އީރާނާއެކު ޕާކިސްތާނުގެ އިސްލާމްއާބާދުގައި ކުރިއަށްދިޔަ ސުލްޙައިގެ މަޝްވަރާތަކުގައި އެއްވެސް އެއްބަސްވުމަކާ ހަމައަށް އާދެވިފައިނުވާ ކަމަށް ބުނެ، އެމެރިކާގެ މަތީ ފަންތީގެ ވަފުދު އެނބުރި ގައުމަށް ފުރައިފިއެވެ.
ޖުމްލަ 21 ގަޑިއިރަށް ދެމިގެންދިޔަ މި މަޝްވަރާތަކަކީ، 1979 ވަނަ އަހަރުގެ އީރާންގެ އިސްލާމީ އިންޤިލާބަށްފަހު ދެ ޤައުމުގެ މެދުގައި ބޭއްވުނު އެންމެ މަތީ ފަންތީގެ ބައްދަލުވުމެވެ. ޞަހްޔޫނީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދިޔަ ހަނގުރާމަ މެދުކަނޑައިލުމަށްފަހު، މި މަޝްވަރާތައް ފަށާފައިވަނީ މި އެޕްރީލު މަހުގެ 11 ވަނަ ދުވަހުއެވެ.
ނަމަވެސް، މަޝްވަރާތައް ނާކާމިޔާބުވެ އެމެރިކާގެ ވަފުދު ފުރުމާއެކު، ހުޅަނގު އޭޝިޔާ ސަރަޙައްދުގައި ސުލްޙަ ޤާއިމުކުރުމަށް އޮތް އުންމީދުތައް ވަނީ ފަނޑުވެފައެވެ. އަދި މިދިޔަ އެޕްރީލު 7 ވަނަ ދުވަހު ދެ ފަރާތުން އެއްބަސްވި، ދެ ހަފުތާގެ މުއްދަތަށް ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމުގެ މުސްތަޤުބަލާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.
މަޝްވަރާތައް ހުއްޓުމަކަށް އައި ސަބަބާ ގުޅޭގޮތުން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވީ، މަޝްވަރާތައް ކުރިއަށް ނުގެންދެވުނީ ނިއުކްލިޔަރ ހަތިޔާރު ނުއުފައްދާނެ ކަމުގެ ޔަގީންކަން ދިނުމަށް އީރާނުން އިއުތިރާޒު ކުރުމުން ކަމަށެވެ. އެހެންނަމަވެސް، އީރާނުން ވަނީ އެމެރިކާއިން ކުރިމަތިކުރީ ވަރަށް ބޮޑާ ޝަރުޠުތަކެއް ކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ.
މި މަޝްވަރާގެ މައިގަނޑު އެއް ޝަރުޠަކީ، ހަނގުރާމަ ފެށުމާއެކު ޔަހޫދީންނާއި އެމެރިކާގެ އުޅަނދުފަހަރަށް އީރާނުން ބަންދުކުރި ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުމެވެ. އީރާނުގެ ފަރާތުން ހުށަހެޅި ޝަރުޠުތަކުގެ ތެރޭގައި، އެމެރިކާއިން ހިފަހައްޓާފައިވާ އީރާނުގެ މުދަލާއި ފައިސާ ދޫކޮށްލުމާއި، ހުރްމުޒްގެ ފުރިހަމަ ކޮންޓުރޯލު އީރާނަށް ދިނުން ހިމެނެއެވެ. މީގެ އިތުރުން، ލުބްނާންގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ނަސްލުހޭދުކުރުމުގެ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމަށްވެސް އީރާނުން ބާރުއެޅިއެވެ. އެހެންނަމަވެސް، މަޝްވަރާތައް ފޭލުކޮށްލުމުގެ ނިޔަތުގައި ޔަހޫދީން ގެންދަނީ ލުބްނާނަށް ދޭ ނިރުބަވެރި ޙަމަލާތައް ވަރުގަދަކުރަމުންނެވެ.
މި ބައްދަލުވުމުގައި އީރާން ތަމްސީލު ކުރެއްވީ އެޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފީއާއި ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީއެވެ. އެމެރިކާގެ ވަފުދުގައި ނައިބު ރައީސް ވޭންސްގެ އިތުރުން، ހުޅަނގު އޭޝިޔާގެ މަންދޫބު ސްޓީވް ވިޓްކޮފާއި ޖެރަޑް ކުޝްނަރ ބައިވެރިވެވަޑައިގެންނެވިއެވެ.
މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މި މަޝްވަރާތައް ނާކާމިޔާބުވީ ދެ ފަރާތުގެ ދެމެދުގައި އިތުބާރު ނެތުމުގެ ސަބަބުންނެވެ. އެމެރިކާއާއި ޞަހްޔޫނީން އިސްވެ ފެށި މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.
ކިޔުންތެރިންގެ ހިޔާލު