މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ލިބުނު މާލީ ކުރިއެރުމާއިއެކު ހިއްސާއަކަށް 60 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.
ރޭ ބޭއްވި ބީއެމްއެލްގެ 43 ވަނަ އަހަރީ ޖަލްސާގައި މިގޮތަށް ފާސްކޮށްފައިވާއިރު، ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 322 މިލިއަން ރުފިޔާ ބަހާނެެއެވެ.
މިއީ ބޭންކުގެ ތާރީހުގައި ވެސް ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމި އެންމެ ބޮޑު އަދަދުކަން ފާހަގަކޮށްލަން ޖެހެއެވެ.
މީގެ އިތުރުން މިހާރު ތިބި ހިއްސާދާރުންނަށް ކޮންމެ ހިއްސާއަކަށް ބޯނަސް ހިއްސާގެ ގޮތުގައި އިތުރު ދެހިއްސާ ދިނުމަށްވެސް ފާސްކޮށްފައި ވެއެވެ. މިގޮތަށް ބޯނަސް ހިއްސާ ދޫކުރުމަށްފަހު، 50 ރުފިޔާގެ މޫނު މަތީހިއްސާގެ ބުކް ވެލިއު އަކަށް ވާނީ 1015.90 ރުފިޔާއެވެ. އެހެންކަމުން މިއަހަރު ކޮންމެ ހިއްސާއަކަށް މިދެވެނީ ޖުމްލަ 2091.80 ރުފިޔާގެ ނަފާއެކެވެ.
ބޯނަސް ހިއްސާ ދޫކުރުމަށް ހުށަހަޅާ މައިގަނޑު ސަބަބަކީ ބޭންކުގެ މާކެޓް ކެޕިޓަލައިޒޭޝަން އިތުރުކޮށް ހިއްސާދާރުންނަށް ލިބޭ ނަފާ އިތުރު ކުރުމާއި، ރާއްޖޭގެ ހިއްސާގެ ބާޒާރު އިތުރަށް ފުޅާކުރުމަށް އެހީތެރިވުމެވެ.
ވޭތުވެދިޔަ އަހަރު ބޭންކުން ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ހޯދާފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 10 އިންސައްތައިގެކުރިއެރުމެކެވެ. މި ކުރިއެރުމަކީ ބޭންކުން ދޫކޮށްފައިވާ ލޯނުތަކުގެ ޕޯޓްފޯލިއޯ 25 އިންސައްތަ އިތުރުވެ، 25.2 ބިލިއަން ރުފިޔާއަށް އިތުރުވުމުން ހޯދުނު ކާމިޔާބީއެކެވެ. ބޭންކުގެ ޖުމްލަ އެސެޓް 55.8 ބިލިއަން ރުފިޔާއަށްވުރެ މައްޗަށްއުފުލިފައިވާއިރު، ކަސްޓަމަރުން ބެންކަށް ޖަމާކޮށްފައިވާ ފައިސާ ވަނީ 37.2 ބިލިއަންރުފިޔާއަށް އިތުރުވެފައެވެ.
މިއީ ކަސްޓަމަރުންގެ މެދުގައި ބޭންކަށް އޮތް އިތުބާރުގެވަރުގަދަކަން ހާމަކޮށްދޭ ކަމެކެވެ. ބޭންކުގެ ހަރުދަނާ ރިސްކް މެނޭޖްމެންޓުގެ އިތުރުން ގާނޫނު ލާޒިމުކުރާ މިންގަނޑަށްވުރެ މަތީގައި 48.1% ގައި ދެމެހެއްޓިފައި ހުރި ކެޕިޓަލް އެޑެކުއަސީ ރޭޝިއޯއާއި ލިކުއިޑީޓީ ޕޮޒިޝަނުން މި ނަތީޖާ އިތުރަށް ހަރުދަނާކޮށްދެއެވެ.
ކިޔުންތެރިންގެ ހިޔާލު