ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސޮއިކޮށްފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.
އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ގައުމީ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމެވެ.
ފައްޔާޒު ހުށަހެޅުއްވި އެ ގަރާރު ފާސްކޮށްފައިވަނީ ގަރާރަށް ބަހުސްކުރުމަށްފަހު އެ ވަގުތު ޖަލްސާއަށް ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

ފައްޔާޒު ހުށަހެޅުއްވި އެ ގަރާރުގައި ބަޔާންކޮށްފައިވަނީ ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފާޅުގައި އަރައިގަނެ، ގާނޫނޫއަސާސީންނާއި، ގާނޫނުތަކުން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަން ގެއްލިފައިވުމީ ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.
ރައްޔިތުން އިންތިހާބުކޮށްފައިވާ މަޖިލީހުގެ މެމްބަރުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވައި، ގާނޫނު ހަދާ މަޖިލީހުގެ ބާރު ކަނޑުވާލުމަށް ފަހު، ފަނޑިޔާރުގެއާއި ދައުލަތުގެ މުއްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލައި، ދައުލަތުގެ ބާރުތަކުގެ މައްޗަށް އޮތް ފާރަވެރިވުމުގެ ނިޒާމު ހަލާކުކޮށް، ލާމަރުކަޒީ ނިޒާމު ފުނޑުފުނޑު ކޮއްލައި، ހެޔޮވެރިކަމުގެ ނިޒާމު ހީނަރުކޮށް، ހުދުމުހުތާރު ވެރިކަމަކަށް ރާއްޖޭގެ މިސްރާބު ބަދަލުކޮށްފައިވަނީ ނިޒާމީ ގޮތެއްގައި ރޭވިގެންކަމަށް ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
އިގްތިސޯދު ހީނަރުވެ، އަމިއްލަ ވިޔަފާރިތަކާއި، އިގްތިސޯދީ މަސައްކަތްތައް ދަށަށް ގޮސް، ތަކެތީގެ އަގު އެތައް ގުނައަކުން އުފުލި، އާންމު ދިރިއުޅުމުގެ ހާލަތު އިންތިހާއަށް ދަށަށް ގޮސް، ރައްޔިތުންނަށް އެތަކެއް ތަކުލީފުތައް އުފުލާން ޖެހިފައިވާއިރު، ސަރުކާރުގެ ތެރޭގައި އިންތިހާއަށް އިސްރާފް އިތުރުވެ، ރަށްރަށުގައި ތަރައްގީއަށް ފެށިފައި ހުރި މަސައްކަތްތައް ހުއްޓި، ދަރަނީގެ މިންވަރު ބޮޑުވެ، ދަރަނި އަދާކުރާނެ ރަނގަޅު އުސޫލެއް ނެތި ރާއްޖޭގެ ކުރިމަގު ބޮޑު ބަނަކަމެއްގެ ތެރެއަށް ވެއްޓިފައިވާކަމަށް ގަރާރުގައި ފައްޔާޒު ފާހަގަކުރެއްވިއެވެ.
ސަރުކާރުން ވަނީ މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅައި، ނޫސް އިދާރާ އެއް ރެއިޑްކޮށް، ނޫސްވެރިންނާއި، ސުލްހަވެރި އިހްތިޖާޖުގެ ބައިވެރިން ޖަލަށްލައި، އެއްވެ އުޅުމާއި، ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ގެއްލުވާލައި، ރައްޔިތުންގެ ބާރު ކަނޑުވާލާފައި ކަމަށެވެ.
ގަރާރުގައި ބަޔާންކޮށްފައިވަނީ އެތައް ޒަމާނެއް ވަންދެން މަސައްކަތް ކޮށްގެން ހޯދި ޑިމޮކްރަސީގެ ހަމަތައް ފޮހެވިގެންގޮސް، ސަރުކާރާ މެދު ރައްޔިތުންގެ ހިތުގައި އޮންނަން ޖެހޭ އިތުބާރު ގެއްލިގެންދާ ހިސާބަށް ގައުމުގެ ހާލަތު ގޮސްފައިވުމާއެކު، ގައުމު ހަމަ މަގަށް އެޅުވުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ، ރައީސް މުހައްމަދު ނަޝީދު އާއި ރައީސް އަބްދުﷲ ޔާމީން އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްނަންގަވައިގެން ފައްޓަވާފައިވާ މަސައްކަތުގައި އެމްޑީޕީން ބައިވެރިވުމަކީ ގައުމާއި ރައްޔިތުންނަށް ފައިދާ ހުރި ގޮތް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
އެހެންވެ އެ ތިންބޭފުޅުން އެއްބަސްވެވަޑައިގެން، 15 މެއި 2026 ގައި ނެރުއްވި ގުޅިފައިވާ ބަޔާން ބަލައިގަނެ އެ ބަޔާނުގައި ފާހަގަ ކޮށްފައިވާ މަސައްކަތްތަކަށް ތަންފީޒު ކުރުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕާޓީގެ ގައުމީ މަޖިލީހުން އިގުރާރުވާ ކަމަށެވެ.
ތިން ރައީސުންގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވަނީ ތިން ރައީސުންގެ މައިގަނޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒުގެ ސަރުކާރުން ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތަކަށް އަރައިގަތުމާއި، ޝަރުއީ ނިޒާމަށާއި، ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަމަށް ނުފޫޒު ފޯރުވުން ކަމަށެވެ.
މީގެ އިތުރުން، އިގުތިސޯދީ ގޮތުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކާއި، ތަކެތީގެ އަގު އުފުލުމާއި، ނޫސްވެރިކަމުގެ މިނިވަންކަން ގެއްލެމުންދާ ކަމަށްވެސް އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުން، ދިވެހިން އެތައް މަސައްކަތަކުން ހޯދި ޑިމޮކްރަސީގެ އުސޫލުތައް މުގުރެމުންދާތީ، ގައުމު އަލުން ހަމަ މަގަށް އެޅުވުމަށް އެ ތިން ބޭފުޅުން ގުޅިގެން މަސައްކަތް ކުރެއްވުމަކީ މިވަގުތަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ސަރުކާރުގެ މައްޗަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށާއި، ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގައި ސަރުކާރު ނުކުޅެދިފައިވާކަން ތިން ރައީސުން ފާހަގަކުރެއްވިއެވެ.
ތިން ރައީސުން ވަނީ، ކޯޓު އަމުރަކާ ހިލާފުވި ކަމުގެ ދައުވާގައި ހައްޔަރުކޮށްފައިވާ ދެ ނޫސްވެރިންނާއި، އެކަމާ ގުޅިގެން ބޭއްވި އިހުތިޖާޖުތަކުން ހައްޔަރުކުރި މީހުން ވަގުތުން މިނިވަން ކުރުމަށް ގޮވާލައްވައިފައެވެ.





ކިޔުންތެރިންގެ ހިޔާލު