ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަކީ އިދިކޮޅު އެމްޑީޕީ ފަދައިން އޮޅުންބޮޅުން އަރާފައިވާ ކަންވާރު ބޮޅެއް ނޫންކަމަށް، ކުރިން ފޮރިން މިނިސްޓަރުކަން ކުރެއްވި ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ޑރ. ޚަލީލް މިފަދައިން ވިދާޅުވީ، ޕީއެންސީ ބައިބައިވެފައިވާ ކަމަށް ބުނެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދެއްވަމުންނެވެ. ޑރ. ޚަލީލް ފާހަގަކުރެއްވި ގޮތުގައި، ޕީއެންސީގެ ލީޑަރޝިޕް އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަހަތްޕުޅުގައި ވަރަށް ބަދަހިކޮށް އެކަތިގަނޑެއްގެ ގޮތުގައެވެ. އަދި އެ ޕާޓީއަކީ ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު އިސްކޮށް، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ މަތިވެރި އަޒުމުގައި މަސައްކަތްކުރާ ޕާޓީއެއްކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ.
މި ސަރުކާރަށް ނިސްބަތްވާ ބައެއް ވެރިންނާއި ޕީއެންސީއަށް އަމާޒުކޮށް އިދިކޮޅު ފަރާތްތަކުން ދަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ. އެގޮތުން، އެމްޑީޕީން މާލޭގައި ކުރިއަށްގެންދިޔަ “ވަޒީފާ ބުރާސްފަތި” އިހުތިޖާޖުގެ ތެރެއިން ވަނީ ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިސްތިއުފާއަށް ގޮވާލާފައެވެ. އަދި ޕީއެންސީގެ އެތެރޭގެ މައްސަލަތަކެއް އުޅޭކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް ނަޝީދު ވަނީ ޕާޓީގެ ލީޑަރޝިޕުން ރައީސް މުޢިއްޒު ދުރުކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މި ވާހަކަތައް ދޮގުކުރައްވައި ޑރ. ޚަލީލް ވަނީ ޕީއެންސީ ދުވަހެއް ދުވަހަކަށް ދާނީ އިތުރަށް ވަރުގަދަވަމުން ކަމަށް ވިދާޅުވެފައެވެ.










ކިޔުންތެރިންގެ ހިޔާލު