އެމްޑީޕީގެ ހިންގުމާއި އަސާސީ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތަކުގެ މަގުޗާޓު އެކުލަވާލައި ނިންމުމަށްޓަކައި، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ މުގައްރިރުކަމުގެ ދަށުން ހާއްސަ ކޮމިޓީއެއް އެކުލަވާލައިފިއެވެ.
މި މަގުޗާޓަކީ ނިމިދިޔަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން ޕާޓީގެ ހިންގުން ހަރުދަނާކުރުމުގެ ބޭނުމުގައި ފެށި މަސައްކަތެކެވެ. މި މަސައްކަތް އެންމެ ފުރަތަމަ ފެއްޓެވީ އޭރު ޗެއާޕާސަންގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއީލެވެ. ނަމަވެސް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެހެންކަމުން، މި މަސައްކަތް ނިންމުމަށްޓަކައި މިހާރުގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލައްވާފައެވެ.
ރައީސް ނަޝީދު އެކުލަވާލެއްވި މި ކޮމިޓީގައި މުގައްރިރު ފައްޔާޒު އިސްމާއީލާއެކު ޖުމުލަ 10 މެންބަރުން ހިމެނިވަޑައިގަންނަވައެވެ. މީގެ ތެރޭގައި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި، މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި، ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން، އެމްޑީޕީގެ ގާނޫނީ ވަކީލު މައުރޫފް އަހުމަދާއި، އިދާރީ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދާއި، އަލިފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން ވެސް މި ކޮމިޓީގައި ހިމެނެއެވެ. އަދި ޕާޓީގެ މާލީ ޑެޕިއުޓީ ޗެއާޕާސަން އަހުމަދު އަބްދުﷲ އާއި، ލީގަލް ޑައިރެކްޓަރު މަހުފޫޒު ސައީދުގެ އިތުރުން ކުޅުދުއްފުށި އުތުރު ދާއިރާގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވެސް ވަނީ ކޮމިޓީއަށް އައްޔަންކުރައްވާފައެވެ.

އަސާސީ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް މަސައްކަތްކުރަމުންދާއިރު، އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެމްޑީޕީގެ ކޮންގްރެސްއެއް ބޭއްވުމަށް ތައްޔާރުވަމުންދާކަން ރައީސް ނަޝީދު ވަނީ ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރައްވާފައެވެ. އަދި ހަމައެހެންމެ، ޗެއާޕާސަންގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް އެ ދައުރު ނިމުމުގެ ކުރިން ރިޔާސީ ޕްރައިމަރީގައި ވާދަނުކުރެވޭ ގޮތަށް ގަވާއިދަށް އިސްލާހެއް ގެނައުމަށް ޕާޓީގެ ތެރޭގައި މަޝްވަރާކުރެވެމުންދާކަމާއި، އެފަދަ އިސްލާހަކަށް އެމަނިކުފާނު ތާއީދުކުރައްވާކަން ވެސް ފާހަގަކުރައްވާފައިވެއެވެ. މިކަމުގެ ސަބަބުން ޕާޓީގެ އެތެރޭގެ އިންތިހާބުތަކާއި ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ.









ކިޔުންތެރިންގެ ހިޔާލު