މި އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީ 7.5 އިންސައްތަ އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ހާމަކޮށްފައިވާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ވަނީ ލިބިފައެވެ. މިއީ ނިމިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ލިބުނު 930 މިލިއަން ޑޮލަރާ އަޅައިބަލާއިރު 7.5 އިންސައްތައިގެ ކުރިއެރުމެކެވެ.
މި އަދަދުތައް އާންމުކޮށްފައިވަނީ ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައެވެ. އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ފަތުރުވެރިކަމުގެ ސިނާއަތަށް ލިބެމުންދާ ކުރިއެރުމުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުވެ، އޭޕްރީލް މަހުގެ ނިޔަލަށް ފިސްކަލް ސަރޕްލަސް ނުވަތަ ބާކީގެ ގޮތުގައި 64.86 މިލިއަން ޑޮލަރު ވަނީ ރެކޯޑުކުރެވިފައެވެ.

މި މުއްދަތުގެ ތެރޭގައި އާމްދަނީ އިތުރުވުމަށް އެންމެ ބޮޑު ހިއްސާއެއް ވެފައިވަނީ ޓޫރިޒަމް ގުޑްސް އެންޑް ސަރވިސަސް ޓެކްސް (ޓީޖީއެސްޓީ) އިންނެވެ. ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 330.91 މިލިއަން ޑޮލަރަށް އަރާފައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 298.18 މިލިއަން ޑޮލަރާ އަޅައިބަލާއިރު 11.7 އިންސައްތައިގެ ކުރިއެރުމެކެވެ.
30 އޭޕްރީލް 2026 ގެ ނިޔަލަށް ޓެކުހުގެ ގޮތުގައި ލިބުނު ޖުމްލަ އާމްދަނީ ވަނީ 797.66 މިލިއަން ޑޮލަރަށް އަރާފައެވެ. މިއީ ނިމިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 13 އިންސައްތައިގެ އިތުރުވުމެކެވެ.
ހަމައެއާއެކު، މި އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި ދައުލަތުގެ ޚަރަދުތައް ވެސް ވަނީ އިތުރުވެފައެވެ. ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 930 މިލިއަން ޑޮލަރަށް އަރާފައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރެވުނު 817.01 މިލިއަން ޑޮލަރާ އަޅައިބަލާއިރު 13.8 އިންސައްތައިގެ އިތުރުވުމެކެވެ.
މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ރިކަރަންޓް ޚަރަދު ވަނީ 11.1 އިންސައްތަ އިތުރުވެފައެވެ. މީގެ މައިގަނޑު ސަބަބަކީ ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރެވުނު ޚަރަދު އިތުރުވުމެވެ.
މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރެވުނު ޚަރަދު ވަނީ 291.86 މިލިއަން ޑޮލަރަށް އަރާފައެވެ. މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި މިއީ ޕަބްލިކް ސެކްޓަރުގެ މުސާރަތައް އެއް ހަމައަކަށް ގެނައުމަށްޓަކައި ތަންފީޒުކުރަން ފެށި ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ސަބަބުން އިތުރުވި ޚަރަދެކެވެ.
މުސާރައާއި، އުޖޫރައާއި، ޕެންޝަނަށް ކުރެވުނު ޖުމްލަ ޚަރަދު ވަނީ 343.82 މިލިއަން ޑޮލަރަށް އަރާފައެވެ. މިއީ ނިމިދިޔަ އަހަރާ އަޅައިބަލާއިރު 10.1 އިންސައްތައިގެ އިތުރުވުމެކެވެ.





ކިޔުންތެރިންގެ ހިޔާލު