ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ނަގާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގެ ސުވާލު ގާނޫނުއަސާސީއާ ހިލާފުކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އިއްވުން މާދަމާއަށް ތާވަލުކޮށްފިއެވެ.
މި މައްސަލައިގެ އަޑުއެހުންތައް މިމަހުގެ 26 ވަނަ ދުވަހު ފަށައި ހަމަ އެ ދުވަހު ނިންމާލާފައިވާއިރު، ސުޕްރީމް ކޯޓުން މި މައްސަލައިގެ ހުކުމް އިއްވުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު 12:45 ގައެވެ.
އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަހުމަދު އައިކް އީސާ އާއި އިބްރާހީމް ޝިޔާމް ހުށަހެޅުއްވި މި މައްސަލައިގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ވޯޓުގައި އަހަން ކަނޑައަޅާފައިވާ ސުވާލު ފަރުމާކޮށްފައިވަނީ ގާނޫނުއަސާސީއަށް ގެނެވޭ ހަގީގީ ބަދަލުތައް ރައްޔިތުންނަށް ވަންހަނާވާ ގޮތަށް ކަމަށެވެ. އެގޮތުން، އެ ބިލުން މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ކުރުކުރާކަން ސުވާލުން ސާފުނުވާތީއާއި، ހަމައެކަނި ބިލު ތަސްދީގުކުރަން ފެނޭތޯ އެހުމަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ރޫހާ ހިލާފު ކަމެއްކަމަށް އެ ފަރާތުން ވަނީ ވަކާލާތުކޮށްފައެވެ. އަދި އެ ސުވާލުގެ މައްޗަށް ބިނާކޮށް އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ވޯޓު ނުބޭއްވޭނެކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވެއެވެ.
މިކަމަށް ރައްދުދެއްވައި ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ހައްވާ ސަނާ ވިދާޅުވެފައިވަނީ، އާންމު ވޯޓުގެ ސުވާލު އޮންނަންވީ ވަކި ހާއްސަ ގޮތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވާކަމަށެވެ. ގާނޫނުއަސާސީގެ 262 ވަނަ މާއްދާއަކީ ހަމައެކަނި ބިލެއް ތަސްދީގުކުރުމުގެ ކުރިން ރައްޔިތުންގެ ރުހުން ހޯދަންޖެހޭނެކަން ބަޔާންކުރާ މާއްދާއެއް ކަމަށާއި، ވޯޓުގައި އަހާނެ ސުވާލެއް ކަނޑައެޅުމަކީ ގާނޫނުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިހުތިޔާރެއްކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމާއި، ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
ކިޔުންތެރިންގެ ހިޔާލު