ދިވެހިރާއްޖޭގެ ކޮންމެ ކުދި ވިޔަފާރިއެއްގެ ފަހަތުގައިވަނީ ސާބިތުކަމުގެ ވާހަކައެކެވެ.
އެއީ ރަނގަޅު ވަސީލަތަކަށް އިންވެސްޓްކުރާ ދަނޑުވެރިޔާއެވެ. އުފެއްދުންތެރިކަން އިތުރުކޮށް، މަސްވެރިކަން ފުޅާކުރާ މަސްވެރިޔާއެވެ. އިރުއެރުމުގެ ކުރިން ކެފޭގެ ދޮރުތައް ހުޅުވާލާ ވިޔަފާރިވެރިޔާއެވެ. އަމިއްލަ އުފެއްދުންތެރިކަން އާމްދަނީ ހޯދާ ވަސީލަތަކަށް ބަދަލުކުރާ ކޮންޓެންޓް ކްރިއޭޓަރެވެ. އާއިލީ ޒިންމާތަކާއެކު ގޭގައި އިނދެގެން ވިޔަފާރި ބިނާކުރާ އަންހެން ވިޔަފާރިވެރިޔާއެވެ.
މިއީ ވަޒީފާގެ ފުރުސަތުތައް އުފައްދައި، މުޖުތަމައުތައް ހަރުދަނާކޮށް، މުޅި ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ހިއްސާވާ ވިޔަފާރިވެރިންނެވެ.
ދުނިޔޭގެ އެމްއެސްއެމްއީ ދުވަސް 2026 ފާހަގަކުރަމުންދާއިރު، އެސްއެމްއީ ޑިޖިޓަލްއިން ފާހަގަކުރަނީ ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް ކުރިއަށްދަމުންދާ، އަދި މުޅި ގައުމުގައި ފުރުސަތުތައް އުފައްދަމުންދާ އެތައް ހާސް މައިކްރޯ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ސާބިތުކަމާއި، އައު އީޖާދުތަކާއި، ހޯދާފައިވާ ކާމިޔާބީތަކެވެ.

ގިނަ ވިޔަފާރިވެރިންނަށް، މި ދަތުރު ފެށެނީ އާދައިގެ ހިޔާލަކުންނެވެ. އެ ހިޔާލު ކާމިޔާބު އަދި ދެމެހެއްޓެނިވި ވިޔަފާރިއަކަށް ބަދަލުކުރުމަށްޓަކައި ގިނަފަހަރަށް މާލީ އެހީތެރިކަމާއި، އިރުޝާދާއި، މައުލޫމާތާއި، މެދުނުކެނޑި ލިބޭ އެއްބާރުލުން ބޭނުންވެއެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވިޔަފާރިވެރިންގެ ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި އެސްއެމްއީ ޑިޖިޓަލްއިން މުހިންމު ދައުރެއް އަދާކުރަމުންދާ ދާއިރާއެވެ.
ވިޔަފާރި ފެށުމުން ފެށިގެން ފުޅާކުރުމާ ހަމައަށް: އެހީތެރިކަމުގެ ފުރިހަމަ ނިޒާމެއް
ވޭތުވެދިޔަ އަހަރުގެ ތެރޭގައި، އެސްއެމްއީ ޑިޖިޓަލްއިން ވަނީ ކުންފުނީގެ މާލީ އެހީތެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ފުޅާކޮށްފައެވެ. މިއީ ވިޔަފާރީގެ ކޮންމެ މަރުހަލާއެއްގައިވާ ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލެވިފައިވާ ފުރިހަމަ ނިޒާމެކެވެ.
މިއަދު، ވިޔަފާރިވެރިންނަށް ވިޔަފާރި ފެށުމުން ފެށިގެން ފުޅާކުރުމާ ހަމައަށް ބޭނުންވާ މާލީ އެހީތެރިކަމުގެ ފުރިހަމަ ޕެކޭޖުތަކެއް ލިބެން ހުންނާނެއެވެ. އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް އެމީހުންގެ ހިޔާލުތައް އަމަލީ ވިޔަފާރިއަކަށް ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.
ވިޔަފާރިތައް ކުރިއަރަމުންދާވަރަކަށް، އެ ވިޔަފާރިތަކަށް ބޭނުންވާ އެކި ބާވަތުގެ މާލީ އެހީތެރިކަން ހޯދިދާނެއެވެ. މީގެ ތެރޭގައި ވޯކިންގ ކެޕިޓަލް ފައިނޭންސިންގ، އެސެޓް ފައިނޭންސިންގ، ބިޒްނަސް އެކްސްޕެންޝަން ފައިނޭންސިންގ، އަންހެން ވިޔަފާރިވެރިންނަށް ހާއްސަ ފައިނޭންސިންގ، ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަ ފައިނޭންސިންގ، އަދި ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ފަތުރުވެރިކަމުގެ އިތުރުން އެހެނިހެން ސިނާއަތްތަކަށް ހާއްސަ ފައިނޭންސިންގ ހިމެނެއެވެ.

މި ނިޒާމުގެ ސަބަބުން، ވިޔަފާރިތައް ތަރައްގީވަމުންދާ ވަރަކަށް މެދުނުކެނޑި އެހީތެރިކަން ލިބި، ވިޔަފާރި ގާއިމުކުރުމަށާއި، ދެމެހެއްޓުމަށާއި، ސިންދަފާތުކުރުމަށާއި، އަދި ފުޅާކުރުމަށް މަގުފަހިވެގެންދެއެވެ. މިއީ ރަށު ފެންވަރުގައި އިގްތިސާދީ ތަރައްގީއަށް ލިބޭ ބޮޑު ބާރެކެވެ.
އެމްއެސްއެމްއީ ދުވަހާ ގުޅޭގޮތުން ވާހަކަދައްކަވަމުން، އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، “ކުދި ވިޔަފާރިވެރިންނަކީ ދިވެހިރާއްޖޭގެ އިގްތިސާދީ ތަރައްގީގައި އެންމެ މުހިންމު ހިއްސާއެއްވާ ފަރާތްތައް. ކޮންމެ ވިޔަފާރިއަކީ އާއިލާއަކަށާއި، މުޖުތަމައަކަށާއި، އަދި އަޅުގަނޑުމެންގެ އިގްތިސާދުގެ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް. އެމްއެސްއެމްއީ ދުވަހު، ރާއްޖޭގެ ހުރިހާ ވިޔަފާރިވެރިން ކުރައްވާ ބުރަ މަސައްކަތަށާއި، ދައްކަވާ ސާބިތުކަމަށާއި، ގައުމު ބިނާކުރުމަށް ދެއްވާ ހިއްސާއަށްޓަކައި މަރުހަބާ ދަންނަވަން. އެސްއެމްއީ ޑިޖިޓަލްގެ އަމާޒަކީ، ވިޔަފާރިވެރިންނަށް ކާމިޔާބު ހޯދުމަށް ބޭނުންވާ މާލީ އެހީތެރިކަމާއި، ފުރުސަތުތައް ފަހިކޮށްދިނުން. އަޅުގަނޑުމެންގެ އަމާޒަކީ ވިޔަފާރިތަކުގެ ކުރިއެރުމުގެ ކޮންމެ މަރުހަލާއެއްގައިވެސް އެހީތެރިކަން ފޯރުކޮށްދީ، ދިވެހިރާއްޖޭގެ ހުރިހާ ކުދި ވިޔަފާރިތަކަށް އަޅުގަނޑުމެންގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމިތިބުން” އެވެ.
ހިދުމަތްތައް މުޖުތަމައުތަކާ ގާތަށް
މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމަކަށް ވީނަމަވެސް، އެސްއެމްއީ ޑިޖިޓަލްގެ މަސައްކަތްތައް ހަމައެކަނި ފައިނޭންސިންގްއަށްވުރެ ފުޅާވެގެންވެއެވެ.
2026 ވަނަ އަހަރު ޖޫން މަހުގެ ނިޔަލަށް އެސްއެމްއީ ޑިޖިޓަލް އިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް، ވިޔަފާރިވެރިންނާއި އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކާ ބައްދަލުކޮށްފައިއެވެ. މީގެ ތެރޭގައި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި، މައުލޫމާތު ސެޝަންތަކާއި، ވިޔަފާރި މަޝްވަރާތަކުގެ އިތުރުން މުޖުތަމައުތަކާ ގުޅިގެން ހިންގުނު ތަފާތު ހަރަކާތްތައް ހިމެނެއެވެ.
މި މުއްދަތުގެ ތެރޭގައި އެސްއެމްއީ ޑިޖިޓަލްއިން ވަނީ 1,000 އަށްވުރެ ގިނަ ކުދި ވިޔަފާރިވެރިންނާއި ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކާ ވަކިވަކިން ބައްދަލުކޮށް، މާލީ އެހީތެރިކަމުގެ ފުރުސަތުތަކާއި، ވިޔަފާރި ތަރައްގީކުރުމާއި، މާލީ ހިންގުމުގެ އިތުރުން ވިޔަފާރިވެރިކަމާ ގުޅޭގޮތުން އިރުޝާދު ދީފައެވެ.
މި އަހަރުގެ ތެރޭގައި ހދ. ކުޅުދުއްފުށި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި ބޮޑެތި ހަރަކާތްތަކެއް ހިންގާފައިވެއެވެ. މި ހަރަކާތްތަކުގައި ވިޔަފާރިވެރިންނާއި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، މަދަނީ ޖަމިއްޔާތަކުގެ އިތުރުން ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތައް ބައިވެރިވިއެވެ. މި ބައްދަލުވުންތަކުގެ ތެރެއިން ފައިނޭންސިންގްއާ ބެހޭ މައުލޫމާތާއި، ވަކިވަކި މަޝްވަރާތަކާއި، ފޯމު ފުރުމުގެ އެހީތެރިކަމާއި، ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ އަމަލީ އިރުޝާދުތައް ފޯރުކޮށްދެވުނެވެ.
މިއަހަރުގެ ބައިނަލްއަގުވާމީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދުވަހުގެ ހަރަކާތްތަކުގެ ބައެއްގެ ގޮތުން، އެސްއެމްއީ ޑިޖިޓަލްއިން ވަނީ ކ. ހުރާއަށް ޒިޔާރަތްކޮށް އެ ރަށުގެ ވިޔަފާރިވެރިންނާއި އާންމުންނާ ބައްދަލުކުރުން ދަނީ ކުރިއަށެވެ. މި ދަތުރުގައި ލިބެން ހުރި މާލީ އެހީތެރިކަމާއި ވިޔަފާރި އެހީތެރިކަމުގެ ހިދުމަތްތަކަށް ހޭލުންތެރިކަން އިތުރުކޮށް، ވިޔަފާރި ފަށަން ނުވަތަ ކުރިއަރުވަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ހާއްސަ އިރުޝާދުތައް ދެވުނެވެ.

ފައިނޭންސިންގެ އިތުރުން: ވަރުގަދަ ވިޔަފާރިތަކެއް ބިނާކުރުން
ވިޔަފާރިވެރިންނަށް އެހީތެރިވުމަކީ ހަމައެކަނި މާލީ އެހީ ފޯރުކޮށްދިނުމެއް ނޫނެވެ. އެއީ ވިޔަފާރީގެ ނިންމުންތައް ރަނގަޅަށް ނިންމުމަށް ބޭނުންވާ މައުލޫމާތާއި، އިތުބާރާއި، ހުނަރުވެސް ފޯރުކޮށްދިނުމެވެ.
މާލީ ހޭލުންތެރިކަން އިތުރުކުރުމަށާއި ވިޔަފާރި މަޝްވަރާ ދިނުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން، އެސްއެމްއީ ޑިޖިޓަލްއިން ދަނީ ވިޔަފާރިވެރިންގެ މާލީ ހިންގުން ހަރުދަނާކުރުމަށާއި، ހިސާބުތައް ބެލެހެއްޓުން ރަނގަޅުކުރުމަށާއި، ފައިނޭންސިންގްއަށް ބޭނުންވާ ކަންކަން ދެނެގަތުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ކުރިއެރުވުމުގެ އުކުޅުތައް ތަރައްގީކުރުމަށް އެހީތެރިވަމުންނެވެ.
މި މަސައްކަތްތަކުގެ މަގުސަދަކީ ގޮންޖެހުންތަކުން އަރައިގަނެ، ފުރުސަތުތަކުގެ ބޭނުން ހިފައި، މުޖުތަމައަށާއި ގައުމީ އިގްތިސާދަށް ފައިދާހުރި ވަރުގަދަ ވިޔަފާރިތަކެއް ބިނާކުރުމެވެ.

އެސްއެމްއީ 360: ވިޔަފާރީގެ ކޮންމެ މަރުހަލާއަކަށް އެހީތެރިކަން
މިއަހަރުގެ އޭޕްރިލް މަހު އެސްއެމްއީ ޑިޖިޓަލްއިން ވަނީ ‘އެސްއެމްއީ 360’ އިފްތިތާހުކޮށްފައިއެވެ. މިއީ ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަމާއި، ވިޔަފާރީގެ މައުލޫމާތާއި، ބޭނުންތެރި ވަސީލަތްތަކާއި، މާހިރުންގެ އިރުޝާދު ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ހަރަކާތެކެވެ.
އެސްއެމްއީ 360 އިން ރަމްޒުކޮށްދެނީ ހަމައެކަނި ފައިސާގެ އެހީގެ އިތުރުން، ވިޔަފާރީގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ބޭނުންވާ މައުލޫމާތާއި ވަސީލަތްތައް ފޯރުކޮށްދީގެން ވިޔަފާރިތައް ބާރުވެރިކުރުވުމަށް މުއައްސަސާއިން ގެންގުޅޭ ތަސައްވުރެވެ.
މައުލޫމާތު ފޯރުކޮށްދޭ ކޮންޓެންޓާއި، ހޭލުންތެރިކުރުމުގެ ކެމްޕޭންތަކާއި، ރަށްރަށަށް ކުރާ ދަތުރުތަކާއި، ވިޔަފާރީގެ އަމަލީ ވަސީލަތްތަކުގެ އެހީގައި، އެސްއެމްއީ 360 އިން ދަނީ ކާމިޔާބު ވިޔަފާރިއެއް ފަށައި، ކުރިއަރުވައި، ދެމެހެއްޓުމަށް ބޭނުންވާ މަގުޗާޓެއް ވިޔަފާރިވެރިންނަށް ފޯރުކޮށްދެމުންނެވެ. އިނޮވޭޝަން މެދުވެރިކޮށް މާލީ އެހީތެރިކަން ހޯދުން ފަސޭހަކޮށްދިނުން އެސްއެމްއީ ޑިޖިޓަލްއިން ވަނީ ޑިޖިޓަލް އިނޮވޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް މަސައްކަތްކޮށްފައެވެ.
![]()
ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން، އެސްއެމްއީ ޑިޖިޓަލްއިން ވަނީ އޮޓޮމޭޓެޑް ރީޕޭމަންޓް އިންޓަގްރޭޝަނެއް ތައާރަފުކޮށްފައިއެވެ. މީގެ ސަބަބުން ކަސްޓަމަރުންނަށް އެ ބޭފުޅުންގެ ބީއެމްއެލް އެކައުންޓްތައް މެދުވެރިކޮށް ސީދާ ފެސިލިޓީތަކަށް ފައިސާ ދެއްކޭނެއެވެ. މި ކުރިއެރުމުގެ ސަބަބުން ފައިސާ ދެއްކުމުގެ މަރުހަލާ ލުއިވެ، ފަސޭހަވެ، އަދި ކަސްޓަމަރުންނަށް އެ ބޭފުޅުންގެ ފައިނޭންސިންގ ފެސިލިޓީތައް މެނޭޖްކުރުމަށް އެހީތެރިވެދެއެވެ.
ހިދުމަތް ދިނުމުގައި ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން، އެސްއެމްއީ ޑިޖިޓަލްއިން ދަނީ ފައިނޭންސިންގއަކީ ފަސޭހައިން ލިބޭ، ހަލުވި، އަދި ކަސްޓަމަރުންނާ ރައްޓެހި ހިދުމަތަކަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ.
ކުރިއަށް އޮތްތަނުގައި
މުސްތަގުބަލަށް ބަލާއިރު، އެސްއެމްއީ ޑިޖިޓަލްގެ އަމާޒަކީ ޝަރީއާ ހުއްދަކުރާ ފައިނޭންސިންގ ޕޯޓްފޯލިއޯ އިތުރަށް ހަރުދަނާކުރުމާއި، ހިދުމަތްތައް ފުޅާކުރުމާއި، މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމެވެ. އަދި ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ހިދުމަތްތައް ހޯދުން ފަސޭހަކޮށްދީ، މުޅި ރާއްޖޭގެ ކުދި ވިޔަފާރިތަކަށް އާ ފުރުސަތުތައް ތަނަވަސްކޮށްދިނުމެވެ.
ދިވެހި އިގްތިސާދުގެ ކާމިޔާބީ ގުޅިފައިވަނީ ރާއްޖޭގެ ފަންނުވެރި ކުދި ވިޔަފާރިވެރިންގެ ކާމިޔާބީއާއެވެ. ދުނިޔޭގެ ފެންވަރުގައި އެމްއެސްއެމްއީ ދުވަސް ފާހަގަކުރާއިރު، މިއީ ކޮންމެ ކުރިއަރަމުން އަންނަ ވިޔަފާރިއެއްގެ ފަހަތުގައިވެސް، ވިލުންތެރި އަދި އާ ހިޔާލުތައް ކުރިއަރުވައި، މުޖުތަމައަށް ފައިދާހުރި މަސައްކަތެއް ކުރުމަށް ތައްޔާރަށް ހުރި ފަރުދަކު ހުރިކަން ހަނދާންކޮށްދޭ ކަމެކެވެ.
އެފަދަ ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ހަމައެކަނި ވިޔަފާރިތަކަށް ކުރެވޭ އިންވެސްޓްމަންޓެއް ނޫނެވެ. އެއީ ވަރުގަދަ މުޖުތަމައުތަކަކަށާއި، ދެމެހެއްޓެނިވި ދިރިއުޅުމަކަށާއި، ރާއްޖޭގެ އުޖާލާ މުސްތަގުބަލަކަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެކެވެ.












ކިޔުންތެރިންގެ ހިޔާލު