕެއްގެ މެދުގައި ހިންގި ނުރައްކާތެރި މާރާމާރީއެއްގައި ހަތަރު މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ނުރައްކާތެރި މާރާމާރީ ހިންގާފައިވަނީ ވިލިމާލޭގެ ކަނދޮޅުމާގޯޅީގައެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 15:12 ހާއިރުއެވެ. ރިޕޯޓު ލިބުމާއެކު ފުލުހުން ވަނީ އެ ސަރަޙައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.

މި މާރާމާރީގައި އަނިޔާވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވިފައިވަނީ ހަތަރު މީހެކެވެ. ފުލުހުން ކަށަވަރުކޮށްދެއްވާފައިވާ ގޮތުގައި، މި ހާދިސާގައި އަނިޔާވެފައިވަނީ 18 އަހަރާއި، 22 އަހަރާއި، 27 އަހަރު އަދި 31 އަހަރުގެ ދިވެހި ފިރިހެނުންނަށެވެ. މި މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްޞީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މާލެ ސަރަޙައްދުގައި މާރާމާރީތައް ހިނގަމުންދާ މި ދަނޑިވަޅުގައި، ވިލިމާލޭގައި ހިނގި މި ހާދިސާ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރަމުންނެވެ. މިހާތަނަށް މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.









ކިޔުންތެރިންގެ ހިޔާލު