ސަރުކާރުގެ ސިޔާސަތަކީ ވަށާޖެހޭ ގޮތަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން މަސައްކަތްކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ޝާއިއުކުރެވުނު “ދަ ޕަލްސް” ޕޮޑްކާސްޓް ސިލްސިލާގެ ތިން ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިދިޔަ ހުކުރު ދުވަހަކީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ދުވަހުގެ ގޮތުގައި ފާހަގަކުރި ދުވަހެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މައިގަނޑު މަފްހޫމަކީ މިކަމުގެ ތެރެއަށް ވަދެފައި ތިބި ޒުވާން ކުދިން މިކަމުން ސަލާމަތްކޮށް، އެކުދިންނަކީ މުޖުތަމައަށް ބޭނުންހިފޭ، އަބުރުވެރި އަދި ބިނާކުރަނިވި ގޮތެއްގައި ދިރިއުޅެވޭނެ ގޮތް މެދުވެރިކޮށްދިނުން ކަމުގައި ވިދާޅުވިއެވެ.
“މިކަމުގެ ތެރޭގައި އާދަވެފައިތިބި ޒުވާނުން ރިހެބިލިޓޭޓުކޮށްގެން އަނބުރާ މުޖުތަމައަށް ގެނައުން އަމާޒަކީ، އެމަސައްކަތްކުރާއިރު އެކަން ދެކޮޅުޖެހޭ ސިޔާސަތެއްގެ ދަށުން ކުރުން، މިއަދު ރިހެބިލިޓޭޓުކޮށްގެ ނިކުންނަ ކުއްޖާ މާދަމާ އަނެއްކާ މަސްތުވާތަކެތި ބޭނުންކޮށްގެން ބަންދުކުރުމަަކީ ދެކޮޅުޖެހޭ ގޮތެއް ނޫން. ދެން މި ގައުމަކީ އިސްލާމްދީނުގެ ހިދާޔަތުގެ މަތީގައި އޮތް ގައުމެއްވީމަ އަޅުގަނޑުމެންގެ އަސާސަކަށް ވާންވާނީ އިސްލާމީ އުސޫލުތަކުގެ މަތިން ދީނީ ކަންކަމަށް ލޯބިކުރާ، ދީނުގައި އޮތް ގޮތް ގަބޫލުކުރާ، މި ނުރަނގަޅު އާދައިން ސަލާމަތްވުމަށް އަޒުމު ކަނޑައަޅާ ރިހެބިލިޓޭޝަން ނިޒާމެއް، އަޅުގަނޑުމެން ބޭނުންވަނީ އިސްލާމީ އުސޫލުތަކަށް ތަބާވާ ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ނިޒާމެއް،”. ރައީސް
މަސްތުވާތަކެތީގެ ތެރެއަށް މީހުން ދާ ސަބަބުތައް ވަރަށް ގިނަކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރެވޭނީ މި މައްސަލައިގެ ހަގީގީ ރޫޓްކޯޒް ނުވަތަ އަސްލު ސަބަބުތައް ހޯދައި އެކަންތައްތަކަށް ފަރުވާދެވިގެންކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ގޯތިގެދޮރުގެ މައްސަލައާއި، ސަރުކާރުތަކުން ތަރައްގީ ހާސިލުކުރުމަށް ގެންގުޅެފައިވާ ސިޔާސަތުގެ މައްސަލައަކީވެސް މިކަމުގެ ފަހަތުގައިވާ މައްސަލަތަކެއްކަން ހާމަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން މި މައްސަލަތަކަށް ވަށާޖެހޭ ހައްލެއް ހޯދުމުގައި، މިކަމާ ގުޅިފައިވާ މައްސަލަތައް ހައްލުކުރުމަށް، ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމާއި އެކަށީގެންވާ ވަޒީފާގެ ފުރުސަތުތައް ފަހިކުރުމާއި ޒުވާނުންނަށް އެކިކަހަލަ އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކުރުމާއި ކުދިކުދި ވިޔަފާރިތައް ފެށުމަށް އެހީތެރިވުންފަދަ ކަންކަން ހިމެނޭކަން ފާހަގަކުރެއްވިއެވެ.
“އަމިއްލަ ބާރުވެރިކަން ފޯރުކޮށްދިނުމުގެ ކަންކަމާއި އަންހެން ބޭފުޅުންނަށް ގޭގައި ތިބެގެން އާމުދަނީ ހޯދޭނެފަދަ އެކިކަހަލަ ފުރުސަތުތައް ހޯދައިދިނުމާއި ރަނގަޅު ދުޅަހެޔޮ ސިއްހީ ނިޒާމެއް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތާއި އެކަށީގެންވާ ތައުލީމީ ފުރުސަތުތައް އިތުރު ކުރުމަށް ކުރާ މަސައްކަތް ވެސް ގުޅިފައިވަނީ މަސްތުވާތަކެތީގެ ތެރެއަށް ނުވަތަ ކުށްކުރުމުގެ ތެރެއަށް ޒުވާނުން ވަންނަ ރޫޓްކޯޒްތަކާކަން. މަތިމަތިން ކަމެއް ކޮށްލައިގެން މިކަން ހައްލު ނުކުރެވޭނެ ސަރުކާރުން މިކަމުގެ ރޫޓްކޯޒްތަކަށް އެޑްރެސްކުރަނީ މާނަހުރި ގޮތެއްގައި، އެކަންކަމުން ހަގީގީ ބަދަލު އަންނާނެގޮތަށް،”. ރައީސް
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުށްކުރާ ކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށް ކުރާ މަސައްކަތް އިތުރަށް ވަރުގަދަ ކުރުމަށްޓަކައި އެންމެ ޒަމާނީ ފެންވަރުގައި ރަނގަޅު ހައްލެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކުރެއްވިއެވެ. އެކަމަކީ ވަރަށް ހަރަދު ބޮޑު ކަމެއް ނަމަވެސް، މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ހިއްކާ ބިމުގެ އިތުރަށް އުތުރުތިލަފަޅުގެ ވަކި ސަރަހައްދެއް ކަނޑައަޅައިގެން އެތަނުގައި މި މަޝްރޫއު ހިންގުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މި މަޝްރޫއުގެ އިތުރު ތަފްސީލް ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަޝްރޫޢަށް ފައިސާ ހޯދުމަށް ގިނަ ދުވަސްތަކެއް ހޭދަވެފައިވީ ނަމަވެސް މިކަމަށް ހުށަހަޅައިފައިހުރި ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގެ މަރުހަލާ ކުރިއަށްދާކަން ފާހަގަކުރަައްވާފައެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް މާ ލަސްތަކެއްނުވެ ފެށިގެންގޮސް އިރާދަކުރެވިއްޔާ މި ދައުރުގެ ތެރޭގައި މިކަމުގެ ނަތީޖާ ފެނިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.












ކިޔުންތެރިންގެ ހިޔާލު