ވިލިމާލޭގައި ޗައިނާ ސަރުކާރުގެ އެހީގައި އަޅާ 112 އެނދުގެ އާ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި، އެ ހޮސްޕިޓަލްގެ ހިދުމަތްތައް ވަގުތީ ގޮތުން "އަމާން ހިޔާ" އިމާރާތަށް މިއަދު ބަދަލުކޮށްފިއެވެ.
މި ހިދުމަތްތައް ވަގުތީ ގޮތުން ބަދަލުކުރީ ވިލިމާލޭގައި ކުޑަކުދިންގެ ހިޔާގެ ގޮތުގައި ކުރިން ހިންގި މަރުކަޒަށެވެ. އެ ތަނަށް ހިދުމަތްތައް ބަދަލުކުރީ މިހާރު ހޮސްޕިޓަލް ހިންގާ ބިން ހުސްކޮށް، އާ އިމާރާތުގެ މަސައްކަތް ނިމެންދެންނެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ، ވަގުތީ އިމާރާތަށް ހިދުމަތްތައް ބަދަލުކުރީ އެ ތަނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްފަހު ކަމަށެވެ. އަދި ކުރިން ލިބެމުންދިޔަ ހުރިހާ ސިއްހީ ހިދުމަތްތަކެއް ވަގުތީ އިމާރާތުންވެސް މެދުކެނޑުމެއްނެތި ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ވިލިމާލޭގައި މިހާރު ހިންގާ ހޮސްޕިޓަލުން ލިބެނީ މަދު ފަރުވާތަކެއް ކަމަށްވާތީ، ސަރުކާރުން އަންނަނީ ތިލަމާލެ ބްރިޖު މަސައްކަތް ނިންމައި އެ ސަރަހައްދުގައި މީހުން އާބާދުވާން ފަށަންވާއިރަށް ސިއްހީ ދާއިރާ ތަރައްގީ ކުރަމުންނެވެ. މި މަޝްރޫއުގެ ދަށުން ދެން ކުރިއަށް ގެންދާނީ ކޮންޓްރެކްޓަރެއް ކަނޑައަޅައި އަމަލީ މަސައްކަތް ފެށުމުގެ މަރުހަލާއެވެ.
އާ ހޮސްޕިޓަލް އިމާރާތް ނިމުމުން އައުޓްޕޭޝަންޓް އަދި ކުއްލި ފަރުވާގެ ހިދުމަތުގެ އިތުރުން، ބަލި ދެނެގަތުމަށާއި ފަރުވާ ދިނުމަށް ހާއްސަ ސަރަހައްދުތައް ހުންނާނެއެވެ. މީގެ އިތުރުން މެޑިކަލް ވޯޑުތަކާއި އިދާރީ އޮފީސްތައް ހިމެނޭ ގޮތަށް، ޓާޝަރީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ހުރިހާ މެޑިކަލް އިކުއިޕްމަންޓާއި ފަރުނީޗަރުވެސް މި މަޝްރޫއުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.