މި އަހަރުގެ މިހާތަނަށް ހިމަބިހީގެ 20 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށާ މިދިޔަ ހަފްތާގައި ވެސް ހިމަބިހީގެ އިތުރު ފަސް ކޭސް ފެނިފައިވާ ކަމަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.
އެ އެޖެންސީން މިއަދު ވަނީ ހިމަބިހީގެ އަދާހަމަ ހާމަކޮށްފަ އެވެ. އެ އެޖެންސީން ބުނީ މި އަހަރުގެ މިހާތަނަށް ހިމަބިހީގެ ޖުމްލަ 20 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށާ މިވަގުތު ފަސް ކޭސްގެ އިންވެސްޓިގޭޝަން ދަނީ ކުރެވެމުން ކަމަށެވެ. އެއީ މިދިޔަ ހަފްތާގައި ފެނުނު ފަސް ކޭހެވެ. ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ މީހުންނެވެ.
ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ގިނައީ ދިވެހީން ކަމަށާ ހިމަބިހީގެ ކޭސްތަކާއި ގުޅިގެން 489 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަަމަށް އެޗްޕީއޭ އިން ބުންޏެވެ. މީގެ ތެރެއިން އެކްޓިވް 88 ކޮންޓެކްޓުން ދަނީ މޮނިޓާކުރަމުންނެވެ.
އެޗްޕީއޭއިން ވަނީ ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށާއި، އަދި ފަރުވާ ހޯދަން އަންނައިރު އިރު މާސްކު އަޅަން ހަނދާންކޮށްދީފަ އެވެ.
އަދި ހިމަބިސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.
މި ބަލި ޖެހިއްޖެނަމަ ފުރަތަމަ ބިހިތައް ނަގާނީ މޫނާއި ކަރުގަ އެވެ. އެއަށްފަހު މޭމަތި، ބުރަކަށި،އަތުގައި އަދި ފައިގައި ބިހިތައް ނަގަ އެވެ.
ހިމަބިހި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އެޅުމުން ވައިގެތެރެއަށް ވައިރަސް ފެތުރިގެން ދިއުމުން، ބަންދު ތަނެއްގައި ނަމަ 2 ގަޑިއެއްހާއިރު ވަންދެން ވައިގެ ތެރޭގައި ހުންނާނެ އެވެ. އަދި ވައިރަސް އަސަރު ހުރި ތަނެއްގައި އަތްލުމަށްފަހު ލޮލާއި ނޭފަތާއި އަނގައިގައި އަތްލުމުން އެ ބަލި ޖެހުމުގެ ފުރުސަތު އޮންނާނެ އެވެ.
މީގެއިތުރުން ބައްޔާއި ދެކޮޅަށް ދިފާއީ ބާރު ނެތް މީހުން އަދި މީސްލްސް ވެކްސިންގް 2 ޑޯޒް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.
ހިމަބިހި ޖެހިފައިވާ މީހެއްގެ ފަރާތުން އެހެން މީހަކަށް ބަލި ފެތުރިގެން ދާނީ ބިހި ނެގުމުގެ 4 ދުވަސް ކުރިން އަދި ބިހި ނެގުމުގެ 4 ދުވަސް ފަހުންނެވެ.
ހިމަބިހީގެ އަލާމާތްތައް:
– ހުންއައުން
– ރޯގާޖެހުން
– ކެއްސުން
– ލޯ ރައްވުން
– ހަމުގައި ރަތް ބިހިތަކެއް ނެގުން (އާއްމުކޮށް ބިހިތައް ފުރަތަމަ ނަގާނީ މޫނާއި ކަރުގައި، އެއަށްފަހު މޭމަތި، ބުރަކަށި، އަތުގައި އަދި އެއަށްފަހު ފައިގައި)
ހިމަބިހި ޖެހޭތާ 4 ވަނަ ދުވަހު ހަށިގަނޑުން ތުނި ބިހި، ނުވަތަ ފެންބިހި ތަކެއް ފާޅުވާން ފަށައެވެ. މިފެންބިހިތައް ފުރަތަމަ ފާޅުވަނީ މޫނު މަތީގައެވެ. އެއަށްފަހު އަތް ފައި އަދި ބުރަކައްޓާއި މޭމަތީގައި މިބިހިތައް ނަގަން ފަށައެވެ. ގާތްގަނޑަކަށް 5 ދުވަސްވަންދެން މިބިހިތައް ދެމިހުރެއެވެ. ހިމަބިހިން ރައްކާތެރިވުމަށް ކުޑަކުދިންގެ އުމުރުން 9 މަހުގައި މީސްލްސް ވެކްސިން ދިނުމަކީ މުހިއްމު ކަމެކެވެ.
– ހިމަބިހި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އެޅުމުން ވައިގެ ތެރެއަށް ވައިރަސް ފެތުރިގެން ދިޔުމުން.
(ބަންދު ތަނެއްގައި ނަމަ 2 ގަޑިއެއްހާއިރު ވަންދެން ވައިގެ ތެރޭގައި ހުރޭ)
-ވައިރަސްގެ އަސަރު ހުރި ތަނެއްގައި އަތްލުމަށްފަހު ލޮލާއި ނޭފަތާއި އަނގައިގައި އަތްލުމުން.
-ބައްޔާއި ދެކޮޅަށް ދިފާޢީ ބާރު ނެތް މީހުން އަދި މީސްލްސް ވެކްސިކްގެ 2 ޑޯޒް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑު.
މި ބަލީގެ ސަބަބުން ނިއުމޯނިއާ އާއި ސިކުނޑި ދުޅަވުން ފަދަ ނުރައްކާތެރި ހާލަތްތައް ކުރިމަތިވާއިރު، އެންމެ ބޮޑު ނުރައްކަލެއް އޮތީ ވެކްސިން ފުރިހަމަނުކުރާ 5 އަހަރުން ދަށުގެ ކުދިންނަށެވެ. އެހެންކަމުން ވެކްސިންގެ 2 ޑޯޒު ފުރިހަމަކޮށްފައިވޭތޯ ޔަޤީން ކުރުން މުހިއްމެވެ.
ހިމަބިހި ވެކްސިން:
– މީސްލްސް ވެކްސިންގެ ދެޑޯޒު ޖެހުމުން، ހިމަބިހި ޖެހުމުގެ ފުރުސަތު %97އަށް ކުޑަކޮށްދޭ އަދި ބަލި ޖެހުނު ކަމުގައިވިޔަސް ބަލީގައި ބޮޑުވަރުވުމުން ރައްކާތެރިކޮށްދޭ
– ހިމަބިހިން ރައްކާތެރިވުމަށް ދެވޭ ވެކްސިންގެ ތެރޭގައި،
-މީސްލްސް ވެކްސިން
-އެމް.އާރް (މީސްލްސް، ރުބެއްލާ) ވެކްސިން
ހިމަބިހި ފެތުރެމުންދާތީ އެޗްޕީއޭއިން އަންނަނީ، މީސްމީޑިޔާ މެދުވެރިކޮށް މިބައްޔާއި މެދު މީހުން ހޭލުންތެރި ކުރުވުމަށާއި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ހިއްސާކުރައްވަމުންނެވެ. ހިމަބިހީގެ އަލާމާތެއް ފެނިއްޖެނަމަ ޑޮކްޓަރަށް ދެއްކުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުގައި ޚާއްސަ މޭޒެއް ޤާއިމުކޮށްފައެވެ.
އައިޖީއެމްއެޗުން ވިދާޅުވީ، މިދުވަސްވަރު ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާތީ ހިމަބިހީގެ އަލާމާތްތައް ފެންނަ މީހުންނަށް ޚިދުމަތްދިނުމަށް ބޮޑެތި މީހުންގެ ކުއްލި ފަރުވާދޭ ބައިގެ އެމްބިޔުލަންސް ޕޯޓިކޯ ކައިރީގައި މިކަމަށް ޚާއްޞަ މޭޒެއް މިހާރު ޤާއިމުކޮށް ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. އައިޖީއެމްއެޗު ހޮސްޕިޓަލުން ވަނީ، ހިމަބިހީގެ އަލާމާތްތައް ފެންނަނަމަ ޑޮކްޓަރަށް ދައްކަން ދާއިރު މާސްކް އެޅުމަށާއި، ވީހާވެސް މަދު ބަޔަކާއިއެކު ހޮސްޕިޓަލަށް ދިޔުމަށް އިލްތިމާސް ކުރައްވާފައެވެ.
އެ ހޮސްޕިޓަލުން ވިދާޅުވީ، މި މޭޒުގެ ޚިދުމަތް ކޮންމެ ދުވަހަކުވެސް ހެނދުނު 8:00 އިން ރޭނގަޑު 23:00އާ ހަމައަށް ލިބޭނެ ކަމަށެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް 3335335 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެހޮސްޕިޓަލުން މައުލޫމާތުދެއްވައެވެ.
ރާއްޖެއިން މި ބަލީގެ 7 ކޭސް ފެހިފައިވާއިރު އަވަށްޓެރި ބައެއް ޤައުމުތަކުގައި މި ބަލި ދަނީ ފެތުރެމުންނެވެ. އެގޮތުން ބަންގްލަދޭޝްގައި ހިމަބިހި ފެތުރުން ކޮންޓުރޯލުނުކުރެވި، މި ބަލީގައި އަދި ބަލީގެ ޢަލާމާތްތަކާއެކު މަރުވި ކުދިންގެ އަދަދު 500 އަށް އުފުލިފައިވާކަން އެ ޤައުމުގެ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ. މިއީ، ފާއިތުވި ދަހަރެއްހާ ދުވަހުގެ ތެރޭގައި އެ ޤައުމަށް ކުރިމަތިވި ހިމަބިހީގެ އެންމެ ބޮޑު ބަލިމަޑުކަމެވެ. މި ބަލި ފެތުރުން ކޮންޓުރޯލުކުރުމަށް ބަންގްލަދޭންގެ ސަރުކާރުން މިހާރު ދަނީ ވެކްސިން ޖަހައިދިނުމުގެ ބޮޑު ކެމްޕޭނެއް ހިންގަމުންނެވެ.
ހިމަބިއްސަކީ ދުނިޔޭގައި ވެކްސިން ބޭނުންކޮށްގެން ރައްކާތެރިވެވޭ ބަލިތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ކުޑަކުދިން މަރުވާ އެއް ބައްޔެވެ.










ކިޔުންތެރިންގެ ހިޔާލު