
ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކުރުމުގެ މަސައްކަތުގެދަށުން މިހާތަނަށް 160އަށްވުރެ ގިނަ ބިން ހަވާލުކޮށްފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ގުޅިފަޅުން އަލުން ބިން ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވަނީ، އެތަނުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުގެ ދަށުންނެވެ. ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައީ، އެތަނުގައި ދިރިއުޅޭނެ އާބާދީއަށް އެކަށީގެންވާ ޚިދުމަތްތައް ޤާއިމުކުރުމަށް ބޮޑެތި ބަދަލުތައް ގެނައުމަށެވެ.
އެތަނުން ބިން ލިބުނު މީހުންނަށް ގޯތި ލިބޭ ސަރަޙައްދާއި ޕްލޮޓް ކަނޑައެޅުމަށް، އައު ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް ވަނީ ގުރުއަތު ނަގާފައެވެ.

އެއްބަސްވުމުގައި ސޮއިކުރުމާއި ރަޖިސްޓްރީ ހަވާލުކުރުމުގެ އިތުރުން ބިން ހަވާލުކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.
އެގޮތުން މިހާތަނަށް 2972 މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށް، ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއްވައެވެ. އެގޮތުން ޖުމުލަ 169 މީހުންނާ ވަނީ ބިން ހަވާލުކޮށްފައެވެ.
ގުޅިފަޅުން 7 ސައިޒެއްގެ ބިން ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެތެރޭގައި 1250 އަކަފޫޓާއި 3650 އަކަފޫޓާއި ދެމެދުގެ ސައިޒުގެ ގޯތި ހިމެނެއެވެ.
ގުޅިފަޅުން ދޫކުރާ ގޯތީގެ ތަފްސީލް:
1250 އަކަފޫޓުގެ 669 ގޯތި
1650 އަކަފޫޓުގެ 1234 ގޯތި
2050 އަކަފޫޓުގެ 916 ގޯތި
2450 އަކަފޫޓުގެ 473 ގޯތި
2850 އަކަފޫޓުގެ 158 ގޯތި
3250 އަކަފޫޓުގެ 49 ގޯތި
3650 އަކަފޫޓުގެ 21 ގޯތި
ތިން ފަހަރެއްގެމަތިން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނެސްފައިވެއެވެ.
ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭންގައި ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި ސޯޝަލް ހައުސިންއަށް ބޮޑު ސަރަޙައްދެއް ވަނީ ކަނޑައަޅާފައެވެ.
އަދި އެތާނގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްވެސް ބިން ކަނޑައަޅާފައިވެއެވެ. އެގޮތުން ތަޢުލީމީ ޚިދުމަތާއި، ޞިއްޙީ ޚިދުމަތުގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތްތަކަށްވެސް ޚާއްސަ ސަރަޙައްދުތައް ކަނޑައަޅާފައިވެއެވެ.
މީގެ އިތުރުން، ގުޅީފަޅުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާޙައުލެއް ހޯދައިދިނުމުގެ ބޭނުމުގައި ހިތްގައިމު ޕާކުތަކާއި، ކުޅިވަރު ކުޅޭ ސަރަހައްދުތައް ތަރައްޤީކުރުމަށް ޕްލޭންގައި ކަނޑައަޅާފައިވެއެވެ.
ގުޅީފަޅުން ބިން ހަވާލުކުރުމުގެ މަސައްކަތް ކުރަމުންއަންނައިރު، އެ ބިން ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. އެގޮތުން އެތަނުގެ މަގުތަކާއި ޔުޓިލިޓީ ޚިދުމަތްތައް ޤާއިމުކުރުމަށް ބޭނުންވާ ވަސީލަތްތައް ތަރައްޤީކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ވަނީ ހަވާލުކޮށްފައެވެ.







ކިޔުންތެރިންގެ ހިޔާލު