ސޯޝަލް މީޑިއާގައި ތިލަމާލެ ބްރިޖުގައި އަޑިގުޑަންތަކެއް ހުރިކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ދޮގު ޚަބަރުތަކެއް ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ތިލަމާލެ ބްރިޖުގައި އަޑިގުޑަންތަކެއް ހުރިކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ދޮގު ޚަބަރުތަކެއް ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތުގެ ފެންވަރާއި މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ޑރ. މުއްޠަލިބު އަދި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަމް ވަނީ މަޝްރޫޢު ކުރިއަށްދާ ސަރަޙައްދަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި، މަޝްރޫޢު ހަވާލުކޮށްފައިވާ ކުންފުނި ކަމަށްވާ އެފްކޮންސްގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، އެންމެ ފަހުގެ މަޢުލޫމާތުތައް ވަނީ އޮޅުންފިލުއްވާފައެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޑރ. މުއްޠަލިބު ވިދާޅުވީ ބްރިޖުގައި އަޑިގުޑަންތަކެއް ހުރިކަމަށް ބުނެ އެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ފަތުރަމުންދާ ވާހަކަތަކަކީ ޞައްޙަ ވާހަކަތަކެއް ނޫންކަމަށެވެ.
އޭނާ ހާމަކުރެއްވި ގޮތުގައި ބްރިޖު ފަރުމާކޮށް އިންޖިނިއަރ ކުރެވިފައިވަނީ ވަރަށް ފުރިހަމައަށެވެ. އަދި ބްރިޖުގެ ސްޓްރަކްޗަރ އެކުލަވާލަމުންދަނީ މަސައްކަތް ކުރިއަށްދާ ވަރަކުން ވަކިވަކި ސެގްމަންޓްތައް ގުޅުވަމުންކަން އޭނާ ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ދުރުން ބަލާއިރު ބްރިޖު އެއްވަރު ނޫންކަމަށް ފެންނަ ފެނުމަކީ ހަމައެކަނި ލޮލަށް ފެންނަ އޮޕްޓިކަލް އިލިއުޝަނެކެވެ.
\”މި ބްރިޖަކީ ޑިޒައިންކޮށް އިންޖިނިއަރ ކުރެވިފައިވާ ބްރިޖެއް. އެހެންކަމުން ދުރުން ފެންނަ ގޮތަށް ހުރުން ލާޒިމެއް ނޫން. ލެގޯ ގޮތަށް ސެގްމަންޓްތަކުން މި ބްރިޖު ގުޅުވަމުންދާއިރު، އެފަދަ އުނިކަމެއް ހުރިނަމަ ސެގްމަންޓްތައް ދިމާއެއް ނުވާނެ. މިއީ ފެންވަރުގެ މައްސަލައެއް ނޫން. މިއީ ދުރުން ފެންނަ އިލިއުޝަނެއް. އެފަދަ ލަނބާތަކެއް ހުރެގެނެއް ނޫން މަސައްކަތް ކުރިއަށްދަނީ،” ޑރ. މުއްޠަލިބު ވިދާޅުވިއެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މަޝްރޫޢުގެ މަސައްކަތް އެއްވެސް މެދުކެނޑުމެއް ނެތި ދަނީ ކުރިއަށެވެ. މި މަޝްރޫޢު ކުރިއަށްގެންދަނީ އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރާ ގުޅިގެންކަން ހާމަކުރައްވަމުން، މަޝްރޫޢު އަވަހަށް ނިންމުމަށް އިންޑިއާ ސަރުކާރުން އެއްބާރުލުން ދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. މުއްޠަލިބު ވިދާޅުވީ މިހާރު މަޝްރޫޢުގެ 72.17 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ބްރިޖުގެ ސެގްމަންޓްތައް ކާސްޓްކުރުމާއި އިންސްޓޯލްކުރުން ހިމެނެއެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ބްރިޖު ތިލަފުއްޓާ ހަމައަށް ފުރިހަމައަށް ގުޅާލެވޭނެ ކަމަށާއި، 2027 ވަނަ އަހަރުގެ ނިޔަލަށް ބްރިޖުގެ މަސައްކަތް ނިމި ޢާއްމުންނަށް ހުޅުވާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ތިލަމާލެ ބްރިޖު މަޝްރޫޢަކީ ގްރޭޓަރ މާލެ ސަރަޙައްދުގައި މިހާރު ކުރިއަށްދާ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު އެއް މަޝްރޫޢު ކަމުގައި ބެލެވެއެވެ.
ހަތަރު ސަރަޙައްދެއް ގުޅާލަދޭ 6.7 ކިލޯމީޓަރުގެ މި ބްރިޖުގެ އިތުރުން، ކޮންމެ ރަށެއްގައި އިންޓަރޗޭންޖްތަކާއި ޕާކިންގ ސަރަޙައްދުތައް ތަރައްޤީކުރުންވެސް މި މަޝްރޫޢުގައި ހިމެނެއެވެ.
އިންފްރާސްޓްރަކްޗަރ މިނިސްޓްރީން މަޢުލޫމާތުދޭ ގޮތުގައި، ބޭނުންވާ 1222 ބްރިޖު ޑެކް ސެގްމަންޓްގެ ތެރެއިން 86 އިންސައްތަ ސެގްމަންޓް މިހާރު ވަނީ ކާސްޓްކޮށްފައެވެ. އަދި އޭގެ ތެރެއިން 60 އިންސައްތަ ސެގްމަންޓް ވަނީ އިންސްޓޯލްކޮށްފައެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ގުޅީފަޅު ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އަދި ތިލަފުށީގައި ރިވެޓްމަންޓްތަކާއި ކަލްވަޓްތައް ހެދުމުގެ މަސައްކަތްވެސް މި ބޮޑު މަޝްރޫޢުގެ ތެރެއިން ދަނީ ކުރިއަށެވެ.





ކިޔުންތެރިންގެ ހިޔާލު