ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި، އެ ސެންޓަރުގެ ނަމޫނާ ޚިދުމަތުގެ ސަބަބުން އައިޖީއެމްއެޗަށް އާންމުން ކުރާ އިތުބާރު ބޮޑުވެފައިވާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
ސީއީއޯ ޙަލީމް ވިދާޅުވި ގޮތުގައި، ނޭޝަނަލް ކާޑިއެކް ސެންޓަރުގެ ޚިދުމަތް ފެށި ދުވަހުން ފެށިގެން އެތަނަކީ މާލެ ސިޓީ ގްރޫޕުގެ ދަށުން ހިންގާ އެންމެ ކާމިޔާބު އަދި އެންމެ ޚާއްސަ އެއް މަރުކަޒެވެ. އެ ސެންޓަރުން ފޯރުކޮށްދެމުންދާ ނަމޫނާ ޚިދުމަތުގެ ފެންވަރު ރަނގަޅުވުމުގެ ސަބަބުން އާންމުންގެ މެދުގައި ބޮޑު އިތުބާރެއް ގާއިމްކުރެވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ކާޑިއޯ ވަސްކިއުލާ ޚިދުމަތްތަކުގެ ފެންވަރު އެތައް ގުނައެއް އުފުލި، ރާއްޖޭގައި ތިބެެގެން ހިތުގެ ބަލިތަކަށް ފަރުވާ ލިބުމުގެ ފުރުސަތު ފަހިވެފައިވުމަކީ ބަލިމީހުންނަށް ލިބުނު ވަރަށް ބޮޑު ލުއިފަސޭހައެއްކަމަށް ވެސް ވިދާޅުވިއެވެ.
ހިތުގެ ބަލިތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ބަލިމީހުންގެ އަދަދު މިހާރު ވަރަށް ބޮޑަށް މަދުކުރެވިފައިވާކަމަށް ޙަލީމް ވިދާޅުވިއެވެ. މީގެ އިތުރުން، މި ދާއިރާއިން ގާބިލް މީހުން ބިނާކުރުމުގައި ވެސް ނޭޝަނަލް ކާޑިއެކް ސެންޓަރުން މުހިންމު ދައުރެއް އަދާކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މި ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ގާއިމްކުރި ކެތްލެބުގެ ޚިދުމަތް ކާމިޔާބުކަމާއެކު ކުރިއަށްދާކަން ސީއީއޯ ފާހަގަކުރެއްވިއެވެ. އަދި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީގައި ކެތްލެބެއް ގާއިމްކުރުމުގެ މަޝްވަރާތައް މިހާރު ފަށާފައިވާކަމަށާއި، ޖާގަ ލިބުނުހާ އަވަހަކަށް ރާއްޖޭގެ އުތުރުގައި ވެސް މި ޚިދުމަތް ފަށާނެކަމަށް ވިދާޅުވިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ހިތުގެ ބަލިތަކާއި ކެންސަރު ފަދަ ބަލިތަކަށް ދޭ ފަރުވާ ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ މުހިންމު ބައެއްކަމަށް ޙަލީމް ވިދާޅުވިއެވެ.









ކިޔުންތެރިންގެ ހިޔާލު