ނޭޕާލުގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ޗެމްޕިއަންޝިޕްގެ ރޭންކިން ބުރުގައި ރާއްޖޭން ކުޅުނު ފަހު މެޗުގައި ބަންގްލަދޭޝް ބަލިކޮށްފިއެވެ.
މިއަހަރު ކާވާ މުބާރާތް ކުރިއަށްދަނީ ނޭޕާލުގެ ކަތަމަންޑޫގައެވެ. އެއީ މިމަހު 22 އިން 29 ވަނަ ދުވަހާ ހަމައަށެވެ. ޖުމުލަ އަށް ޓީމަކުން މުބާރާތުގައި ވާދަކުރާ އިރު، ރޭންކިން ބުރުގައި ކުޅެނީ ސެމީ ފައިނަލުން ފުރުސަތު ގެއްލުނު ހަތަރު ޓީމެވެ. އެއީ ދެ ގްރޫޕުގެވެސް ތިންވަނަ އަދި ހަތަރު ވަނަ ޓީމުތަކެވެ. އެއީ ރާއްޖެއާއި ލަންކާގެ އިތުރުން ބަންގްލަދޭޝްއާއި ކިރްގިސްތާނެވެ.
ރާއްޖޭން އިއްޔެގެ މެޗަށް ނުކުތީ އޭގެކުރިން ކުޅުނު ހުރިހާ މެޗަކުންވެސް ބަލިވެފައި އޮވެގެންނެވެ. ރޭންކިންގައި ފުރަތަމަ ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވެފައި އޮތް އިރު، ބަންގްލަދޭޝް ކައިރިން މޮޅުވީ ފަހަތުން އަރައި 3-1 ސެޓުންނެވެ.
ބަންގްލަދޭޝްއިން މެޗުގެ ފުރަތަމަ ސެޓު ގެންދިޔައީ، 27-25 އިންނެވެ. އެހެން ނަމަވެސް، ރާއްޖޭން ވަނީ ދެން ކުޅުނު ތިން ސެޓު ގެންގޮސްގެން މެޗުން މޮޅުވެފައެވެ. ރާއްޖޭން ސެޓުތައް ގެންދިޔައީ، 11-25، 17-25 އަދި 12-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކެޕްޓަން، ހައްވާ ރާޝިދާ (ހައްވަ) އެވެ.
މިއަދު އޮންނާނީ ސެމީ ފައިނަލް މެޗުތަކެވެ.










ކިޔުންތެރިންގެ ހިޔާލު