ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެބޯލާ ރޯގާއާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން ރާއްޖެއިން ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ކޮންގޯ އަދި ޔޫގެންޑާގައި ހަލުވިކަމާއެކު ފެތުރެމުންދާ މި ނުރައްކާތެރި ހުމުގެ ސަބަބުން އެ ސަރަހައްދުތަކުން އެތައް ބަޔަކު މަރުވެފައިވާއިރު، މި ބަލި ކޮންޓްރޯލް ކުރުމަށް ސިއްހީ އިދާރާތަކުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ބަލިމަޑުކަން މިހާރު ވަނީ އެކި ޕްރޮވިންސްތަކަށް ފެތުރި، މިފަހަރުގެ ރޯގާގެ ތެރޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ސަރަހައްދީ ރޮނގު ހުރަސްކޮށްފައެވެ.
މުޅި ދުނިޔޭގައި މި ބަލި ފެތުރިދާނެ ކަމުގެ ބިރު ނެތް ނަމަވެސް، ކޮންގޯއާ އިންވެގެން އޮތް އަވަށްޓެރި ގައުމުތަކަށް މި ބަލި ފެތުރުމުގެ ނުރައްކާ ވަރަށް ބޮޑު ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިންޒާރުދީފައެވެ.

ރާއްޖޭގައި މި ބަލި ފެތުރިފައި ނުވި ނަމަވެސް، ބައިނަލްއަގުވާމީ ފެންވަރުގައި އެބޯލާ ރޯގާ ފެތުރެމުންދާ ގޮތް އެޗްޕީއޭ އިން އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ. އާންމު ސިއްހަތު ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ، ބޭނުންވެއްޖެ ހާލަތެއްގައި އެ ފިޔަވަޅުތައް އެޅުމަށް ތައްޔާރުވަމުންދާ ކަމަށް އެ އެޖެންސީން މައުލޫމާތުދެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މޭ މަހުގެ 16 ވަނަ ދުވަހާ ހަމައަށް ކޮންގޯގެ އިތުރީ ޕްރޮވިންސްގެ ބުންޔާ، ރްވަމްޕާރާ އަދި މޮންގްބްވާލޫ ސަރަހައްދުތަކުން މި ބަލީގައި 80 މީހަކު މަރުވެފައިވާ ކަމަށް ޝައްކުކުރެވެއެވެ. އެ ޖަމިއްޔާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ލެބޯޓްރީން ޔަގީންކުރެވިފައިވާ 8 ކޭސްއަކާއި، ބައްޔަށް ޝައްކުކުރެވޭ 246 ކޭސް އެކި ސަރަހައްދުތަކުން ފެނިފައިވެއެވެ. ކޮންގޯގެ ފޮރިން މިނިސްޓްރީން ވެސް ވަނީ އެ ގައުމުގެ އިރުމަތީ ސަރަހައްދުތަކުން 80 މީހަކު މަރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ. އިތުރަށް ބަލި ހުރިތޯ ބެލުމުގެ މަސައްކަތްތަކާއި ސާމްޕަލްތައް ޓެސްޓުކުރުމުގެ މަސައްކަތްތައް ކުރިއަށްދާތީ، މަރުވި މީހުންގެ އަދަދު މިއަށްވުރެ އިތުރުވުން އެކަށީގެންވެއެވެ.
ކޮންގޯގައި އެބޯލާ ފެތުރިފައިވާ މިއީ 17 ވަނަ ފަހަރެވެ. މި ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ 1976 ވަނަ އަހަރު ކޮންގޯގެ އެބޯލާ ކޯރު ކައިރިންނެވެ. މި ބައްޔަށް އެބޯލާގެ ނަން ދެވިފައިވަނީ ވެސް އެ ކޯރުގެ ނަމުންނެވެ.





ކިޔުންތެރިންގެ ހިޔާލު