ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޑިމޮކްރެސީގެ އުސޫލުތަކާ ހިލާފަށް އަމަލުކުރަމުންދާ ކަމަށް ބުނެ، ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި އިބްރާހީމް މުހައްމަދު ސޯލިހު ގުޅިވަޑައިގެން ބޭރުގެ މިޝަންތަކަށް ސިޓީއެއް ފޮނުއްވައިފިއެވެ.
ތިން ރައީސުން ބޭރުގެ މިޝަންތަކަށް އެ ސިޓީ ފޮނުއްވާފައިވަނީ، ގައުމުގެ ހާލަތާ މެދު މަޝްވަރާ ކުރެއްވުމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމެއްގައި އެކުގައި މަސައްކަތް ކުރެއްވުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ފަހުގައެވެ.
އެ ބޭފުޅުން ފޮނުއްވި ސިޓީގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ނެރުނު “ގެގް” އަމުރެވެ. ރައީސް މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް ނޫހަކުން ނެރުނު ޑޮކިއުމަންޓަރީއެއް ދައުރުކުރުމާއި، އެކަމާ ގުޅޭ ގޮތުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވާހަކަ ދެއްކުން މަނާކޮށް ނެރުނު އެ އަމުރަކީ ރާއްޖޭގެ ޑިމޮކްރެޓިކް ތާރީހުގައި ހިޔާލުފާޅުކުރުން ކޯޓަކުން މިވަރަށް މަނާކުރި ފުރަތަމަ ފަަހަރުކަމަށް ސިޓީގައިކަމަށް ބަޔާންކޮށްފައިވެއެވެ.

އެ އަމުރާ ގުޅިގެން ސިއްރުން ބޭއްވި އަޑުއެހުންތަކެއްގައި، ވަކީލަކު އައްޔަންކުރުމަށް އެކަށީގެންވާ ވަގުތު ނުދީ “އަދަދު” ނޫހުގެ ދެ ނޫސްވެރިއަކު ޖަލަށް ލާފައިވާކަން ތިން ރައީސުން ފާހަގަކުރެއްވިއެވެ. މިއީ އާ ގާނޫނުއަސާސީގެ ދަށުން ނޫސްވެރިކަން ކޮށްގެން ނޫސްވެރިންތަކެއް ޖަލުގައި ބަންދުކުރި ފުރަތަމަ ފަހަރު ކަމަށާއި، އެ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލައި މުޒާހަރާ ކުރި ބަޔަކުވެސް ހައްޔަރުކޮށްފައިވާކަން ސިޓީގައި ބަޔާންކޮށްފައިވެއެވެ.
އެ ސިޓީގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، މި ސަރުކާރުން ވަނީ ނިޒާމީ ގޮތެއްގައި މިނިވަން މުއައްސަސާތައް ބަލިކަށިކޮށް، ގާނޫނުއަސާސީއަށް ގެނައި ބަދަލުތަކުން ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލާފައެވެ. އަދި ސަރުކާރު ހިންގާ ޕާޓީގެ ބާރު އޮތް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ކޮންޓްރޯލް އޮންނަ މަޖިލީހުގެ ތެރެއިން، ނޫސްވެރިކަން ރެގިއުލޭޓްކުރުމުގެ ނަމުގައި މީޑިއާތައް ބަންދުކުރުމުގެ ބާރު ކޮމިޝަނަކަށް ދީފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
އެ ހުރިހާ ކަމެއް ކުރަން ދަނިކޮށް، މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި ބަދަލަކާ މެދު ނެގި ފެންނަ ނުފެންނަ ވޯޓެއްގައި 69 ޕަސަންޓު ރައްޔިތުން އެ ބަދަލާ ދެކޮޅު ހަދާފައިވާކަން ސިޓީގައި ބަޔާންކޮށްފައިވެއެވެ. ރައްޔިތުންގެ ތާއީދު ގެއްލެމުންދާތީ، ސަރުކާރުން ގެންދަނީ މުއައްސަސާތަކާއި ސަރުކާރު ޒިންމާދާރުކުރަން ތިބި ނޫސްވެރިންނަށް ހަމަލާ ދިނުން އިތުރުކުރަމުންކަން ތިން ރައީސުން ފާހަގަކުރެއްވިއެވެ.
އެ ކަންކަން ހިނގަމުންދަނީ ރާއްޖޭގެ އިގުތިސޯދު ހީނަރުވެ، ރިޒާވު މަދުވެފައިވާ ދަނޑިވަޅެއްގައި ކަމަށާއި، މިއީ ނާގާބިލު ސަރުކާރެއްގެ ސަބަބުން ޑިމޮކްރެސީއަށް ކުރިމަތިވެފައިވާ ނުރައްކަލެއްކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ.
ސިޓީ ނިންމާލަމުން ތިން ރައީސުން ވިދާޅުވީ، ސިޔާސީ ގޮތުން ހިޔާލުތަފާތުވުންތައް ހުރި ނަމަވެސް، ރާއްޖޭގެ ޑިމޮކްރެސީ ދިފާއުކުރުމަށް އެ ބޭފުޅުން އެކުގައި ނުކުމެ މަސައްކަތް ކުރައްވަން ފައްޓަވާފައިވާ ކަމަށެވެ. އަދި ބޭރުގެ މިޝަންތަކުން މެދުވެރިވެގެން، ހައްޔަރުކޮށްފައިވާ ނޫސްވެރިން ދޫކޮށްލުމަށާއި ނޫސްވެރިންނާ ދެކޮޅަށް ހިންގާ ގާނޫނާ ހިލާފު އަމަލުތައް ހުއްޓާލުމަށް ސަރުކާރަށް ގޮވާލައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.





ކިޔުންތެރިންގެ ހިޔާލު