މިއަދަކީ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) ގެ 31 ވަނަ އަހަރީ ދުވަހެވެ.
އެމްޑަބްލިޔުއެސްސީ ވުޖޫދަށް އައިސްފައިވަނީ، އިތުރުވަމުން ދިޔަ މާލޭގެ އާބާދީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ފެނާއި ނަރުދަމާގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، 1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ. އެމްޑަބްލިޔުއެސްސީ އުފެދިގެން ދިޔުންވީ ދިވެހި މުޖުތަމައުގެ ސިއްހީ ރައްކާތެރި ކަމަށާއި ގައުމުގެ ތަރައްގީއަށް އެޅިގެންދިޔަ އެންމެ މުހިންމު އެއް ފިޔަވަޅަށެވެ.
ކުންފުނި އުފެދިގެން އައީ، 60 މުވައްޒަފުންނާއެކު، އޭރު 60،000 މީހުންގެ އާބާދީއަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ދޭންކަމުގައި ވީނަމަވެސް މިހާރު މިވަނީ 1،000 އަށްވުރެ ގިނަ މުއައްޒަފުންނާއެކު 2 ލައްކަ މީހުންގެ އާބާދީ (ގާތްގަނޑަކަށް ރާއްޖޭގެ 50 ޕަސެންޓް އާބާދީ) އަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.
މިއަދު އެމްޑަބްލިޔުއެސްސީ ފާހަގަކުރެވިފައިވަނީ 100 ޕަސެންޓް ދިވެހި މެނޭޖްމެންޓެއް އޮތް، ކާމިޔާބުކަމާއެކު ހިންގަމުންދާ ފަޚުރުވެރި ކުންފުންޏެއްގެ ގޮތުގައެވެ. އަދި މާލޭގެ އިތުރުން، ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ތިލަފުށި ކ. މާފުށި، ރ. ދުވާފަރު އަދި ހދ. ކުޅުދުއްފުށީގައި މިކުންފުނިން ފެނާއި ނަރުދަމާގެ ޚިދުމަތްތައް ދަނީ ފޯރުކޮށްދެމުންނެވެ. އަދި ރ. ދުވާފަރުގައި ފެނާ ނަރުދަމާގެ އިތުރުން، ކަރަންޓާއި ކުނި މެނޭޖްކުރުމާއި، މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގެ ހިދުމަތްވެސް ދަނީ ފޯރުކޮށްދެމުންނެވެ.
އެމްޑަބްލިޔުއެސްސީ އަށް 31 އަހަރު ފުރިގެންދާއިރު ކުންފުނިން ވަނީ ގިނަ ލަނޑުދަނޑިތަކެއް ހާސިލްކޮށްފައެވެ. މިގޮތުން، ކުންފުނި އުފެދިގެން އައިއިރު ފެން އުފެއްދުމުގެ ގާބިލްކަން ހުރީ ދުވާލަކު 900 ކޮޑި މީޓަރު އަދި ފެން ރައްކާކުރެވޭ މިންވަރު ހުރީ 10,000 ކޮޑި މީޓަރު ކަމުގައި ވީނަމަވެސް، ފެނަށް ބޭނުންވާ މިންވަރު އިތުރުވާ ދުވަސްވަރާއި، ކުއްލި ޙާލަތްތަކުގައި ދެމެހެއްޓެނިވި ޚިދުމަތެއް ފޯރުކޮށްދިނުމަށް، މާލެ ސަރަހައްދުގެ ފެނުގެ ސެކިއުރިޓީ ހަރުދަނާކުރުމުގެ ގޮތުން ފެނުގެ އިންފްރާސްޓްރަކްޗާ ވަރުގަދަކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ.
މިގޮތުން، މިދިޔަ އަހަރު، މާލޭގެ އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު 750 އާއި 1،000 ޓަނުގެ ފެން އުފެއްދޭ 2 އާރް.އޯ ޕްލާންޓް ބެހެއްޓި، ހުޅުމާލޭ އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު 350 ޓަނުގެ ފެން އުފެއްދޭ 2 އާރްއޯ ޕްލާންޓާއި 2،500 ޓަނުގެ ފެން އުފެއްދޭ އާރުއޯ ޕްލާންޓެއް ބަހައްޓާފައިވެއެވެ. މިއާއެކު މާލޭ ސަރަހައްދުގައި ޖުމްލަ ފެން އުފެއްދުމުގެ މިންވަރު 44،950 ޓަނުން 49،900 ޓަނަށް ވަނީ އިތުރުކުރެވިފައެވެ.
ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި 10،000 ޓަނުގެ ފެން ރައްކާކުރެވޭ ތާނގީގެ މަސައްކަތް ނިންމާ ބޭނުންކުރަން ވަނީ ފަށާފައެވެ. މިއާއެކު މުޅި ގްރޭޓާ މާލެ ސަރަހައްދުގައި ޖުމްލަ ފެން ރައްކާކުރެވޭ މިންވަރު 40,445 ޓަނުން 50,445 ޓަނަށް ވަނީ އިތުރުކުރެވި، ޖުމްލަ 25 އިންސަތައިގެ ކުރިއެރުމެއް ވަނީ ލިބިފައެވެ. އަދި، މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ ގުޅާލުމަށް ސިނަމާލެ ބްރިޖް މެދުވެރިކޮށް އަޅާފައިވާ ފެނުގެ މައި ވިއުގަ މަސައްކަތް ނިންމައި ވަގުތީ ގޮތުން ބޭނުން ކުރަންފެށުމާއެކު، ބޭނުންވެއްޖެ ޙާލަތެއްގައި ކޮންމެ ކޮޅަކަށްވެސް ގަޑިއަކު 60 ކިއުބިކް މީޓަރު ފެން ފޮނުވޭނެގޮތް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، އެމްޑަބްލިޔުއެސްސީ އިން އަތޮޅުތެރޭގައި ހިދުމަތް ފޯރުކޮށް ދެމުންގެންދާ ރަށްރަށުގައި، ފެނާއި ނަރުދަމާގެ ހިދުމަތުގެ ޔަގީންކަށް ކަށަވަރުކުރުމުގެ ގޮތުން، ހދ. ކުޅުދުފުށީގައި ފެން އުފައްދާ މިންވަރު އިތުރުކުރުމަށް އެ ރަށުގެ އޮޕަރޭޝަން ސެންޓަރުގައި ދުވާލަކު 150 ޓަނުގެ ފެން އުފެއްދޭ އާރްއޯ ޕްލާންޓެއް ބަހައްޓައި، ބޭނުން ކުރަން ވަނީ ފަށައިފައެވެ. މީގެ ސަބަބުން އެރަށުގައި ފެން އުފައްދާ މިންވަރު ދުވާލަކު 700 ޓަނަށް އިތުރުކުރެވި މީގެކުރިއާ އަޅާބަލާއިރު ޖުމްލަ 27 އިންސައްތައިގެ ކުރިއެރުމެއް ވަނީ ލިބިފައެވެ.
ރ. ދުވާފަރުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ދެމެހެއްޓެނިވި އިތުބާރުހުރި ގޮތެއްގައި ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް، އިތުރު ޖަނަރޭޓަރު ސެޓެއް ބަހައްޓައި، ކަރަންޓް މެއިން ވިޔުގައި އިތުރުކޮށް، ރ. ދުވާފަރުގެ ކަރަންޓް އުފައްދާ މިންވަރު 4,268 ކިލޯވޯޓަށް އިތުރުވެ، ކަރަންޓު އުފެއްދުމުގެ ގާބިލްކަން 16 އިންސައްތަ ވަނީ އިތުރުކުރެވިފައެވެ.
ހަމަމިއާއެކު، ކުންފުންޏަށް 31 އަހަރު ފުރިގެންދާއިރު، ކަސްޓަމަރުންނަށް ފޯރުކޮށްދެވޭ ހިދުމަތަތުގެ ފެންވަރު ރަނގަޅުކުރުމަށް “ދިވެހިރާއްޖެ 2.0” ދަށުން ކުންފުނީގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް، ރައްޔިތުންނާ ވިހާވެސް ގާތުން ލުއި ފަސޭހަ ގޮތެއްގައި ހިދުމަތް ދިނުމަށް އެމްޑަބްލިޔުއެސްސީގެ މޯބައިލް އެޕްލިކޭޝަނާއި އީ-ޕޯޓަލަށް މުހިއްމު ބަދަލުތަކެއް ފާއިތުވެދިޔަ އަހަރުގެ ތެރޭގައި ވަނީ ގެނެވިފައެވެ. މީގެ ސަބަބުން ކަސްޓަމަރުންނަށް ކޮންމެ ވަގުތެއްގައި، ކޮންމެ ތަނެއްގައި ހުރެގެން ބިލް ދެއްކުމާއި، ހިދުމަތަށް އެދުމާއި، ބިލުގެ ތަފުސީލު އަދި ފެން ބޭނުންކުރާ މިންވަރު އެއް ޑިޖިޓަލް ޕްލެޓްފޯމަކުން ފަސޭހަކަމާއެކު ބަލާލެވޭނެ ގޮތް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުންވެސް، މިޚިދުމަތްތަކާއެކު، ޕްރިޕެއިޑް އަދި ސްމާޓް މީޓަރުގެ އައު ޚިދުމަތް ތަޢާރަފު ކުރުމަށް ކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ.
މީގެ އިތުރުން ރާއްޖޭގެ އެކި އެކި ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމުތައް ގާއިމްކުރުމުގައި އެމްޑަބްލިޔުއެސްސީ އިން އަންނަނީ ފާހަގަ ކޮށްލެވޭފަދަ ދައުރެއް އަދާކުރަމުންނެވެ. މިގޮތުން، ރާއްޖޭގެ އެކި ހިސާބުތަކުގައި ފެނާއި ނަރުދަމާގެ ޖުލްމަ 111 ޕްރޮޖެކްޓްގެ މަސައްކަތް ކާމިޔާބުކަމާއެކު ކުންފުނިން ވަނީ ނިންމާފައެވެ. އަދި 2026 ވަނަ އަހަރު 04 ރަށެއްގެ ފެނާއި ނަރުދަމާގެ މސައްކަތް ނިންމައިފައިވާއިރު، އިތުރު 06 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ 07 މަޝްރޫޢެއްގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއާއެކު އެމްޑަބްލިޔުއެސްސީ އިން ވަނީ ސޮއިކޮށްފައެވެ. މީގެތެރެއިން ބައެއް ޕްރޮޖެކްޓްތަކުގެ އަމަލީ މަސައްކަތް ފެށިފައިވާއިރު އަނެއްބައި ޕްރޮޖެކްޓްތަކު އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް އަންނަނީ ވަމުންނެވެ.
ކުންފުނި އުފެދިގެންއައީ ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް ހާއްސަ، ޔޫޓިލިޓީ ކުންފުންޏެއްގެ ގޮތުގައި ވީނަމަވެސް، 31 އަހަރު ދުވަހުގެ ތަޖުރިބާއާއެކު މިއަދު އެމްޑަބްލިޔުއެސްސީ އަކީ އިންޖީނިއަރިން، ޓްރޭޑިން އަދި މެނުފެކްޗަރިންގްގެ ދާއިރާއިންވެސް ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.
ފެނާއި ނަރުދަމާ ނިޒާމު ފަރުމާކުރުމާއި، ގާއިމްކުރުމާއި، އޮޕަރޭޓް ކުރުމާއި، އަދި ފެން ޕްލާންޓް އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ މަސައްކަތްވެސް މިއަދު އެމްޑަބްލިޔުއެސްސީ އިން އަންނަނީ ކުރަމުންނެވެ. އަދި އެމްޑަބްލިއުއެސްސީ ޝޯރޫމުން އަންނަނީ ފެނާ ނަރުދާމާގެ ނިޒާމާ ގުޅުންހުރި، ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ތަކެތި ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ. އަދި މި ކުންފުނީގެ އައިއެސްއޯ 17025: 2005 ސްޓޭންޑަޑުގެ ލެބޯރެޓަރީ އިން ދަނީ، ރިޒޯޓުތަކާ، ފަންނީ ކޮންސަލްޓަންޓުން ފަދަ ފަރާތްތަކަށް، ވިޔަފާރީގެ އުސޫލުން ފެން ތަހުލީލު ކުރުމުގެ ހިދުމަތްވެސް ފޯރުކޮށްދެމުންނެވެ.
އުފެއްދުންތެރިކަމުގެ ދާއިރާއިން ވެސް ކުންފުނިން އަންނަނީ ފާހަގަކޮށްލެވޭ ފަދަ ބިނާކުރަނިވި މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ހުޅުމާލޭގައި ގާއިމްކޮށްފައިވާ ކާރުހާނާ އިން ފުޅީގައި ބަންދުކޮށްފައިވާ ފެން އުފެއްދުމާއި އަދި ކ. ގުޅީފަޅުގައި ގާއިމްކޮށްފައިވާ ޕައިޕް ފެކްޓަރީން ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ފެން ވައިރިންގް އަށް ބޭނުންވާ އެކި ސައިޒްތަކުގެ ހޮޅި އުފެއްދުމާއި، އަދި ކަރަންޓް ވަޔަރިންގް އަށްބޭނުންވާ އެކި ސައިޒްތަކުގެ ކޮންޑިއުޓް ހޮޅި އުފެއްދުން ހިމެނެއެވެ.
އެމްޑަބްލިޔުއެސްސީ އަކީ ދިވެހިންގެ ސިއްހީ ރައްކާތެރިކަމަށް ހެޔޮ ބަދަލުތަކެއް ގެނެސްދީ، ދިވެހިންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިން ފަހުރުވެރި ކާމިޔާބު ކުންފުންޏެކެވެ. ފެނާއި ނަރުދަމާގެ ހިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށާއި ކުންފުނީގެ ކުރި އެރުމަށް އެމްޑަބްލިއުއެސްސީގެ ހީވާގި މުވައްޒަފުން ކެނޑިނޭޅި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތައް ފާހަގަކޮށް، ހުރިހާ މުވައްޒަފުންނަށް އެމްޑަބްލިޔުއެސްސީ އިން ވަނީ އިހުލާސްތެރިކަމާއެކު ޝުކުރު އަދާކޮށްފަ އެވެ. އަދި، ކުންފުންޏަށް ކުރައްވާ އިތުބާރާއި، ބަހައްޓަވާ ގާތްކަމަށްޓަކައި، އެންމެހައި ކަސްޓަމަރުންނަށްވެސް އެމްޑަބްލިޔުއެސްސީ އިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
އެމްޑަބްލިޔުއެސްސީގެ އަމާޒަކީ ދެމެހެއްޓެނެވި، އަދި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ކުންފުނީގެ ހިދުމަތްތައް ފޯރުކޮށްދިނުމެވެ.
ކިޔުންތެރިންގެ ހިޔާލު