ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ހިންގުމުގެ ގަވާއިދަށް ބަދަލުތަކެއް ގެނެސް، އެ އެޖެންސީގެ ބޯޑު އެކުލެވިގެންވާ ގޮތާއި ސީއީއޯގެ މަގާމުގެ ޝަރުތުތައް ހަރުކަށިކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ގެނައި މި ބަދަލަކީ 2014 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި އެންޑީއޭ ބޯޑުގެ ހިންގާ ގަވައިދަށް ގެނެވުނު ފުރަތަމަ އިސްލާހެވެ. މި އިސްލާހާއެކު، ބޯޑުގައި ކުރިން ތަމްސީލުކުރަމުން އައި ރައީސް އޮފީހާއި، ޑިފެންސް މިނިސްޓްރީއާއި، އިމިގްރޭޝަން އަދި ކަސްޓަމްސްގެ ބަދަލުގައި މިހާރު ވަނީ އެހެން އިދާރާތަކެއް ހިމަނާފައެވެ. އޭގެ ތެރޭގައި އިޖުތިމާއީ ރައްކާތެރިކަމާބެހޭ މިނިސްޓްރީއާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރާ މިނިސްޓްރީގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން ކަނޑައަޅާ މަންދޫބުން ހިމެނެއެވެ.
މީގެ އިތުރުން، އެންޑީއޭގެ ސީއީއޯގެ ޝަރުތުތަކާއި މުއްދަތަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ކުރިން ތިން އަހަރުގެ މުއްދަތަކަށް އައްޔަންކުރާ ސީއީއޯގެ މަގާމުގެ މުއްދަތު މިހާރު ވަނީ ފަސް އަހަރަށް އިތުރުކޮށްފައެވެ. އަދި އެ މަގާމަށް އައްޔަންކުރެވޭނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއިން މާސްޓާސް ޑިގްރީއާއެކު ދެ އަހަރުގެ ތަޖުރިބާ، ނުވަތަ އެއަށްވުރެ ދަށް ސަނަދެއްނަމަ ފަސް އަހަރުގެ ތަޖުރިބާ ހުރެގެންނެވެ. މީގެ ކުރިން މި ޝަރުތުތައް އޮންނަނީ މިއަށްވުރެ ލުއިކޮށެވެ.

އާއްމުންގެ ފާޑުކިޔުންތައް ގިނަ އެންޑީއޭގައި މިވަގުތު ސީއީއޯއެއް ނެތެވެ. ކުރިން އެ މަގާމުގައި ހުންނެވި އިމާދު ސޯލިހު މަގާމުން ވަކިކުރުމާ ގުޅިގެން، ޖުލައި 2024 އިން ފެށިގެން އެ އިދާރާ ހިންގުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާޝިދެވެ.




ކިޔުންތެރިންގެ ހިޔާލު