މިއަހަރުގެ އެމްއެސްއެމްއީ ދުވަހުގެ މުނާސަބަތުގައި އެސްއެމްއީ ޑިޖިޓަލް އިން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ތައްޔާރުވެފައެވެ.
މިގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ގުޅިގެން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އަގުވަޒަންކޮށް އެފަރާތްތަކުގެ ކާމިޔާބީތައް ފާހަގަކުރުމަށް “އެމްއެސްއެމްއީ ފެސްޓް 2026” ގެ ނަމުގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ހާއްސަ ހަރަކާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
ޖޫން މަހުގެ 27 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށް ކުރިއަށްދާ މި ފެސްޓިވަލްގައި، 30 ވިޔަފާރިއަކަށް އެފަރާތްތަކުގެ އުފެއްދުންތަކާއި ތަކެތި ވިއްކުމަށް ސްޓޯލްތައް ދޫކޮށްފައިވެއެވެ. މީގެ އިތުރުން އެސްއެމްއީ ޑިޖިޓަލް، ބީސީސީ އަދި އިކޮނޮމިކް މިނިސްޓްރީގެ ހާއްސަ ސްޓޯލްތަކެއްވެސް މި ހަރަކާތުން ފެނިގެންދާނެއެވެ.
މި ދުވަސް ފާހަގަކުރުމުގެ ގޮތުން ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް) ގެ ޓީވީއެމް މެދުވެރިކޮށް ހެނދުނު 10:30 އިން ރޭގަނޑު 11:00 އަށް ހާއްސަ ޓެލެތޯނެއް ވަގުތުން ދައްކަމުންދާނެއެވެ. މި ޓެލެތޯންގެ މައިގަނޑު ބޭނުމަކީ ކުދި ވިޔަފާރިތަކާ ގުޅުންހުރި މައުލޫމާތާއި ކޮންޓެންޓްތައް އާންމުންނަށް ގެނެސްދިނުމެވެ.
މީގެ އިތުރުން، ސޯޝަލް މީޑިއާގައި އާންމުން ބައިވެރިކުރުވުމަށް “ޓެގް ޔޯ ފެވަރިޓް އެމްއެސްއެމްއީ”ގެ ނަމުގައި ފައިސާގެ އިނާމު ލިބޭ ކެމްޕެއިނެއް އެސްއެމްއީ ޑިޖިޓަލް އިން ވަނީ ފަށާފައިއެވެ. އެސްއެމްއީ ޑިޖިޓަލްގެ އިންސްޓަގްރާމްގައި ކުރިއަށްދާ މި މުބާރާތުގައި އާންމުންނަށް އެންމެ ކަމުދާ ކުދި ވިޔަފާރިތައް ޓެގްކޮށްގެން، ޓެގްކުރާ ފަރާތަށާއި އެ ވިޔަފާރިއަކަށް އިނާމު ހޯދުމުގެ ފުރުސަތު އޮންނާނެއެވެ.
ހަމައެހެންމެ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން މުޖުތަމައުގައި އަދާކުރާ މުހިންމު ދައުރާއި އެފަރާތްތަކުގެ ބުރަ މަސައްކަތްތައް ތަފާތު ނަޒަރިއްޔާތަކުން ދައްކާލުމަށް “ކެޕްޗަރއެމްއެސްއެމްއީ” ގެ ނަމުގައި ފޮޓޯގްރަފީ މުބާރާތެއްވެސް ވަނީ ހުޅުވާލާފައިއެވެ. އާންމުކޮށް ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ތަފާތު ކެޓަގަރީތަކަށް ބަހާލައިގެން މި މުބާރާތް ކުރިއަށްދާނެއެވެ.
މީގެ އިތުރުން، އެމްއެސްއެމްއީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ކ. ހުރާގައި އެސްއެމްއީ ޑިޖިޓަލް، ބޭންކް އޮފް މޯލްޑިވްސް، ހުރާ ކައުންސިލް އަދި ބީސީސީ ގުޅިގެން ހާއްސަ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ހިންގުމަށް ވަނީ ރާވާފައިއެވެ. މި ހަރަކާތަކީ ކުދި ވިޔަފާރިތަކަށް ހުރި ފުރުސަތުތަކާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދީ، ހިދުމަތްތައް ހޯދާނެ މަގުތައް އޮޅުންފިލުވައިދިނުމަށް ބާއްވާ ހަރަކާތެކެވެ.
އެމްއެސްއެމްއީ ދުވަހާއި ގުޅިގެން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވަނީ ހާއްސަ މެސެޖެއް ދެއްވާފައިއެވެ.
“އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، “ކުދި ވިޔަފާރިވެރިންނަކީ ދިވެހިރާއްޖޭގެ އިގްތިސާދީ ތަރައްގީގައި އެންމެ މުހިންމު ހިއްސާއެއްވާ ފަރާތްތައް. ކޮންމެ ވިޔަފާރިއަކީ އާއިލާއަކަށާއި، މުޖުތަމައަކަށާއި، އަދި އަޅުގަނޑުމެންގެ އިގްތިސާދުގެ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް. އެމްއެސްއެމްއީ ދުވަހު، ރާއްޖޭގެ ހުރިހާ ވިޔަފާރިވެރިން ކުރައްވާ ބުރަ މަސައްކަތަށާއި، ދައްކަވާ ސާބިތުކަމަށާއި، ގައުމު ބިނާކުރުމަށް ދެއްވާ ހިއްސާއަށްޓަކައި މަރުހަބާ ދަންނަވަން. އެސްއެމްއީ ޑިޖިޓަލްގެ އަމާޒަކީ، ވިޔަފާރިވެރިންނަށް ކާމިޔާބު ހޯދުމަށް ބޭނުންވާ މާލީ އެހީތެރިކަމާއި، ފުރުސަތުތައް ފަހިކޮށްދިނުން. އަޅުގަނޑުމެންގެ އަމާޒަކީ ވިޔަފާރިތަކުގެ ކުރިއެރުމުގެ ކޮންމެ މަރުހަލާއެއްގައިވެސް އެހީތެރިކަން ފޯރުކޮށްދީ، ދިވެހިރާއްޖޭގެ ހުރިހާ ކުދި ވިޔަފާރިތަކަށް އަޅުގަނޑުމެންގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމިތިބުން” އެވެ.












ކިޔުންތެރިންގެ ހިޔާލު