ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މަލްޓި ޕާޕަސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.
މަލްޓި ޕާޕަސް ބިލްޑިންގެ ބިންގާ އަޅުއްވައިދެއްވީ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ، ޑރ. މަޙްމޫދު ޝައުގީއާއި ވައިސް ޗާންސެލަރ، ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ.
އެމްއެންޔޫ މަލްޓިޕާޕަސް އިމާރާތަކީ އިންސާނީ ވަސީލަތްތައް ބިނާކުރުމަށާއި، ޢިލްމު ފެތުރުމަށާއި، ޤައުމީ ތަރައްޤީއަށްޓަކައި ކުރެވޭނެ އަގުހުރި އިންވެސްޓްމަންޓެެއްކަމަށް އެމްއެންޔޫއިން ބުންޏެވެ. މިޢިމާރާތް ފަރުމާކޮށްފައިވަނީ ދަރިވަރުންނާއި މުވައްޒަފުންނަށް ބޭނުންވާ ޒަމާނީ އެންމެހައި ވަސީލަތްތައް ފުރިހަމައަށް ލިބޭނެ ގޮތަށެވެ. އެގޮތުން، ކެންޓީނާއި، ރެސްޓޯރެންޓުގެ އިތުރުން ދަރިވަރުންގެ އިޖުތިމާޢީ ހަރަކާތްތަކަށް ޚާއްޞަ ޖާގަތަކާއި، މަލްޓިޕާޕަސް ހޯލާއި، ކްލާސްރޫމްތަކާއި، ސެމިނާރ ރޫމްތަކުގެ އިތުރުން ޢަމަލީ ތަމްރީނުތަކަށް ބޭނުންވާ މަރުކަޒުތައް މިއިމާރާތުގައި ހިމެނެއެވެ. މީގެއިތުރުން، ސެންޓަރ ފޯ ސެކިއުރިޓީ އެންޑް ސްޓްރެޓީޖިކް ސްޓަޑީޒް’ އަށް ބޭނުންވާ ޚާއްޞަ ޖާގައާއި، ދިރާސާކުރުމަށް ބޭނުންވާ ޒަމާނީ ލެބޯޓްރީތަކާއި އެކަށީގެންވާ މާޙައުލެއް މި ޢިމާރާތުގައި ވަނީ ތަރައްޤީކޮށްފައެވެ. ޚާއްޞަކޮށް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ފެކަލްޓީތަކަށް މިއިމާރާތުގެ ސަބަބުން ލުއި ލިބޭނެކަމަށް އެމްއެންޔޫއިން ބުނެއެވެ. އެގޮތުން މިއިމާރާތުގައި އިދާރީ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އޮފީސްތަކާއި ޕާކިންގގެ ޚިދުމަތްވެސް ހުންނާނެއެވެ.
A significant milestone for the Maldives National University as the University held its 400th Council Meeting today, followed by the groundbreaking ceremony of the Multipurpose Building, reflecting its continued commitment to growth, development, and strengthening educational… pic.twitter.com/0dSMZRLMJV
— The Maldives National University (@MNUedu) June 10, 2026
މިއީ ދަރިވަރުންނާއި މުވައްޒަފުންގެ ބޭނުންތަކަށް ޚާއްޞަ އިސްކަމެއް ދީގެން ފަރުމާކުރެވިފައިވާ ތަނަކަށްވުން ކަމަށާއި، މީގެ ސަބަބުން އުނގަންނައިދިނުމާއި، ގުޅިގެން މަސައްކަތްކުރުމާއި، ލީޑަރޝިޕް ހުނަރުތައް ތަރައްޤީކުރުމުގެ އިތުރުން، އިލްމީ ދިރާސާކުރުމުގެ ފުރުޞަތުތައް ބޮޑުތަނުން ފުޅާވެގެންދާނެކަން އެމްއެންޔޫއިން ފާހަގަކުރެއެވެ. އަދި މިހާރު ކުރިއަށްދާ ޕްރޮގްރާމްތައް އިތުރަށް ތަރައްޤީކޮށް، އައު ދާއިރާތަކުން ޤައުމަށް ޚިދުމަތްކުރުމުގެ ޤާބިލުކަން މި މަޝްރޫޢުގެ ސަބަބުން އިތުރުވެގެންދާނެ ކަމަށާއި، މީގެ އިތުރުން، ހުޅުމާލޭގައި ޤާއިމުކުރުމަށް އިޢުލާނުކުރެވިފައިވާ މެޑިކަލް ސްކޫލާއި ޓީޗިންގ ހޮސްޕިޓަލްގެ މަސައްކަތް ނިމެންދެން، ސްކޫލް އޮފް މެޑިސިންގެ ކިޔެވުން މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް މި އިމާރާތުގެ ސަބަބުން ބޮޑު ފަސޭހައަކަށް ވެގެންދާނެކަމަށްވެސްވަނީ ފާހަގަކޮށްފައެވެ.
ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ އެ ޔުނިވަރސިޓީން ފާހަގަކުރަމުންދަނީ ތާރީޚީ ގޮތުން ނުހަނު މުހިންމު ތިން ކަމެއްކަމަށެވެ. އެއީ ޔުނިވަރސިޓީ ކައުންސިލްގެ 400 ވަނަ ބައްދަލުވުމުގެ މުނާސަބަތާއި، އެމްއެންޔޫ މަލްޓިޕާޕަސް ބިލްޑިންގގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ އިތުރުން، ޔުނިވަރސިޓީގެ ތާރީޚު ތަދުވީނުކުރުމަށް ކައުންސިލުން ނިންމެވި ނިންމެވުމެވެ.










ކިޔުންތެރިންގެ ހިޔާލު