ދުނިޔޭގެ ޕްރެޝަރ ބޮޑުވެ، އިސްތިއުމާރީ ސިފައިން ސުމުދް ފްލޮޓިލާއިން ހައްޔަރުކޮށް ރަހީނުކޮށްގެން ގެންދިޔަ ދެ އެކްޓިވިސްޓުން ދޫކޮށްލަން ނިންމައިފިއެވެ.
އިސްތިއުމާރީ ސިފައިން ރަހީނުކޮށްފައިވާ ދެ އެކްޓިވިސްޓުން ކަމަށްވާ ސައިފް އަބޫ ކެޝެކް އަދި ތިއާގޯ އަވިލާ މިއަދުގެ ވަގުތެއްގައި މިނިވަންކޮށް ދޫކޮށްލާނޭ ކަމަށް، އެ ދެމީހުންގެ ގާނޫނީ ޓީމުން ބުނެފައި ވެއެވެ.
އިސްތިއުމާރީ ދައުލަތުގެ ޚާރިޖިއްޔާއިން އެކްސްގައި ޕޯސްޓްކުރި މެސެޖެއްގައި ބުނެފައިވަނީ، އެދެ އެކްޓިވިސްޓުން މިނިވަންކުރަން ނިންމީ، އެމީހުންގެ މައްޗަށް ހިންގި “ތަހްގީގު” ނިމުމުން ކަމަށެވެ.

ޣައްޒާއަށް އިންސާނީ އެހީ ހިފައިގެން ދަތުރުކުރި ގްލޯބަލް ސުމުދް ފްލޮޓިލާ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން ދަތުރުކޮށްފައި ދަނިކޮށް އިސްތިއުމާރީ ޓެރަރިސްޓުން ބޯޓުތަކަށް ހަމަލާދީ އެކްޓިވިސްޓުން ހައްޔަރު ކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ.
ގްލޯބަލް ސުމުދް ފްލޮޓިލާގައި ހިމެނިގެން ޣައްޒާއަށް 69 ބޯޓު ދަތުރު ކުރިއިރު، އިސްތިއުމާރީ ސިފައިން 21 ބޯޓަށް ހަމަލާދީ 180 މީހުން ރަހީނުކުރިއެވެ. ރަހީނުކުރި އެހެން ހުރިހާ އެންމެން ގްރީސްއާ ހަވާލުކޮށްފައިވާއިރު، އަތުޖެހުނު ހުރިހާ ބޯޓެއްވަނީ ފައްތާލާފައެވެ.
ފްލޮޓިލާގައި ހިމެނުނު އެހެން ބޯޓުތައްވަނީ އިސްތިއުމާރީ ސިފައިންގެ އަތުނުޖެހި ގްރީސް ކަނޑުގެ ސަރަހައްދަށް ވަދެފައެވެ.
ސުމުދް ފްލޮޓިލާގެ ބޯޓުތަކުން ތިންހާހަށްވުރެ ގިނަ އެކްޓިވިސްޓުން ދަތުރު ކުރިއެވެ. ބޯޓުތަކާއި މީހުން ދުނިޔޭގެ އެތައް ގައުމަކަށް ނިސްބަތްވެއެވެ. ބޯޓުތަކުގައި ހުރީ ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ދޭން ގެންދިޔަ އެހީގެ ސާމާނެވެ.ަ
އިސްތިއުމާރީ ސިފައިން ރަހީނުކުރި އެކްޓިވިސްޓުންގެ ތެރެއިން ސައިފް އަބޫ ކެޝެކް އަދި ތިއާގޯ އަވިލާ އިސްރާއީލަށް ގެންގޮސް ތަޅައި ބޮޑެތި އަނިޔާތައް ކޮށްފައި ވެއެވެ. އަދި ކޯޓުތަކަށް ދަމައި އެމީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރަމުން ގޮސްފައި ވެއެވެ.
އިސްތިއުމާރީ ދައުލަތުން އެދެ އެކްޓިވިސްޓުން ދޫކޮށްލަން ނިންމިއިރު، އެމީހުން ގެންދިޔައީ ބަނޑުހައިހޫނުކަމުގެ ހަޅުތާލުވެސް ކުރަމުންނެވެ.
ސައިފް އަބޫ ކެޝެކްއަކީ ސްޕެއިންގެ ރައްޔިތެކެވެ. އަދި ތިއާގޯ އަވިލާއަކީ ބްރެޒިލްގެ ރައްޔިތެކެވެ.
މިމައްސަލާގައި ސްޕެއިނާއި ބްރެޒީލުން އިސްރާއީލު އެމްބަސެޑަރުން ހާޟިރުކޮށް، އިސްތިއުމާރީ ދައުލަތުގެ އަމަލު ވަރަށް ބޮޑަށް ކުވެރިކޮށް އެދެމީހުން ވަގުތުން މިނިވަން ކުރުމަށް ގޮވާލާފައި ވެއެވެ.
ނުވިތާކަށް، އދއާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމްއިއްޔާ ޖަމާއަތްތަކާއި، ދުނިޔޭގެ އެތައް ގައުމަކުންވެސް އިސްރާއީލަށް ބޮޑެތި ޕްރެޝަރުތައް ކޮށްފައި ވެއެވެ.
ގައުމުތަކާއި ޖަމްއިއްޔާތަކުން ބުނަމުން ގެންދިޔައީ، އިސްރާއީލުން ސުމުދް ފްލޮޓިލާގެ ދެ އެކްޓިވިސްޓުން ހައްޔަރު ކޮށްގެން ގެންގުޅެނީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފަށް ކަމަށެވެ.





ކިޔުންތެރިންގެ ހިޔާލު